ޚަބަރު

ރައްޔިތުން އެދުމުން ދޮންފަނު ބިންހިއްކުން ކުރިއަށް ނުގެންދަން ރައީސް ނިންމަވައިފި


  • ބިން ހިއްކުމާއި މެދު ހުރި ކަންބޮޑުވުން ރައްޔިތުންވަނީ ރައީސްއާއި ހިއްސާކުރައްވާފައި

  • ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދާނީ ރައްޔިތުން އެދޭގޮތަށް

ބ. ދޮންފަނު ރައްޔިތުންގެ އެދުމުގެ މަތިން، އެރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ސަރުކާރުން ކުރިއަށް ނުގެންދަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫޢުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ބ.އަތޮޅަށް މިދިޔަ އޯގަސްޓްމަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ދޮންފަނުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން އޭރުވަނީ ނިންމަވާފައެވެ. އެހެންނަމަވެސް އެމަޝްރޫޢާއެކު ދޮންފަނާއި ޖެހިގެންއޮތް ބ.އަތޮޅުގެ ބަޔޯސްފިއަރ ރިޒަރވްގައި ހިމެނޭ ހަނިފަރު ބޭ، ހަލާކުވެދާނެކަމުގެ ކަންބޮޑުވުން އެރަށާއި އަތޮޅުގެ ރައްޔިތުންގެ އިތުރުން ތިމާވެށީގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ބަޔަކުވަނީ ފާޅުކޮށްފައެވެ.

އެކަންބޮޑުވުންތަކުގެ އަޑުއައްސަވާ، ރައްޔިތުންގެ އެދުމާއެކު އެމަޝްރޫޢު ހުއްޓާލަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާވަނީ ހާމަކުރައްވާފައެވެ.


ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ރަށްރަށުގައި ކުރާނެ ކަންކަމާއި ބެހޭ ވަޢުދުވެވަޑައިގަންނަވަނީ އެރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަށް އެދުމުންކަމަށެވެ. އެގޮތުން ބ.ދޮންފަނުގައިވެސް ބިން ހިއްކުމުގެ މަޝްރޫޢެއް ހިންގުމަށް ވަޢުދުވެވަޑައިގެންނެވީވެސް އެރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ. ނަމަވެސް އެގްރީމަންޓް އެކުލަވާލި ފަހުން ރައްޔިތުން އެކަން މިހާރު ބޭނުން ނުވާކަމަށް އެމަނިކުފާނަށް މަޢުލޫމާތު ލިބިވަޑައިގެންފައިވާތީ އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ނުގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ރަސްމީކޮށް ސިޓީއަކުން އަންގަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުން ބޭނުންނުވާކަމެއް އެރަށެއްގައި ސަރުކާރުން ނުކުރައްވާނެކަމަށެވެ. އަދި މިއީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ރައްޔިތުން އެދޭ އަމާޒަށް މަސައްކަތްކުރާނެ ސަރުކާރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢބަދުﷲ މުއްޠަލިބު ވިދާޅުވީ ބިން ހިއްކުން ކުރިއަށް ނުގެންދިޔަ ނަމަވެސް ބަނދަރުގެ މައްސަލަ ޙައްލުކުރުމާއި، ގޮނޑުދޮށް ޙިމާޔަތްކުރުން ސަރުކާރުން ކުރިއަށް ގެންދާނެކަމަށެވެ.