ތަރައްްޤީ

ފުވައްމުލަކުން ދޫކުރާ ފްލެޓަށް އެދުމުގެ މުއްދަތު އިތުރުކޮށްފި


ޏ.ފުވައްމުލަކުގައި ސަރުކާރުން އިމާރާތް ކުރައްވާ ހައުސިން ޔުނިޓްތަކަށް އެދި ފޯމް ހުށައެޅުމުގެ މުއްދަތު އިތުރު ކުރައްވައިފިއެވެ.

ޖޫން މަހުގެ 5 ވަނަ ދުވަހުން ފެށިގެންމިމަހުގެ 18 ވަނަ ދުވަހާ ހަމައަށް، ފޯމް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައި އޮތް ނަމަވެސް، މިމުއްދަތު މިހާރު އަންނަ ސެޕްޓެމްބަރ މަހުގެ 8 ވަނަ ދުވަހާއި ހަމައަށް އިތުރު ކުރައްވާފައިވާކަމަށް ފުވައްމުލަކު އަތޮޅު ކައުންސިލުން ވިދާޅުވެއެވެ.

ފޯމް ހުށައެޅުމުގެ މުއްދަތު އިތުރު ކުރެއްވީ ހާހަކަށް ވުރެ ގިނަ މީހުން ފޯމް ގެންގޮސްފައިވާތީ ވީހާވެސް ގިނަ ފަރާތްތަކަށް ފޯމް ހުށައެޅުމުގެ ފުރުޞަތު ދެއްވުމުގެ ގޮތުން ކަމަށް އެއަތޮޅު ކައުންސިލުން ވިދާޅުވެއެވެ. ހައުސިންގ ޔުނިޓްތައް  ލިބޭ ފަރާތްތައް ކަނޑައަޅުއްވާނީ ހައުސިންގ މިނިސްޓްރީން ފޯމްތައް ދިރާސާ ކުރެއްވުމަށްފަހު އެ މިނިސްޓްރީން ކަނޑައަޅުއްވާފައިވާ އުސޫލުގެ ތެރެއިންކަމަށް ފުވައްމުލަކު އަތޮޅު ކައުންސިލުން ވިދާޅުވިއެވެ.

ފުވައްމުލަކުގައި ސަރުކާރުން އިމާރާތް ކުރައްވާ ހައުސިންގ ޔުނިޓްތަކަށް އެދޭ ފޯމް ފުވައްމުލަކު އަތޮޅު ކައުންސިލް އިދާރާއިންނާއި ހައުސިންގ މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ.

ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ފުވައްމުލަކުގައި އިމާރާތްކުރައްވަމުން ގެންދަވާ 200 ހައުސިންގ ޔުނިޓްގެ ތެރެއިން 150 ހައުސިންގ ޔުނިޓް ޚާއްސަ ކުރައްވާފައިވަނީ ފުވައްމުލަކު ރައްޔިތުންނަށެވެ. އަދި 20 ހައުސިންގ ޔުނިޓް ފުވައްމުލަކަށް ހިޖުރަކުރުމަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަކުރައްވާފައިވާއިރު ބާކީ ފުލެޓްތައް ވިއްކުމަށް ވަނީ ހަމަޖައްސަވާފައެވެ.

ފުވައްމުލަކުގައި އިމާރާތް ކުރައްވާ ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކަށް، މިއަހަރު ނިމުމުގެ ކުރިން ފްލެޓްތައް ހަވާލު ކުރައްވާނެކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.