އދ.ހަންޏާމީދުގެ ކައުންސިލް އިދާރާގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވައިފިއެވެ. ކައުންސިލް އިދާރާ ހުޅުއްވައިދެއްވީ އެކަމަށްޓަކައި އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔަތުގައި ވަޒީރުންނާއި، އެ ދާއިރާގެ މެންބަރާއި، އެރަށު ކައުންސިލް މެންބަރުންގެ އިތުރުން ކައުންސިލް އިދާރާގެ މުވައްޒަފުންނާއި ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
ކައުންސިލް އިދާރާގެ އައު އިމާރާތް ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލް އިދާރާގެ އައު އޮފީސް އިމާރާތް ބައްލަވާލައްވާފައެވެ. މި އިމާރާތަކީ ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި އިދާރި މުވައްޒަފުންނަށްވެސް މަސައްކަތްކުރަން އެކަށީގެންވާ ޖާގައާއެކު ތަރައްޤީކޮށްފައިވާ އިމާރާތެކެވެ.
ކައުސިލްތަކަށް ދިމާވެފަވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ރާއްޖޭގެ 160އަށްވުރެ ގިނަ ކައުންސިލްތަކަކީ އިމާރާތް ބައުވުމާއި ޖާގައިގެ ދަތިކަމުގެ ސަބަބުން ޙައްލު ބޭނުންވެފައިވާ ކައުންސިލްތަކެވެ.
ކައުންސިލް އައު އިމާރާތްތައް އެކި ރަށްރަށުގައި އެޅުމުގެ ޚާއްސަ މަޝްރޫޢެއް ސަރުކާރުން ވަނީ ފަށްޓާވާފައެވެ. އެގޮތުން ސަރުކާރުގެ ޕީއެސްއައިޕީއިން ކުރިއަށްގެންދާ 55 ކައުންސިލް އިމާރާތްކުރުމުގެ މަސައްކަތާއި ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ 50 ކައުސިލް އިމާރާތްކުރުމުގެ މަސައްކަތްތައް މިހާރު ވަނީ ފަށްޓަވާފައެވެ.
ސަރުކާރުގެ އަމާޒަކީ މި ދައުރު ނިމޭއިރު، ކައުންސިލްގެ ޖާގައިގެ މައްސަލައަށް ޙައްލެއް ގެނެސްދިނުމެވެ.