ތ.ދިޔަމިގިއްޔާއި އެއަތޮޅު މަޑިފުށި އަދި ތ.އުފުރިޔާ ގުޅާލާ ކޯޒްވޭގެ މަސައްކަތް 1 އަހަރާ 6 މަސް ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ދިޔަމިގިލީ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވަނީ ކޯޒްވޭ ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށަށް މިވަގުތަށް އެންމެ މުހިންމީ، ކޯޒްވޭއާއި ހެލްތް ސެންޓަރު އެކްސްޓެންޝަން އަދި ސްކޫލްގެ ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތްކަމަށެވެ. ތ.ދިޔަމިގިއްުޔާއި އެއަތޮޅު މަޑިފުށި ގުޅާލާ ކޯޒްވޭގެ މަސައްކަތާ ގުޅޭގޮތުން ރައީސް ވިދާޅުވީ ކޯޒްވޭގެ ސަބަބުން ދެ ރަށަށްވެސް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށެވެ.
"ކޯޒްވޭގެ މަސައްކަތް ފެށިގެން މި ދިޔައީ. މި މަސައްކަތް 18 މަސް ދުވަހުގެތެރޭގައި ނިންމާނަން. ހުރިހާ ރައްޔިތުންނަށް މީގެ އުފާ ފާގަތިކަން ލިބޭނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަށުގައި މިހާރު ފަށާފައިވާ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ނިމި، ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ތާރު އަޅާ ޒަމާނީ ފެންވަރަށް މަގު ތަރައްޤީކުރުމުގެ މަސައްކަތްވެސް ފައްޓަވާނޭކަމަށެވެ. އަދި ރަށްގިރުމުގެ މައްސަލައަށް ޙައްލު ގެނައުމަށް، އެކަމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ތައުލީމު ފޯރުކޮށްދިނުމަށް ރަށުގައި ހުރި ދަތިތައް ހައްލުކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.
"ރަށުގައި އޭލެވެލް ފެށުމަށްވެސް މިވަނީ ދަތިވެފައި. މިހާރު ކޮންޓްރެކްޓަރާ ވާހަކަދައްކާ، މަސައްކަތް އަވަސްކުރަން މިވަނީ ފެށިފަ. ސަރުކާރުން މާލީ ކަންކަން ހަމަނުޖައްސަދީގެން ނޫން މަސައްކަތް ލަސްވަނީ. އެހެންވީމަ ދޭ ޔަގީންކަމަކީ އަންނަ ދިރާސީ އަހަރަށް މި މަސައްކަތް ނިންމާނެކަމުގެ ޔަގީންކަން. 10 ކްލާސްރޫމާ މަލްޓިޕަރަސް ހޯލެއްވެސް ތަރައްޤީކުރާނަން." ރައީސް ވިދާޅުވިއެވެ.
ދިޔަމިގިލީގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްޤީކުރުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ފުޓުބޯޅަ ދަނޑު ލައިޓު ހަރުކޮށް، ފެންސް ޖަހާ ތަރައްޤީކޮށް ކައުންސިލަށް ތަކެތި ފޯރުކޮށްދީގެން ވޮލީކޯޓެއްވެސް ތަރައްޤީކޮށްދެއްވާނެކަމަށެވެ. ރައީސް ވިދާޅުވީ ރަށުގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް، ފަށާފައިވާ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށި، އަންނަ އަހަރުގެތެރޭގައި ނިންމަވާނެކަމަށެވެ. އެއާއެކު 24 ގަޑިއިރު ޚިދުމަތްދޭ ޒަމާނީ، ހެލްތް ސެންޓަރަކަށް ޚިދުމަތް ބަދަލުވެގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.