ޚަބަރު

ފަތުރުވެރިކަމުގެ ސިނާޢަތުގެ އެންމެންގެ މަސައްކަތުން މިއަހަރުގެ އަމާޒަށް ވާސިލުވާނެ: ވަޒީރު ޠާރިޤު


  • ސެޕްޓެމްބަރު މަހުގެ ނިޔަލަށް 1.6 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވޭ

  • މިއަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކަން ވަޒީރު ފާހަގަކުރެއްވި

ފަތުރުވެރިކަމުގެ ސިނާޢަތުގެ އެންމެންގެ މަސައްކަތުން މިއަހަރު ރާއްޖެއަށް ފަތުރުވެރިން ގެންނަން އަމާޒު ހިފިވަރަށް ވާސިލްވާނެކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ޕީއެސްއެމްގެ ޓެލެވިޜަން މޯލްޑިވްސްއިން ގެނެސްދިން "ހޭޔަންބޯ" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް 2 މިލިޔަނަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށެވެ. އަދި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 1.63 މިލިޔަން ފަތުރުވެރިން އައިސްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އާންމު ގޮތެއްގައި ސެޕްޓެމްބަރު ބަހަކީ ރައްޖެއަށް އަންނަ ފަތުރުވެރިން މަދުވާ ދުވަސްކޮޅެކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިދިޔަ 3 އަހަރާ އަޅާ ބަލާއިރު ރައްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު %9.7 އިތުރުވެފައިވާކަމަށެވެ.

މިިދިޔަ އަހަރަށް ވުރެ ގިނަ ފަތުރުވެރިން މިއަހަރު ރާއްޖެއަށް އަންނަމުންދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިއަހަރުގެ އަމާޒަކީ 2.3 މިލިޔަން ފަތުރުވެރިން ރާއްޖެ ގެނައުންކަމަށާއި މި ސިނާއަތް ވަރުގަދަކޮށް އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށެވެ. އަދި ސިނާޢަތުގައި މަސައްކަތް ކުރާ އެންމެންގެ މަސައްކަތުން މިއަހަރުގެ އަމާޒު ހާސިލްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ވިޒިޓް މޯލްޑިވްސްއިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރޭ. ދުނިޔޭގެ އެކި ޤައުމުތަކުގައި ރޯޑް ޝޯވްތައް ބޭއްވުމާއި މުހިއްމު ފެއަރތަކުގައި ބައިވެރިވުން ހިމެނޭ. ރާއްޖޭގެ ޓޫރިޒަމްގައި ރިސޯޓްތަކުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާ. ވިޒިޓް މޯލްޑިވްސްއާއި މި ސިނާއަތުގެ މަސައްކަތް ކުރާ އެންމެން ކުރާ މަސައްކަތުން މިއަހަރު އަމާޒަށް ވަޞީލްވެވޭނެ." ފަތުރުވެރިކަމާ ބެހޭ ވަޒީރު ތާރިޤު އިބްރާހީމް ވިދާޅުވިއެވެ.

މި ސިނާއަތް ކުރިއެރުވުމަށްޓަކައި އަދިވެސް ބޮޑެތި މަސައްކަތްތަކެއް ކުރަން ހުރިކަން ފާހަގަކުރައްވާ ވަޒީރު ވަނީ ފަތުރުވެރިކަމާ ގުޅުން ހުރި ޤާނޫނުތަކާއި ޤަވާއިދުތަކުގެ ތެރެއިން އިސްލާހް ގެންނަން ޖެހޭ ކަމުގައި ވަނީނަމަ އެކަންވެސް ކުރާނީ ސިނާޢަތުގައި ޝަމިލްވާ ފަރާތްތަކުގެ ކަންބޮޑުވުންތައް ބަލާ އެމީހުންގެ ބައިވެރިވުމާއެކުގައިކަމަށް ވިދާޅުވެފައެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި 1276 ތަނެއް ވަނީ ހުޅުވާފައެވެ. މި ހުރިހައި ތަނެއްގެ ބެޑް ކެޕޭސިޓީ 64،719 އަށް އަރައެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އެންމެ ބޮޑު އިންސައްތައެއް ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގައެވެ.