ކުރީގެ ރައީސުންނާއި މެންބަރުންނަށް ދައުލަތުން ދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ޤާނޫނު އިސްލާހު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. އެމަނިކުފާނު މިގޮތަށް ނިންމެވިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ރާއްޖޭގައި ވެރިކަން ކުރައްވާފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޤާނޫނުގެ ދަށުން ދައުލަތުން އެކި އިނާޔަތްތައް ދޭންޖެހެއެވެ. މީގެ ސަބަބުން ދައުލަތަށް ބުރަ ބޮޑުކަމުގެ ޝަކުވާ އާންމު ރައްޔިތުން ކުރެއެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ފަރާތްތަކަށް ޤާނޫނޫތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި އެ ބަދަލު ގެނައުމަށް ޤާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރީގެ ރައީސުންނާއި މެންބަރުންނަށް ލިބޭ ބައެއް އިނާޔަތްތަކުގެ އިތުރުން ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރ ކުރައްވާފައިވާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއް ހަމަ ކުރުމަށްވެސް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ. އަދި އެ ބަދަލުތައް ގެނައުުމަށް ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ޤާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ޤާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ވާނީ ނިންމާފައި.
— Dr Mohamed Muizzu (@MMuizzu) September 10, 2025
އަދި މީގެ އިތުރުން…
ކުރީގެ ރައީސުންގެ ގޮތުގައި މިހާރު ތިއްބެވީ އިބްރާހިމް މުހައްމަދު ޞާލިހާއި، މައުމޫން އަބްދުލްގައްޔޫމާއި، ރައީސް އަބްދުﷲ ޔާމީނާއި، މުހައްމަދު ނަޝީދު އަދި ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު އެވެ.
ރައީސް ވިދާޅުވީ ދައުލަތުގެ ވަޒީފާއަކުން ރިޓަޔަރވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައްޔަން ކޮށްފިނަމަ ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތްތައް މެދުކަނޑާލަން ޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހު ކުރެވެންޖެހޭނެ ކަމަށެވެ.
ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރ ކުރެއްވުމަށްފަހު އަލުން ދައުލަތުގެ އެހެން ވަޒީފާތަކަށް ވަޑައިގެންނެވި ނަމަވެސް ޕެންޝަން ލިބޭ މައްސަލައަކީވެސް ދައުލަތުގެ މާލިއްޔާއަށް ބުރަބޮޑު، ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެކެވެ. ސިވިލް ސަރވިސް ޤާނޫނާއި ޕެންޝަނާ ބެހޭ ޤާނޫނުގައި ފުށުއަރާ ކަންތައްތައް ހުރުމުން ޑަބަލް ޕެންޝަން ދޭންޖެހި ޕެންޝަނަށް ދައުލަތުން ޚަރަދުކުރާވަރު އިތުރުވުމަކީ ކަންބޮޑުވާންޖެހޭކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެ މައްސަލަ ހައްލު ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީންވެސް ވަނީ މަސައްކަތްތައް ފައްޓަވާފައެވެ.