ޚަބަރު

"ވިލުންތެރި ރާއްޖެ 2045"، ވިހި އަހަރު ފަހުން ރާއްޖެ އޮންނަން ބޭނުންވަނީ ކިހިނެތް؟


  • 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުން

  • ކޮންމެ ރަށަކަށް ދަތުރުކޮށް ރައްޔިތުންނާ ބައްދަލުކުރާނެ

  • ބައްދަލުވުންތަކާ އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ޚިޔާލު ހުށައެޅޭނެ

މީގެ 20 އަހަރު ފަހުން ރާއްޖެ އޮންނާނެ ގޮތް މިއަދު އަހަރަމެންނަކަށް ނޭނގެއެވެ. ކުރެވެނީ ތަޞައްވުރެކެވެ. އެނގެނީ ބޮޑެތި އެތައް ބަދަލުތަކެއް ދެކެންޖެހޭނެކަމެވެ.

2000 ވަނަ އަހަރު އެކުލަވާލި "ވިހިވިހީގެ ތަޞައްވުރު"އަކީވެސް، އޭގެ 20 އަހަރު ފަހުން ރާއްޖެއަށް އަންނާނެ ބަދަލުތަކުގެ ތަޞައްވުރެއްގެ މައްޗަށް އެކުލަވާލި ޕްލޭނެކެވެ. އާންމު ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް އޭރު ކަނޑައެޅި ވަރަށް ގިނަ ކަންކަން ޙާސިލްވިއެވެ. މީގެ ބޮޑު ބަޔަކީ ޢުމްރާނީ މަސައްކަތްތަކެވެ. އެންމެ އަސާސީ ކަންކަމުގެ ގޮތުގައި ހިމަނާފައިވަނީ ރަށްރަށުގައި އެކަށީގެންވާ ލަފާފުރޭނެ ނިޒާމެއް އޮތުމާއި ރައްކާތެރި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމާއި މިނޫންވެސް ޢުމްރާނީ ތަރައްޤީއާ ގުޅޭ ގިނަ ކަންކަމެވެ. މީގެތެރެއިން ބައެއް ކަންކަން މުޅިން ހާސިލެއް ނުވެއެވެ. އަނެއްބައި ކަންކަން އަންދާޒާކުރި މިންވަރަށްވުރެ ބޮޑަށްވެސް ކުރިއަރައިގެންދިޔައެވެ.

ބުނެދޭން މިއުޅެނީ 2020ގެ ތަޞައްވުރުގެ ކާމިޔާބީ ނުވަތަ ނާކާމިޔާބީގެ ވާހަކައެއް ނޫނެވެ. ޢަމާޒެއް އޮވެ މަސައްކަތްކުރުމުގެ މުހިންމުކަމުގެ ވާހަކައެވެ. މި ޕްލޭނާއެކު، ދިވެހިރާއްޖެ ކުރިމަގުގައި ފެންނަން ބޭނުންވިގޮތުގެ ތަޞައްވުރު ކުރަހައިދިނެވެ. ކޮންމެ ބަޔަކު ވެރިކަމުގައި ތިބިނަމަވެސް، ދިވެހި ޤައުމު ކުރިއަށްދާން ބޭނުންވާ މިސްރާބެއް އެނގުނެވެ.

ދެން އުފައްދަންވީ ސުވާލަކީ، މިހާރު މިތިބި ހިސާބުން މީގެ ވިހި އަހަރު ފަހުން ރާއްޖެ އޮންނާނީ ކިހިނެތްބާއޭ؟ އަހަރަމެން ތިބެން ބޭނުންވަނީ ދިރިއުޅުމުގެ ކޮން ހިސާބެއްގަބާއޭ.؟ މިއަދުގެ ދަރިންގެ ދިރިއުޅުން ތަނަވަސްކޮށްދިނުމަށް 2040 ވަނަ އަހަރު އަންނައިރު ބޭނުންވަނީ ކޮން ކަހަލަ ބަދަލުތަކެއްތޯއެވެ.

ދިވެހިރާއްޖޭގެ މިހާރުގެ އެންމެ ބޮޑު ޢަމާޒަކީ 2040ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ހިމެނޭ ޤައުމަކަށް ހެދުމެވެ. މިޢަމާޒަށް ވާސިލުވެވޭނީ، އެކަމުގެ ތަޞައްވުރާއި މިސްރާބު ސާފުވެގެންނެވެ. ރައްޔިތުން ބޭނުންވާ ބަދަލުތަކާއި އުއްމީދުތައް ސާފުވެގެންނެވެ. އެކަން އެނގެން އޮތީ ރައްޔިތުން އެވާހަކަ ދައްކައިގެންނެވެ.

ސަރުކާރުން މިހާރު ފަށާފައިވާ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތަކީ، މިކަމަށް ކޮށައިދޭ މަގެކެވެ. މި ޕްލޭނަށް ޚިޔާލު ހުށައަޅާ، ޕްލޭން އެކުލަވާލުމުގެ ބައިވެރިއަކަށްވުމުގެ ފުރުޞަތު ކޮންމެ ދިވެހި ރައްޔިތަކަށް ވަނީ ހުޅުވާލާފައެވެ.

ދިރިއުޅުން ލުއިފަސޭހަވެގެންދާން ބޭނުންވާ ކަންކަމާއި މާލީ އަދި އިޤްތިޞާދީ ޚިޔާލުތަކާއި ޢުމްރާނީގޮތުން ފެންނަން ބޭނުންވާ ބަދަލުތަކާ ގުޅޭ ބިނާކުރަނިވި ޚިޔާލުތައް ހުށައެޅުމުގެ ފުރުޞަތު ކޮންމެ ރައްޔިތަކަށް މިވަނީ ހުޅުވާލާފައެވެ.

20 އަހަރު ފަހުން، އަހަރަމެންގެ ދަރީންގެ މުސްތަޤުބަލު ފެންނަން ބޭނުންވާ ގޮތަކީ ކޮބާތޯއެވެ.

"ވިލުންތެރި ރާއްޖެ" ޕްލޭންގެ އެންމެ ބޮޑު މަޤުޞަދަކަށްވަނީ، ސިޔާސީގޮތުން އަންނަ އޮއިވަރުގައިވެސް، ޤައުމުގެ ކުރިމަޤާއި ތަރައްޤީ އެއް މިސްރާބެއްގައި ހިފެހެއްޓުމެވެ. ތަފާތު ޚިޔާލުތަކާއެކުވެސް، ރައްޔިތުން ބޭނުންވާ ބަދަލުތަކަށް ގުޅިގެން މަސައްކަތްކުރުމެވެ. މިއަދު އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ޤައުމީ ތަރައްޤީގެ ޕްލޭނާއެކު، ކުރިމަގުގައި ރާއްޖެ އޮންނާނެ ގޮތުގެ ތަޞައްވުރު އެކުލަވާލުމަށް ބަސް ބުނުމުގެ ފުރުޞަތު ކޮންމެ ދިވެހި ރައްޔިތަކަށް މިވަނީ ފަހިވެފައެވެ.