ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން އިސްނަގައިގެން ރައްޔިތުން ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ "އަހަންނަކީ ނޫސްވެރިއެއް" ޕްރޮގުރާމްގެ ޒަރިއްޔާއިން ތަފާތު އެކި ދާއިރާތަކުން ދަނީ މައުލޫމާތު ފޯރުކޮށްދެމުންނެއެވެ. އައްޑޫ ސިޓީގައި ފެށި މި ޕްރޮގްރާމަކީ އަތޮޅުތަކުގައި މިގޮތަށް ކުރިއަށްގެންދާ 4 ވަނަ ޕްރޮގުރާމެވެ.
ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ސިލްސިލާ ގޮތެއްގައި ހިންގާ މި ޕްރޮގްރާމަކީ, އެ ޕްރޮގްރާމެއް އަމާޒު ކުރާ އަތޮޅުތަކަށް ނިސްބަތްވާ އޮންލައިން އަދި ބްރޯޑްކާސްޓް މީޑިއާ އަދި ނޫސްވެރިންގެ އިތުރުން އިޖުތިމާޢީ މަސައްކަތް ކުރާ ޖަމްޢިއްޔާތަކާއި، ސަރުކާރުގެ އޮފީސްތަކާއި ކައުންސިލް އިދާރާތަކަށް ބޭނުންތެރި ދާއިރާތަކުން ޢިލްމީ ފެންވަރުގައި މަޢުލޫމާތު ފޯރުކޮށްދޭ ޕްރޮގްރާމެކެވެ. މި ޕްރޮގުރާމްގެ މަޤުޞަދަކީ ދޮގު ޚަބަރާއި މަޢުލޫމާތުތަކަށް ހޭލުންތެރިކުރުވުމާއި، މީޑިއާއަށް ވިލުންތެރި މަސައްކަތްތެރިން އުފެއްދުމެވެ.
އެގޮތުން, އެކިއެކި މަންސަތަކުގައި ފެތުރެމުންދާ އަދި ގަސްތުގައި ފަތުރާ ޚަބަރާއި މަޢުލޫމާތުގެ ސައްހަކަން ދެނެގަންނާނެ ގޮތްތަކާއި އެ މަޢުލޫމާތަކާ ގުޅިގެން އެ ބަޔަކު ނިސްބަތްވާ މުޖުތަމަޢުގައި ބައިވެރިންނަށް އަމަލު ކުރެވިދާނެ އަދި އަދާކުރެވިދާނެ ދައުރު ބުނެދިނުން ހިމެނެއެވެ. އަދި ނޫސްވެރިކަމުގެ ޢާންމު ހަމަތަކާއި, ތަހުޤީޤީ ނަޒަރިއްޔާއަކުން ކަންކަން ދެނެގަންނާނެ ގޮތްތަކާއި ބަވަނަވަމުން ދާ މި ދުނިޔޭގައި އުފަންވެ އަދި އުފަންވަމުން އަންނަ އާ ޓެކްނޮލޮޖީގެ އަލީގައި ތެދާއި ދޮގު ދެނެގަތުމަށް ދަސްކޮށް ދިނުން ހިމެނެއެވެ.
މި ޕްރޮގްރާމްގެ ޒަރިއްޔާއިން ބައިވެރިންނަށް މި ދާއިރާތަކުން ކަންކުރާނެ ގޮތްތަކުގެ މައުލޫމާތު ދަނީ ފޯރުކޮށްދެމުންނެއެވެ. ޕްރޮގްރާމްގެ ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމާއި ޝަކުވާތަކާއި އަމަލު ކުރާނެ ގޮތުގެ މުހިންމު މައުލޫމާތުތަކެއް ދަނީ ފޯރުކޮށްދެމުންނެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ޕްރޮގްރާމްގެ ސަބަބުން ކޮންމެ މީހަކީވެސް ސައްހަ މައުލޫމާތު ފެތުރުމާއި އަދި ދޮގު ޚަބަރު ފަތުރާނަމަ އެކަމަށް ފިޔަވަޅު އެޅޭނެ ބަޔަކަށް ވެގެންދާނެކަމަށެވެ. އަދި މުޖްތަމައުގައި ހިނގާ ނޭދެވޭ ކަންކަން އެއޮންތައް އުސޫލެއްގެ ތެރެއިން ކަމާއި ބެހޭ ފަރާއްތަކަށް ފޯރުކޮށްދިނުމުގެ މަގު ފަހިވެގެންދާނެކަމަށް ވިދާޅުވިއެވެ.
އައްޑޫގައި ފެށި ތަމްރީން ޕްރޮގުރާމް ކުރިއަށްދާނީ 3 ދުވަހުގެ މުއްދަތަކަށެވެ. މި ޕްރޮގުރާމްގައި އައްޑޫސިޓީގެ އެކި ރަށްތަކުން ޖުމުލަ 37 މީހުން ބައިވެރިވެއެވެ. ބައިވެރިންގެ ތެރޭގައި ކައުންސިލް އިދާރާއާއި ސަރުކާރު އެކި އިދާރާތަކުގެ މުވައްޒަފުންނާއި މި ސަރަހައްދުގައި ހިންގާ އޮންލައިން ނޫސްތަކުން ބައިވެރިވެއެވެ.