ޚަބަރު

ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ޑިސެމްބަރުމަހު ނިންމުމަށް ދަނީ މަސައްކަތްކުރަމުން: އެފްޑީސީ


  • 25 މީހުންނާ ތަޅުދަނޑި ހަވާލުކޮށްފި

  • 3000އަށްވުރެ ގިނަ މީހުންނާއެކު ވަނީ ސޮއިކޮށްފައި

ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް ލިބޭ މީހުންނަށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތްތައް ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން އެފްޑީސީން ވިދާޅުވެއްޖެއެވެ.

ގެދޮރުވެރިޔާ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް އެފްޑީސީން ފެށީ، ސެޕްޓެމްބަރު 28ވަނަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން އެފްޑީސީން ވިދާޅުވީ މިހާތަނަށް 25 މީހަކާ، ހައުސިން ޔުނިޓްގެ ތަޅުދަނޑި ހަވާލުކޮށްފަވާކަމަށެވެ. އަދި އިތުރު 74 މީހުންނާ ތަޅުދަނޑި ހަވާލުކުރުމަށް ޝެޑިއުލްކޮށްފަވާކަމަށެވެ.

އެންމެ ފުރަތަމަ ހަވާލުކުރަމުންދަނީ މި މަޝްރޫޢުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން، އަމާން އުދަރެހުގެ 14ވަނަ ޓަވަރުގެ ހައުސިން ޔުނިޓްތަކެވެ.

ފްލެޓް ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިހާތަނަށް 3000 އަށްވުރެ ގިނަ މީހުންނާއެކު ވަނީ ސޮއިކޮށްފައެވެ. ތަޅުދަނޑި ހަވާލުކުރަނީ، އެއްބަސްވުމުގައި ސޮއިކޮށް، ޑިޕޮސިޓް ފައިސާ ދެއްކުމުންނެވެ. މިހާތަނަށް 3160 އަށްވުރެ ގިނަ މީހުންނާއެކު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އަދި ހާހެއްހާ މީހުން ވަނީ ފްލެޓަށް ޑިޕޮސިޓް ދައްކާފައެވެ.

ސަރުކާރުން ކަނޑައަޅާފައިވަނީ 2 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15000 ރުފިޔާގެ ޑިޕޮސިޓް އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25000 ހާސް ރުފިޔާގެ ޑިޕޮސިޓް ދެއްކުމަށެވެ.

ގަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ބޮޑު ސަބްސިޑީއެއް ދޭން ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ގަވާއިދުން ކުލި ދައްކާނަމަ 3 ކޮޓަރީގެ އެޕާޓްމަންޓަށް މަހަކު 9000 ރުފިޔާ އަދި 2 ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ކުލި 7000 ރުފިޔާއަށް ކުޑަކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ސަރުކާރުން ފްލެޓްތައް ހަވާލުކުރަނީ ފިނިޝިން ހުރިހާ މަސައްކަތްތައް ނިންމުމަށްފަހުގައެވެ.
ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރުމަށް، އޭގެ ލިސްޓް ކަނޑައެޅުމުގެ މަސައްކަތް ކުރަނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިންނެވެ.

އެފްޑީސީން ސޮއިކުރަމުންދަނީ މިނިސްޓްރިއިން ފޮނުވާ ލިސްޓަށެވެ. މިނިސްޓްރީއިން ވިދާޅުވީ 4000 މީހުންގެ ލިސްޓުގައި ހިމެނޭ ބައެއް މީހުންގެ މަޢުލޫމާތުތައް އަދުވެސް ރިވިއުކުރަމުންދާކަމަށެވެ. އެ ލިސްޓު ރިވިއުކުރުމުގެ މަސައްކަތްތައް ނިމޭނެ ވަކި ތާރީޚެއް ނޭނގޭކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.