ޓުއަރިޒަމް

ފަތުރުވެރިން އަންނާނެކަމަށް ބެލެވޭ އަދަދު ރިވައިޒްކުރަނީ


މިއަހަރު ރާއްޖެ ގެނައުމަށް އަމާޒު ހިފާފައިވާ ފަތުރުވެރިންގެ އަދަދު ރިވައިޒް ކުރަން ނިންމާފައިވާކަމަށް ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މީޑިއާއަށް މައުލޫމާތުދެއްވަމުން ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ މިއަހަރު ރާއްޖެއަށް 1.5 މިލިއަން ޓޫރިސްޓުން ގެނައުމަށް ސަރުކާރުން އަމާޒު ހިފާފައިވީނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ތަފާތުކަންތައްތަކަށް ބެލުމަށްފަހު، މިއަދަދު އަލުން މުރާޖައާކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން މިއަހަރު ފަތުވެރިން އަންނާނެކަމަށް އަންދާޒާކުރި އަދަދު ރިވައިސްކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މިއަހަރު ފެށިގެން އައިއިރު ކުރިން ދިމާވާނެކަމަށް ނުބެލެވޭ ގިނަ ކަންތައްތަކެއް ހިނގާފަ އެބަހުރިކަން މިނިސްޓަރ ޒަމީރު ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ރާއްޖެއަށް ގިނަ ފަތުވެރިންތަކެއް އަންނަ ދެ ޤައުމުކަމަށްވާ ފްރާންސްއާއި ޖަރުމަނުވިލާތުގައި ހިންގަމުންދާ ޓެރަރިސްޓް ޙަމަލާތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިއާއެކު ބައެއް ގައުމުގެ ތަކުގެ އިޤްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުތައްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

img:http://s1.psmnews.mv/images/660x400/6332.jpg|އޮސްޓްރޭލިއާގެ ދަ ސްމޯލް މޯލްޑިވްސް އައިލެންޑް ކޮމްޕެނީން ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓް 'އަމިއްލަ ފުށި' - ފައިލް ފޮޓޯ: އަމިއްލަފުށި

މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލާ ގޮވާލުންތައްވެސް މީގެ ތެރޭގައި ހިމެނޭކަމަށް ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މި ހުރިހާ ކަމަކަށް ބެލިނަމަވެސް މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތަށް ބަލާއިރު އެ އަދަދަކީ ދަށް އަދަދެކޭ ބުނެވެން ނެތްކަމަށެވެ.

މިއަހަރާއި އަންނަ އަހަރު އުންމީދުކުރާ ނިސްބަތަށް ފަތުރުވެރިން ގެނައުމުގައި ދަތިތަކެއް ހުރިކަންވެސް ޓުއަރިޒަމް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން އެއަރޕޯޓްގެ އާ ރަންވޭގެ މަސައްކަތްތަކަށް ރޭގަނޑުގެ ވަކިގަޑިތަކެއްގައި ފްލައިޓްތައް އޮޕަރޭޓްނުކުރެވޭތީ އާއި އަވައްޓެރި ސްރީލަންކާގެ އެއަރޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާތީ ލަންކާ އެއަރޕޯޓުން އަންނަ ފްލައިޓްތަކުގެ ދަތުރުތަކަށްވެސް ބަދަލު އަންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/14618189320437.jpg|ސެންޓާރާއިން ރާއްޖޭގައި ހިންގާ ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް - ފައިލް ފޮޓޯ: ސެންޓާރާ

މި ދުވަސްކޮޅަކީ ފަތުރުވެރިން އަންނަ އަދަދު މަދު ދުވަސްކޮޅެއް ނަމަވެސް ރާއްޖެއަށް އެދެވޭ މިންވަރަކަށް ފަތުރުވެރިން އަންނަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ފަތުވެރިކަން އިޝްތިހާރުކުރުމަށް މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ގިނަ ހަރަކާތްތަކެއް ރޭވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން އިތުރު ހަތަރު ފެއާ އަކަށް ދާން ހަމަޖެހިފައިވާއިރު އައިލެންޑް އޭވިއޭޝަން މެދުވެރިވެގެން ޗައިނާގެ ޓުއަރ އޮޕަރޭޓަރުންނާއި ވާހަކަ ދައްކައިގެން ހާއްސަ ޕްރޮމޯޝަންތަކެއް ހިންގެވުމަށް މަސައްކަތްކުރައްވަމުން އަންނަކަމަށް ޒަމީރު ވިދާޅުވިއެވެ.  

ފަތުރުވެރިން އަންނަ މިންވަރު މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ކުރިން ލަފާކުރި މިންވަރަށް ކުރިނޭރިނަމަވެސް އެއަރޕޯޓް ތަރައްޤީކޮށް ނިމުމަށްފަހު 2018 ވަނަ އަހަރުން ފެށިގެން ޓުއަރިޒަމް އިންޑަސްޓްރީގެ ހާލަތު ރަނގަޅުވެ، ޒިޔާރަތްކުރާ ފަތުރުވެރިންގެ މިންވަރު އިތުރުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި އަހަރުގެ މިހާތަނަށް 750000 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 1.8 އިންސައްތައިގެ ކުރިއެރުމެކެވެ.