ތިމާވެށި

ޑިސްޓްރިކްޓް ކޫލިންގް ނިޒާމެއް ޤާއިމްކުރުމާބެހޭ ވޯކްޝޮޕެއް


އެންވަޔަރަމަންޓް މިނިސްޓްރީއާއި ޑެވްކޯ ގުޅިވަޑައިގެން ރާއްޖޭގައި ޑިސްޓްރިކްޓް ކޫލިންގް ފީސިބިލިޓީ ދެނެގަތުމަށް މަސައްކަތު ބައްދަލުވުމެއް ފަށްޓަވައިފިއެވެ. 

މި މަސައްކަތު ބައްދަލުވުން ފެއްޓެވުމުގެ ރަސްމިއްޔާތުގައި އެންވަޔަަރަމަންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް ޑރ. ޢަބްދުﷲ ނަޞީރު ވާހަކަދައްކަވަމުން، އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުން ޙާޞިލްކުރުމަށްޓަކައި، ދިވެހިރާއްޖެއިން ލިބެން ހުރި ޢިއާދަކުރަނިވި ހަކަތައިގެ ވަޞީލަތްތައް ބޭނުންކޮށް، ރާއްޖެއިން ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ ދިވެހި ސަރުކާރުގެ އަމާޒެއްކަން ފާހަގަކުރެއްވިއެވެ. އަދި މި ބައްދަލުވުމަކީ ދިވެހިރާއްޖެ ލޯ-ކާބަން އިކޮނޮމީ ޤައުމަކަށް ހެދުމުގެ ލަނޑުދަނޑިއަށް ވާޞިލްވުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅަކަށް ވެގެންދާނެ ކަމަށްވެސް ޑރ. ނަޞީރު ވިދާޅުވިއެވެ.

"އެޗްއެފްސީ އަދި އެޗްސީއެފްސީ އެއާރ ކޮންޑިޝަނަރުތަކުގެ ބަދަލުގައި ޒަމާނީ ޓެކްނޮލޮޖީގެ މައްޗަށް ބިނާވެފައިވާ ޑިސްޓްރިކްޓް ކޫލިންގ ނިޒާމެއް މާލެއާއި ހުޅުމާލޭގައި ޤާއިމުކުރުމަކީ 2020 ވަނަ އަހަރުގެ ނިޔަލަށް އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލުމާއި، ދިވެހިރާއްޖެއަކީ ލޯ-ކާބަން އިކޮނޮމީ ޤައުމަކަށް ހެދުމުގެ ލަނޑުދަނޑިއަށް ވާޞިލްވުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް" ނަޞީރު ވިދާޅުވިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ ޑިސްޓްރިކްޓް ކޫލިންގ ފީސިބިލިޓީ ސްޓަޑީއެއް މީގެ ކުރިން ހަދާފައިވާ ކަމަށެވެ. އަދި މި ރިޕޯޓުގެ ހޯދުންތަކުން ދައްކާގޮތުގައި ޑިސްޓްރިކްޓް ކޫލިންގ ނިޒާމެއް ޤާއިމުކުރުމަށް އެންމެ އެކަށޭނެ ތަނަކީ ހުޅުމާލެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. 

މިއަދު ބާއްވާ އެއްދުވަހުގެ މަސައްކަތު ބައްދަލުވުމުގައި ސަރުކާރުގެ ކަމާގުޅުން ހުރި ދާއިރާތަކުން ވިހި ބޭފުޅުން ބައިވެރިވެއެވެ.