ޚަބަރު

"ޤައުމަކަށް ދިރުން ގެނެސްދެނީ އެޤައުމެއްގެ ތާރީޚާއި ސަޤާފަތާއި ތަރިކައިން"


  • ތާރީޚެއް ހިމާޔަތްކޮށް ބޭއްވުމުގެ މުހިންމުކަމަކީ އެބައެއްގެ މުސްތަގިއްލުކަން ދެމެހެއްޓުން

  • ދިވެހިންނަކީ އެބައެއްގެ އާސާރުތައް ހިމާޔަތްކޮށްގެން ގެންގުޅު ބައެއް

ޤައުމަކަށް ދިރުން ގެނެސްދެނީ އެ ޤައުމެއްގެ ތާރީޚާއި ސަގާފަތާއި ތަރިކައިގެ ސަބަބުންކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ ތާރީޚާއި ބެހޭ މުޝީރު އަހުމަދު އަލާދީދީ ވިދާޅުވެއްޖެއެވެ. އަލާ މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ސުވާސާ ޕްރޮގްރާމްގައި ވާހަކަދައްކަމުންނެއެވެ.

އަލާދީދީ ވިދާޅުވީ ރާއްޖޭގެ ސަގާފަތާއި ތާރީޚާއި އަދި ތަރިކަ ހިމާޔަތްކުރުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ. އަދި ތާރީޚު ހޯދާ މައުލޫމާތު ދެނެގަތުމަކީވެސް އެހާމެ މުހިންމުކަމެއްކަމަށެވެ. އެގޮތުން މީހަކު މީހަކަށްވަނީ އެމީހެއްގެ ތާރީޚުންކަމަށާއި ޤައުމެއް ޤައުމަކަށް ވަނީވެސް އެ ޤައުމެއްގެ ތާރީޚާއި ސަގާފަތާއި ތަރިކައިގެ ސަބަބުންކަމަށް އަލާ ވިދާޅުވިއެވެ. އަދި ޤައުމަކަށް ދިރުން ގެނެސްދެނީވެސް އެޤައުމެއްގެ ތާރީޚުންކަމަށެވެ.

އަލާ ވިދާޅުވީ ކޮންމެ ޤައުމެއްގައިވެސް އެބައެއްގެ ތަފާތުކަން ހާމަކޮށްދެނީ އެބައެއްގެ ތާރީޚާއި ސަގާފަތުގެ ތަފާތުކަމުންކަަމަށެވެ. އޭގެ ތެރޭގައި އާދަކާދައާއި ބަސް މޮޝުންތެރިކަން ހިމެނޭކަމަށް ވިދާޅުވިއެވެ. އަދި ގައުމަކަށް ތަސައްލީއާއި ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ގެނެސްދެނީވެސް އެބައެއްގެ ތާރީޚުންކަމަށް ވިދާޅުވިއެވެ. އަލާ ވިދާޅުވީ ތާރީޚެއް ހިމާޔަތްކޮށް ބޭއްވުމުގެ މުހިންމުކަމަކީ އެބައެއްގެ މުސްތަގިއްލުކަން ދެމެހެއްޓުންކަމަށެވެ.

ތާރީޚުގެ މައްޗައް ދަލީލުދައްކާ އެކައްޗަކީ އެބައެއްގެ ތެރޭގައި ހުންނަ އާސާރު؛ އެހެންވީމައި އާސާރުތަކާއި ތާރީޚުތަކާއި ސަގާފަތާއި މީ އެއްބަނޑު އެއްބަފާ ގުޅުންތަކެއް ހުރި ދާއިރާތަކެއް. މިތަކެތި އެންމެ ބޮޑަށް މުހިންމުވަނީ އެބައެއްގެ އަމިއްލަ ވަންތަކަން ގަދަ ފަދަ ދަލީލު ދުނިޔެ މައްޗައް ދައްކާ އެއްޗަކީ އެބައެއްގެ ތާރީޚު" އަލާދީދީ ވިދާޅުވިއެވެ.

އަލާ ވިދާޅުވީ ދިވެހިރާއްޖޭގައި ފެންނަން ހުރި އާސާރުތަކުން ބުނެދެނީ ދިވެހިންނަކީ ދޮށީބައެއްކަމަށެވެ. އެގޮތުން ދިވެހިންނަކީ އެބައެއްގެ އާސާރުތައް ހިމާޔަތްކޮށްގެން ގެންގުޅު ބައެއްކަމަށެވެ. އެކަމުގެ ހެއްކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ޒަމާންވީ މަހާނަތަކާއި ދުވަސްވީ މިސްކިތްތަކެވެ. އަލާ ވިދާޅުވީ އެހެންނަމަވެސް 1940 ވަނަ އަހަރު އުފަންވި ޖީލުގައި އުފަންވެގެން އައި ތައުލީމީ ނިޒާމުގައި ތަރިކައާއި ތާރީޚުގެ މުހިންމުކަން ހިމެނިގެން ނޫންކަމަށެވެ. އެގޮތުން ދުވަސްވީ އެތައް އާސާރުތަކެއް ގެދޮރު ބިނާކުރުމަށް ތަޅާލާފައިވާކަމަށް އަލާ ވިދާޅުވިއެވެ.

އަލާ ވިދާޅުވީ ގަދީމީ އެތަކެއް އާސާރުތަކެއް މިއަދު ފެންނަން ނެތްކަމަށެވެ. މިހެންވުމުގެ ސަބަބަކީ ތައުލީމާއި ތަރުބިއްޔަތުކުރުމުގައި އެކަމަށް ދޭންޖެހޭ އަހައްމިއްޔަތުކަން ހިމަނާފައިނުވާތީކަން އަލާ ފާހަގަކުރެއްވިއެވެ.