އުޞޫލާ ޚިލާފަށް ބޭނުންކުރާތީ ރައީސުލްޖުމްހޫރިއްޔާ އޮފީސް ކުރިމަތީގައި ހުޅުވި މީޑިއާ ފެންޑާ އުވާލައިފިއެވެ.
މީޑިއާ ފެންޑާއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިނގާ ކަންކަމާއި، އެ ސަރަޙައްދުގައި ހިމެނޭ ސަރުކާރު އޮފީސްތަކުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ހޯދައި، މީޑިއާ ކަވަރޭޖް ހަދަން ނޫސްވެރީން ތިބުމަށް ޚާއްޞަކޮށްގެން، ނޫސްވެރީންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން 29 މެއި 2025 ގައި ޤާއިމުކުރި ތަނެކެވެ. މީޑިއާ ފެންޑާ ބޭނުންކުރުމުގައި އަމަލުކުރާނެ އުސޫލުވެސް ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުގައި ސަރުކާރުން ވަނީ އާންމުކޮށްފައެވެ.
ރައީސް އޮފީހުން ވިދާޅުވީ އުޞޫލުގެ ދަށުން، މީޑިއާ ފެންޑާ ބޭނުން ކުރަން ރާއްޖޭގެ މީޑިއާތަކުން ކަނޑައެޅި ނޫސްވެރީންނަށް އެތަން ބޭނުންކުރުމުގެ ރަސްމީ ހުއްދަ ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެތަން ބޭނުންކުރުމުގެ ހުއްދަ ހޯދާފައި ނުވާ ބަޔަކު، މީޑިއާ ފެންޑާއަށް ނޫސްވެރީންގެ ނަމުގައި ވަދެ، އެތަން ބޭނުންކުރުމުގެ އުޞޫލުތަކާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ހިންގަމުން ގެންދާ ކަމަށް ވިދާޅުވިއެވެ.
އެ ތަނުގައި ތިބެ ޚަބަރާއި މަޢުލޫމާތު ހޯދުމުގެ މަސައްކަތް އެއްގޮތަކަށްވެސް ނުކުރެވޭކަމުގެ ޝަކުވާ، އެތަން ބޭނުންކުރުމުގެ ހުއްދަ ނަގާފައިވާ ބައެއް ނޫސްވެރިން ކުރަމުންއަންނަ ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ. އަދި ގްރީންޒޯންގައި ހުންނަ އެ މީޑިއާ ފެންޑާގައި ޢާއްމު މަޞްލަޙަތު ގެއްލޭ، އަދި ޢާއްމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ކުރަމުން ދިއުމުގެ ސަބަބުން، އެ ސަރަޙައްދުގައި ހުންނަ ސަރުކާރުގެ އޮފީސްތަކަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ހުއްދަ ނުނަގާ ބަޔަކު މީޑިއާ ފެންޑާއަށް ވަދެ، އެތަނުގައި ޚަބަރާއި މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރަން ހުރަސް އަޅައި، ގްރީންޒޯންގެ ނިޒާމު ގެއްލޭގޮތަށް ޢަމަލުކުރަމުން ދިއުމަކީ، މީޑިއާ ފެންޑާ ބޭނުންކުރުމަށް ކަނޑައަޅައި ޢާއްމުކޮށްފައިވާ އުޞޫލުގެ ބައެއް މާއްދާތަކާ ޚިލާފު ޤާނޫނީ ކުށެއް ކަމަށްވެސް ރައީސް އޮފީހުން ނެރުއްވި ބަޔާނުގައި ވިދާޅުވިއެވެ.
ރައީސް އޮފީހުން ވިދާޅުވީ މީޑިއާ ފެންޑާ އުފެއްދި ބޭނުން އެތަން ހުޅުވީއްސުރެ މި ފާއިތުވީ 3 މަހެއްހާ ދުވަހުވެސް ހިފަމުން ނުގެންދާތީ، މީޑިއާ ފެންޑާ މިއަދުން ފެށިގެން އުވާލާފައިވާ ކަމަށެވެ. މީޑިއާ ފެންޑާ އުވާލި ނަމަވެސް ރައީސް އޮފީހާއި އެ އޮފީސް ކައިރީގައި ހުރި އިދާރާތައް އަދި އެ ސަރަޙައްދުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ކަވަރުކުރުމުގެ އިންތިޒާމު އެކަމަށް ބޭނުންވާ ނޫސްވެރީންނަށް އެހެން ގޮތަކަށް ހަމަޖައްސައިދެވޭނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.