ބިދޭސީންނާއި ގުޅުންހުރި ފީތަކުގެ ތެރެއިން 974 މިލިޔަނަށްވުރެ ގިނަ ރުފިޔާ އަދިވެސް ނުލިބިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ހާމަކުރި ތަފާސްހިސާބުތަކުން ދެއްކި ގޮތުގައި ބިދޭސީންގެ ފީތަކާއި ގުޅޭ ދެބިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ނުލިބިވެއެވެ.
ބިދޭސީންގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ގެނައުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތާއެކު ރާއްޖެއަށް އެތެރެކުރާ ބިދޭސީން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ގުޅޭ މަޢުލޫމާތުވެސް ސަރުކާރުންދަނީ ހާމަކުރައްވަމުންނެވެ. އެގޮތުން ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ބިދޭސީންނާއި ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 2.1 ބިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ލިބިފައެވެ.
މީގެތެރޭގައި ހިމެނެނީ ވޯކް ޕަރމިޓް ފީގެގޮތުގައި، 1.28 ބިލިއަނަށްވުރެ ގިނަ ރުފިޔާއާއި، ކޯޓާ ފީގެ ގޮތުގައި ދެއްކި 826 މިލިއަނަށްވުރެ ގިނަ ރުފިޔާއާއި، ޖޫރިމަނާގެ ގޮތުގައި ދައްކާފައިވާ 6.7 މިލިއަނަށްވުރެ ގިނަ ރުފިޔާއާއި، ޚިދުމަތުގެ ފީގެ ގޮތުގައި ލިބިފައިވާ 2.11 ބިލިއަނަށްވުރެ ގިނަ ރުފިޔާކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއާއެކު މިވަގުތު ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރީ 974،272،942 (ނުވަސަތޭކަ ހަތަރު މިލިޔަން ދުއިސައްތަ ހަތްދިހަ ދެހާސް ނުވަސަތޭކަ ސާޅީސް ދޭއް) ރުފިޔާކަމަށް އެވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ބިދޭސީންނާއި ގުޅުންހުރި ފީތައް ދައްކާ ޚަލާސްކުރުމަށް ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިންވަނީ އެއްއަހަރުގެ މުއްދަތެއް ކުންފުނިތަކަށާއި އާންމުންގެ ތެރެއިން ބިދޭސީން ގެނެސްފައިވާ ފަރާތްތަކަށް ދީފައެވެ. މިމުއްދަތު އަންނަ އޮންޓޯބަރު މަހު ހަމަވާނެއެވެ. ދާޚިލީ ވުޒާރާއިން ވަނީ ބޮޑެތި ޢަދަދުތަކުން ފީތައް ދައްކަންޖެހޭ ފަރާތްތަކަށް އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ފީތައް ދެއްކޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާފައެވެ. މިފުރުސަތުގެ ބޭނުން ހިފާ 7907 ފަރާތަކުންދަނީ ޕޭމަންޓް ސެޓްލްމަންޓުގެ ތެރެއިން ގަވާއިދުން ފައިސާ ދައްކަމުންކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
ބިދޭސީން ގެނެސް ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ތެރެއިން 8912 ފަރާތެއް މިހާރުވަނީ އެކްސްޕެޓް ޕޯޓަލްގެ ތެރެއިން ސަސްޕެންޑުކޮށްފައެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުންވަނީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ފަށާފައެވެ. މީގެ ދަށުން އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާދޭ 4101 ފަރާތުގެ ބެލުމުގެ ދަށުގައި ތިބި ބިދޭސީންގެ މަޢުލޫމާތު މިހާތަނަށް އަދާހަމަކޮށްފައިނުވާކަމަށް ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މިހާތަނަށް އެވުޒާރާއިންވަނީ ރާއްޖޭގައި ދިރިއުޅެމުންދާ 177،272 ބިދޭސީއެއްގެ ބަޔޯމެޓްރިކްސް ނަގާފައެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުންދަނީ 3 މަރުހަލާއަކަށް ބަހާލައިގެން މަސައްކަތްތައް ކުރިއަށްގެންދަމުންނެވެ. އެގޮތުން ފުރަތަމަ މަރުޙަލާގައި ޕައިލެޓް ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިރު ދެވަނަ މަރުޙަލާގައި ހުރިހާ ރަށެއް އަދި ސިނާޢީ މަސައްކަތްކުރާ ރަށްރަށުގައި ތިބި ބިދޭސީންގެ މަޢުލޫމާތުވަނީ އެއްކޮށްފައެވެ. ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިންދަނީ ތިންވަނަ ފިޔަވަހީގެ ދަށުން މާސް ލީގަލައިޒޭޝަންގެ މަސައްކަތާއި ތަންފީޒީ މަރުޙަލާ ފެށުމަށް ތައްޔާރުވަމުންނެވެ. މިކަމަށްޓަކައި ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.