ޒަމާނީ ދުނިޔޭގައި މުވާސަލާތީ ވަސީލަތްތަކަކީ އިންސާނީ ތަރައްޤީއާއި ކުރިއެރުމަށް ކޮންމެހެން ބޭނުންވާ އަސާސީ އެއް ބަހާއެވެ. މިގޮތުން، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގައި ބްރޯޑްކާސްޓަރުން އަދާކުރާ ދައުރަކީ މުހިންމު ދައުރެކެވެ. ކޮންމެ އަހަރެއްގެ އޮކްޓޫބަރުމަހުގެ 4 ވަނަ ދުވަސް ފާހަގަކުރަމުންދަނީ ރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަހުގެ ގޮތުގައެވެ.
ރޭޑިއޯ، ޓީވީ، އަދި އޮންލައިން ޕްލެޓްފޯމްތަކުން ޚިދުމަތްދޭ ބްރޯޑްކާސްޓަރުންނަކީ، މުޖުތަމަޢުތައް ހޭލުންތެރިކޮށް، މަޢުލޫމާތު ފޯރުކޮށްދީ، ސަގާފަތްތައް ދިރުވައި، އިޖުތިމާޢީ އެއްބައިވަންތަކަން އާލާކުރުމުގައި މައިގަނޑު ބައެކެވެ.
ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ބްރޯޑްކާސްޓަރުން އަދާކުރާ ދައުރަކީ ނުހަނު މުހިންމު ދައުރެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ހާދިސާތަކާއި، ސަރުކާރުގެ ސިޔާސަތުތަކާއި، އިޖުތިމާޢީ ކަންކަމުގެ ޚަބަރުތައް އަވަސް މިނެއްގައި އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަކީ ބްރޯޑްކާސްޓަރުންގެ މައިގަނޑު މަސްއޫލިއްޔަތެކެވެ.
މިއީ ރައްޔިތުންނަށް ދިމާވާ މައްސަލަތަކާއި، ޤައުމީ ކަންކަމުގައި ބައިވެރިވެ، ނިންމުންތައް ނިންމުމަށް ބޭނުންވާ އަސާސީ މަޢުލޫމާތު ފޯރުކޮށްދިނުމުގެ އެންމެ ވަރުގަދަ ވަސީލަތެވެ. މިކަމުގެ ސަބަބުން، ރައްޔިތުންނަކީ މުޖުތަމަޢުގައި ހިނގާ ކަންކަމާއި މެދު ވިސްނައި ހޭލުންތެރި ބައެއްގެ ގޮތުގައި ތިބުމަށް އެހީތެރިވެދެއެވެ.
ޤައުމީ ފެންވަރެއްގައި ބްރޯޑްކާސްޓިންގ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ޤައުމު ބިނާކުރުމާއި، ޑިމޮކްރެސީ އާލާކުރުމާއި، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު މުއްސަނދިކުރުމުގައި ބްރޯޑްކާސްޓަރުން އަދާކުރާ މުހިންމު ދައުރުގެ އަގު ވަޒަންކޮށް، އެ ސިނާއަތުގެ ތަރައްޤީއަށް މަގުފަހިކުރުމެވެ.
ރާއްޖެއަކީވެސް ބްރޯޑްކާސްޓިންގ ދާއިރާގެ ދިގު ތާރީޚެއް އޮތް ޤައުމެކެވެ. ރާއްޖޭގައި ރަސްމީ ސިފައެއްގައި ބްރޯޑްކާސްޓިންގގެ ޚިދުމަތް ފެށިގެން އައީ ރޭޑިއޯގެ ޚިދުމަތާއެކުގައެވެ. އެއީ މީގެ 63 އަހަރު ކުރިން 29 ޑިސެމްބަރު 1962 ގައެވެ. އޭރު ރޭޑިއޯގެ ޚިދުމަތް ދެމުން އައީ މަދު ވަގުތުކޮޅަކަށް ރާއްޖޭގެ ވަކި ހިސާބަކަށެވެ. ނަމަވެސް މިއަދު ދާއިރާއަށް އައި ކުރިއެރުންތަކާއެކު ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ރޭޑިއޯގެ ޚިދުމަތް 24 ގަޑިއިރަށް ފޯރުކޮށްދެއެވެ.
