ޚަބަރު

ރުއް އިންދުމުގެ މަޝްރޫއު: މިހާތަނަށް 10 ރަށަކުން 600 ރުއް އިންދައިފި


  • ރުކުގެ އައު ޖީލެއް އުފެއްދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން

  • އެގޮތުުން ފެންވަރު ރަނގަޅު ރުކުގެ މުޑުވައް އާލާކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުން

ރުއް އިންދާ އާލާކުރުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 10 ރަށަކުން 600 ރުއް އިންދައިފިއެވެ.

60 ރުއް އިންދުމުގެ ހަރަކާތަކީ ސަރުކާރުން ފައްޓަވާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން ކުރިއަށްގެންދާ ހަރަކާތެކެވެ. ސަރުކާރުން ފައްޓަވާފައިވާ ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް ހަ ލައްކައާއި ގާތްކުރާ އަދަދަކަށް ގަސް ވަނީ އިންދާފައިވެއެވެ.

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސާބާގައި ހުޅުމާލޭގައި 60 ރުއް، އިންދުމުގެ ހަރަކާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ވަޒީރު ޑރ. މަރިޔަމް މާރިޔާ ރާއްޖޭގެ ހުރިހާ ރަށެއްގައި ރުއް އިންދުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކަށް ވަނީ މި އިލްތިމާސް ފޮނުވާފައެވެ. މިއާއެކު، ރާއްޖޭގެ އެކި ރަށްތަކުގައި މިވަނީ ރުއް އިންދަން ފަށާފައެވެ.

މިހާތަނައް 60 ރުއް އިންދާފައިވާ ރައްތައް:

  • ލ. ފޮނަދޫ
  • ގދ. މަޑެވެލި
  • ކ. ކާށިދޫ
  • ގދ. ފިޔޯރީ
  • ހއ. ކެލާ
  • ރ. މާކުރަތު
  • ށ. މަރޮށި
  • ލ. ކަލައިދޫ
  • ށ. ޅައިމަގު
  • ހއ. ބާރަށް

ޒަމާނުއްސުރެ ރުކަކީ ގެދޮރާއި، ކެއިންބުއިމާއި، ދިވެހިންގެ ދިރި އުޅުމާއި ގުޅިފައިވާ އެއްޗަކަށްވާއިރު މިއީ ރާއްޖޭގެ ސަގާފަތާއި އިގްތިޞާދުގައި އަގުނުކުރެވޭ ދައުރެއް އަދާކުރާ އެއްޗެއްކެވެ. އަދި ކާބޯތަކެތީގެ ނަޒަރުން ބެލިޔަސް، އިޤްތިޞާދީ އަދި ތިމާވެށީގެ ދާއިރާއިން ބެލިނަމަވެސް ރުކުގެ ދައުރު ނުހަނު ބޮޑެވެ.

ރާއްޖޭގައި ރުއް އާލާކުރުމުގެ ޤައުމީ ޕްރޮގްރާމެއް ފަށާފައި މިވަނީ ރާއްޖޭގެ ރުއްގަހަށް ޖެހޭ ބަލިތައް އިތުރުވެ ކާށްޓާއި ކުރުނބާ ލިބުން ދަތިވުމާ ގުޅިގެންނެވެ. ރާއްޖޭގައި ރުކުގެ އައު ޖީލެއް އުފެއްދުމަށްޓަކައި ފެންވަރު ރަނގަޅު ރުކުގެ މުޑުވައް އާލާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.