ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އައުޓްރީޗް ކެމްޕަހެއް ހއ. އިހަވަންދޫގައި ޤާއިމްކޮށްފިއެވެ. މިއީ އިހަވަންދޫ ކައުންސިލުން އިސްނަގައިގެން އެމްއެންޔޫއާއި ގުޅިގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.
ހއ. އިހަވަންދޫގައި އެމްއެންޔޫގެ ކެމްޕަސް ހިންގުމަށް ބޭނުންވާ އިމާރާތުގެ މަސައްކަތް ނިންމާ އިހަވަންދޫ ކައުންސިލުން ވަނީ އެ އިމާރާތް އެމްއެންޔޫއާ ހަވާލުކޮށްފައެވެ.
އިހަވަންދޫ އެމްއެންޔޫ ކެމްޕަސް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންއެންޔޫގެ ވައިސް ޗާންސެލަރ އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ އިހަވަންދޫއަކީ ޒަމާނުއްސުރެ ތައުލީމަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަން ދޭ ބައެއްކަން ތާރީޚުން އެނގެން އެބައޮތްކަމަށެވެ. ޝެހެނާޒް ވިދާޅުވީ އިހަވަންދޫ ދަރިވަރުން ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ހޯދާފައިވާ ކާމިޔާބީތަކަކީ މިކަމުގެ ހެއްކެއްކަމަށެވެ.
ޝެހެނާޒް ވިދާޅުވީ އިހަވަންދޫ ކެމްޕަހުގައި ކޯސްތައް ހިންގުމުގެ އިތުރުން ދިރާސާތައް ކުރެވި ދަރިވަރުންނަށް ބޭނުންވާ އަމަލީ ތަޖުރިބާއާއި ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. މި ކެމްޕަހުގެ ސަބަބުން މުޅި އިހަވަންދިއްޕޮޅަށް މިކަމުގެ ފައިދާ ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ތައުލީމީ ގޮތުންނާއި އިޤްތިޞާދީގޮތުންނާއި އިޖްތިމާޢީ ގޮތުން ކުރިއެރުން އަންނާނެކަމަށް ޝެހެނާޒް ވިދާޅުވިއެވެ.
"އުންމީދަކީ މިމަރުކަޒުގެ ސަބަބުން އިހަވަންދޫ އަދި މުޅި ރާއްޖޭގެ މަތީ ތައުލީމު ކުރިއަރައިގެން ދިޔުން. އަންނަ އަހަރު މިކެމްޕަހުގައި ކޯސްތައް ފެށިގެންދާނެ. އުންމީދުކުރަނީ މި ކެމްޕަހުން ކިޔަވާ ދަރިވަރުން ޤައުމަށް އެކި ދާއިރާތަކުން ޚިދުމަތް ކުރުން " ވައިސް ޗާންސެލަރ ޝެހެނާޒް އާދަމް ވިދާޅުވިއެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް އަހުމަދު ޞަބާހު ވިދާޅުވީ މިމަސައްކަތަކީ އިހަވަންދޫ ރައްޔިތުން ޒަމާނުންސުރެ ބޭނުންވެފައިވާ ކަމެއްކަމަށެވެ. އަދި މިއީ ކައުންސިލްގެ ވައުދުތަކުގެ ތެރޭގައިވެސް ހިމެނޭ މުހިންމު މަސައްކަތެއްކަމަށާއި، މިއީ މުޅި ހއ. އަތޮޅަށް ލިބިގެންދިޔަ ކުރިއެރުމެއްކަމަށް ވިދާޅުވިއެވެ. ޞަބާހު ވިދާޅުވީ މިއިމާރާތް އެޅުމަށް ކައުންސިލް ބަޖެޓުން 13 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ. މި ކެމްޕަހަކީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ އިމާރާތެއްކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
"މި އިމާރާތް ހަވާލުކުރެވިގެން މިދިޔައީ 35 އަހަރުގެ މުއްދަތަކަށް. އިމާރާތް ބޭނުންކުރުމުގައިވެސް ފަސޭހަގޮތްތަކެއް އޮންނާނެ. އެހެން ޔުނިވާރސިޓީތަކާއެކު ކޮލެޖުތަކާއެކުވެސް ކޯސްތައް ހިންގާނެ ފުރުސަތު އޮންނާނެ. ކޯސްތައް ހިންގުމާއި ކުދިން ހޯދުމުގެ އެންމެހާ ކަންކަމުގައި އެހީތެރިކަން ލިބޭނެ" އިހަވަންދޫ ކައުންސިލްގެ ރައީސް އަހުމަދު ޞަބާހު ވިދާޅުވިއެވެ.
މި އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ އައިޝަތު ޝެހެނާޒް އާދަމްއެވެ. އިހަވަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަހުމަދު ޞަބާހުއެވެ. މި ރަސްމިއްޔާތުގައި އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރާއި، އެމްއެންޔޫގެ ޗާންސެލަރ އާއި އެމްއެންޔޫގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.