ބްރޯޑްކާސްޓިންގެ ތެރެއިން ޓީވީގެ ޚިދުމަތް ރާއްޖޭގައި ފެށިފައިވަނީ 1978 ވަނަ އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ ޓީވީ މޯލްޑިވްސްގެ ޚިދުމަތާއެކުގައެވެ. މި ދެ ޚިދުމަތަކީވެސް ސަރުކާރުން ފޯރުކޮށްދެމުންދިޔަ ޚިދުމަތެއްގެ ގޮތުގައި ޒަމާންތަކެއް ވަންދެން އޮތްއޮތުން ނިމުމަކަށްގެނެސް މި ސިނާޢަތުގައި ހަރަކާތްތެރިވުމަށް އަމިއްލަ ފަރާތްތަކަށް ރާއްޖޭގައި ހުޅުވާލީ 2006 ވަނަ އަހަރުގެ ތެރޭގައެވެ.
މިހާރު ޓީވީއާއި ރޭޑިއޯ ޗެނަލްތަކުގެ ޚިދުމަތް އެކި ފަރާތްތަކުން ފޯރުކޮށްދެމުން އަންނައިރު ބްރޯޑްކާސްޓްކުރުމުގެ އިތުރަށް ރީ-ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތްވެސް ވަނީ ފަހިވެގެންގޮސްފައެވެ.
މުޖުތަމަޢު ހޭލުންތެރިކުރުވުމުގައި ބްރޯޑްކާސްޓަރުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ވަރަށް ބޮޑެވެ. ހަމައެކަނި ޚަބަރު ފެތުރުމުގެ ބަދަލުގައި، އެހެނިހެން މުހިންމު މައުޟޫތަކަށްވެސް މުޖުތަމަޢު އަހުލުވެރިކުރުވުމުގައި ބްރޯޑްކާސްޓަރުންގެ ޒިންމާ ބޮޑެވެ.
އެގޮތުން ސިއްޙީ ހޭލުންތެރިކަން އިތުރުކުރުމާއި، ތިމާވެށި ރައްކާތެރިކުރުމާއި، ތަޢުލީމީ ޕްރޮގްރާމްތަކާއި، ދީނީ އަދި ސަގާފީ ހޭލުންތެރިކަން އާލާކުރުމަކީ ބްރޯޑްކާސްޓަރުންގެ މުހިންމު ދައުރުތަކެކެވެ.
ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު، އާންމުންނަށް މަޢުލޫމާތު ލިބޭ ގޮތްތަކަށް މިއަދު މިވަނީ ބޮޑެތި ބަދަލުތަކެއް އަންނަން ފަށާފައެވެ. ޑިޖިޓަލް ބްރޯޑްކާސްޓިންގ، އިންޓަރނެޓް މެދުވެރިކޮށް ލައިވް ސްޓްރީމިންގ، އަދި ސޯޝަލް މީޑިއާގެ ބޭނުންކުރުމަކީ މިޒަމާނުގެ ބްރޯޑްކާސްޓަރުން އަހުލުވެރިވުން މުހިންމު ކަންކަމެވެ. އައު ޓެކްނޮލޮޖީއަށް ހޭނި، އާންމުންގެ ބޭނުންތަކާ އެއްގޮތަށް ޚިދުމަތްތައް ފުޅާކުރުމަކީ ބްރޯޑްކާސްޓަރުންގެ ދާއިރާ ދިގު މުއްދަތަކަށް ދެމިގެންދިއުމަށްޓަކައި މުހިންމު ކަމެކެވެ.
ބްރޯޑްކާސްޓަރުންނަކީ ޒަމާނީ މުޖުތަމަޢުތަކުގެ މުހިންމު ތަނބެކެވެ. ޚަބަރާއި މަޢުލޫމާތު ފެތުރުމާއި، މުޖުތަމަޢު ހޭލުންތެރިކުރުމާއި، ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމުގައި އެފަރާތްތަކުން އަދާކުރާ ދައުރު ޤައުމީ ސިފައެއްގައި ބަލައިގަންނަންޖެހެއެވެ.
މި ދާއިރާ ކުރިއެރުވުމަށްޓަކައި، އަބަދުވެސް ޒަމާނާ އެއްގޮތަށް ބަދަލުވެ، އައު ޓެކްނޮލޮޖީގެ ބޭނުންކުރުމަށް ސަމާލުކަން ދޭންޖެހެއެވެ. ބްރޯޑްކާސްޓަރުންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އެ ދާއިރާ އިތުރަށް ކުރިއެރުވުމަށް މަސައްކަތްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.