ޚަބަރު

"ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ ގުޅިގެން ރައްޔިތުން ބޭނުންވާގޮތަށް ކަންކަންކުރެވޭނެ ނިޒާމެއް"


  • ރައްޔިތުންނަށް އެންމެ ފައިދާވާނެގޮތަށް ވެރިކަންކުރެވޭނެ އުސޫލުތައް އެކުލެވިގެންވާ ނިޒާމެއް ކަމަށް

  • ރާއްޖޭގެ ލާމަރުކަޒީ ނިޒާމަކީ ރައްޔިތުން ބަލައިގަނެފައިވާ ނިޒާމެއްކަން ފާހަގަކުރެއްވި

ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ ގުޅިގެން ރައްޔިތުން ބޭނުންވާގޮތަށް ކަންކަންކުރެވޭނެ ނިޒާމެއް ކަމަށް ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅިވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ކ.މާފުށީގައި ބަނދެފައިވާ ސޭންޑް ބާޖް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ލާމަރުކަޒި ނިމާޒުގެ ޙާޤީޤީ މާނައަކީ ރައްޔިތުން ބޭނުންވާގޮތަށް، ރައްޔިތުންގެ ވެރިކަމެއްގައި ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުންކަމަަށެވެ.

ލާމަރުކަޒީ ނިޒާމުގެ ހަރަކާތްތައް ފެށިގެން އަންނަތާ 15 ވަރަކަށް އަހަރުވެފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ކައުންސިލްތަކަށް މާލީގޮތުން ބާރުވެރިކަން ލިބިދިނުމާއި، ކައުންސިލްތަކަކީ މުސްތަޤިއްލުކަމާއެކު ހިނގާނެ ތަންތަންކަމުގަ ހެދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެތެރެއިން، ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމުގެ ސިޔާސަތު ތަންފީޒުވެ އޭގެ ނަތީޖާ ނެރެވިދާނެކަމުގެ އުއްމީދު މާފުށީ ކައުންސިލުން ސާބިތުކޮށްދެއްވާފައި ވާކަމަށެވެ.

"ރައީސް ކަނޑައަޅުއްވާފައިވާ ސިޔާސަތުގެތެރެއިން ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމުގެ ސިޔާސަތު ތަންފީޒުކުރެވޭނެކަން މާފުށީ ކައުންސިލުން ސާބިކޮށްފި. މިއީ ހަޤީޤީީ މާނައިގައި ލާމަރުކަޒީ ވެގެންދިއުމަކީ، މިއީ ލާމަރުކަޒީ ނިޒާމުން ރައްޔިތުންނަށް ލިބެންވާ ކުރިއެރުމަކީ، ރައްޔިތުންނަށް ރައްޔިތުންގެ ފައިދާއަށް ރައްޔިތުން ބޭނުންވާ ގޮތެއްގެ މަތިން ކައުންސިލުތަކާއި، އަދި ގުޅުންހުރި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތެއްވެގެން ދިއުން، ހަޤީޤީ މާނައިގައި ލާމަރުކަޒުވެގެން ދިއުމަކީ". ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ، ގިނަ ކައުންސިލުތަކުން އެކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމަށްޓަކައި އިސްނެގުމާއެކު މަސައްކަތްކުރުމުގެ ވިސްނުން ގެންގުޅުއްވާކަން ފާހަގަކުރައްވާފައެވެ.

"މިއަދަކީ މިއީ ލާމަރުކަޒީ ޙާލަތުގައިވެސް ވަރަށް ޚާއްސަ، ވަރަށް ތާރީޚީ ދުވަހެއް. އަޅުގަނޑުމެންނަށް އެންމެ ފުރަތަމަ ފަހަރަށް ފާހަގަކުރެވިގެންމިދަނީ ރަށުގެ ތަރައްޤީއަށް ބޭނުންވާ މަސައްކަތްތައް އަމިއްލައަށް، އަމިއްލަ މަސައްކަތުން ހޯދި ފައިސާއިން ކުންފުނިން އިސްނަގައިގެން މިކަން ކުރެވޭނެމަގު ތަރުތީބުކުރައްވާ އެގޮތުގެ މަތިން އެކަން ކުރެވޭނެކަން ޔަޤީންކުރެވިގެން ދިއުމަކީ އަޅުގަނޑު ދެކޭގޮތުގައި ލާމަރުކަޒީނިޒާމަށް އަޅުގަނޑުމެންނަށް އުއްމީދުއާވެގެންދާ ވަރަށް މުހިންމު ކަމެއް". ވަޒީރު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމަކީ ކޮންމެ ސަރުކާރެއް އޮތް ކަމުގައި ވިޔަސް އަދި ކޮންމެ ނިޒާމަކުން ވެރިކަން ކުރިކަމުގައިވިޔަސް ރައްޔިތުންނަށް އެންމެ ފައިދާވާނެގޮތަށް ވެރިކަންކުރެވޭނެ އުސޫލުތައް އެކުލެވިގެންވާ ނިޒާމުކަމަށާއި، ރާއްޖޭގެ ލާމަރުކަޒީ ނިޒާމަކީ ރައްޔިތުން ބަލައިގަނެފައިވާ ނިޒާމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.