އދ. މަންދޫ ސްކޫލުގެ 12 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލު އިމާރާތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.
މި މަސައްކަތް އެމްޓީސީސީ ޙަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ މަންދޫ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީޅް ޝަފީޢުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.
މި މަޝްރޫޢުގެ ދަށުން މަންދޫ ސްކޫލުގައި 3 ފަންގިފިލާގެ އިމާރާތެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އިމާރާތުގައި 12 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލެއް ހިމެނޭނެއެވެ.
16.95 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
މަންދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި މަސައްކަތް ނިންމާ 2027 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ބޭނުންކުރެވޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. މިއާއެކު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެ، އެއް ދަންފަޅިއަށް ސްކޫލުގެ ކިޔެވުން ބަދަލުކުރުމަށް މަގުފަހިވެގެންދާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.