ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ރާއްޖެއަށް އެތެރެކުރުމުގެ ސަރުކާރުން މުޙިއްމު މަސައްކަތްތަކެއް ވަނީ ފަށާފައެވެ. އެމަސައްކަތުގައި މިދިޔަ 19 ވަރަކަށް މަސްދުވަހުގެ ތެރޭގައި ސަރުކާރުން ވަނީ މުހިންމު މަސައްކަތްތަކެއް ފަށާފައެވެ.
އެގޮތުން ކުރެވޭ މަސައްކަތް އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިވަނީ އުފައްދަވާފައެވެ.
ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ ގޮތަށް އުފެއްދެވި މި ކުންފުންޏަކީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަޤުޞަދުގައި އުފެއްދެވި ކުންފުންޏެކެވެ.
ރާއްޖެއަކީ އަބަދުވެސް ބޭހާއި ސިއްޙީ ޚިދުމަތްދޭ ހުރިހާ ސާމާނެއްވެސް އިމްޕޯޓުކުރާ ޤައުމަކަށްވުމުން ސަރުކާރުގެ ހޮސްޕިޓަލްތަކަށް ބޭނުންވާ އެފަދަ ސާމާނު މައިގަނޑުގޮތެއްގައި އެތެރެކުރަނީ އެސްޓީއޯ މެދުވެރިކޮށެވެ. އެސްޓީއޯއަކީ ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި، ތެލާއި ޢިމާރާތްކުރުމުގެ ސިނާޢަތަށް ބޭނުންވާ ތަކެތި އެތެރެކޮށް ޚިދުމަތްދެމުން އަންނަ ސަރުކާރުގެ ވިޔަފާރި ކުންފުންޏެއް ނަމަވެސް ބޭސްފަރުވާއަށް ބޭނުންވާ ތަކެތި އެތެރެކުރުމަށްވެސް ވޭތުވެދިޔަ މާޒީގައި ސަރުކާރުތަކުން ބަރޯސާވެފައިވަނީ އެސްޓީއޯއަށެވެ.
އެހެން ނަމަވެސް ސަރުކާރުން މިކަންކަމަށް ޚާއްސަކޮށްގެން އުފެއްދެވި ކުންފުންޏާއެކު، ބޭހާއި ބަލި މީހުންނަށް ބޭނުންވާ އެހެނިހެން ސާމާނުގެ އިތުރަށް، ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ބޭނުންވާ އެންމެހާ ސާމާނު ރާއްޖެއަށް އެތެރެކޮށް އެތަކެތި އެމަރުކަޒުތަކަށް ފޮނުވާނީވެސް އެކުންފުނީގެ ބެލުމުގެ ދަށުންނެވެ. އަދި މިހާރު އެސްޓީއޯ މެޑިކަލްސްއިން ކުރާ ހުރިހާ މަސައްކަތެއް ދެންކުރާނީ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑުުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ފާމަސޫޓިކަލް ކުންފުންޏާއެކު ރާއްޖޭގެ ސިއްޙީ ނިޒާމަށް އަންނާނެ ބަދަލާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، މެޑިކަލް ދާއިރާއަށް ބޭނުންވާ ތަކެތި ރާއްޖެއިން ބޭރުން ހޯދާ އެތެރެކުރުމުގެ މަސައްކަތްކުރާނެ ވަކި ޚާއްސަ ޓީމެއް އޮތުމުން، އެކަން މެނޭޖްކުރުމަށް ފަސޭހަވެގެންދާނެކަމަށެވެ. އަދި އެކިމުދާ ހޯދާ އެތެރެކުރުމަށް މަސައްކަތްކުރާ ކުންފުންޏަކަށްވުރެ ބޮޑަށް ސިއްޙީ ދާއިރާއަށް ބޭނުންވާ ތަކެއްޗަށް އެކަނި އަމާޒުކޮށް މަސައްކަތްކުރުމުން ކޮލިޓީތަކެތި ހޯދުމަށް މަގުފަހިވެ، އަގުހެޔޮކޮށް ތަކެތި ގެނައުމަށް ބައިނަލްއަޤުވާމީގޮތުން ނެޓްވޯކިންގައި މުހިއްމު ދައުރެއް އަދާކުރެވޭނެކަން ސީއީއޯ ފާހަގަކުރެއްވިއެވެ.
"މިކުންފުނި އުފެއްދުމާއެކު ލިބޭނެ އެންމެ ބޮޑު ފައިދާއަކީ ބޭހުގެ ޔަގީންކަން ކަށަވަރުވެގެންދާނެ. ރާއްޖޭގައި ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ދެން އެއްދިމާއަކުން ހުރިހާ އެއްޗެއް ލިބޭނެކަން ޔަގީންވެގެންދާނެ. އަދި ކޮލިޓީ ތަކެތި ހޯދުމަށް ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުމާއެކު، ސަޕްލަޔަރުންނާއި ޑައިރެކްޓްކޮށް ވާހަކަދެކެވޭނެގޮތަކަށް މިކުންފުނި ބައްޓަންވެގެންދާނެ" ސީއީއޯ ވިދާޅުވިއެވެ.
ސިއްޙީ ދާއިރާއަށް ބޭނުންވާ ތަކެތި ރާއްޖެއަށް އެތެރެކޮށް ފޯރުކޮށްދިނުމަށް ޚާއްސަ މިކުންފުންޏާއެކު، ގަނޑުކޮށް ތަކެތި ގަތުމުން އަގުހެޔޮވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ހަމައެއާއެކު ސްޓްރެޓެޖިކް ނިޒާމެއްގެ ތެރެއިން ރަށްރަށުގެ ހޮސްޕިޓަލުތަކުގައި ހުންނަ މެޝިނަރީޒްގެ ކަންކަން ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރެވި، ބޭސް މެދުނުކެނޑި ލިބޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިއާއެކު ސަރުކާރުން ތަރައްޤީކުރަމުން އަންނަ އައު ހޮސްޕިޓަލްތަކާއެކު ރާއްޖޭގެ ސިއްޙީ ނިޒާމު ޢުމްރާނީގޮތުން އަދި ވަޞީލަތުގެ ގޮތުންވެސް ހަރުދަނާވެ ރައްޔިތުންނަށް އެކަށޭނެ ރައްކާތެރި ސިއްޙީ ފަރުވާ ފޯރުކޮށްދެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.