ޚަބަރު

"އިމިގްރޭޝަން އިންސައިޓްސް" އިފްތިތާހުކޮށްފި


  • ޚިދުމަތްތަކުގެ ތެރެއިން އޮޅުންއަރާ ކަންތައްތައް ސާފުކޮށްދޭނެ

  • ވިސާއާއި ގުޅޭ މައުލޫމާތު ފޯރޮކޯށްދޭނެ

މޯލްޑިވްސް އިމިގްރޭޝަންއިން "އިމިގްރޭޝަން އިންސައިޓްސް"ގެ ނަމުގައި ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ.

މި ޕްރޮގްރާމްގެ އިފްތިތާހުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އަލީ އިޙްސާންއެވެ.

އިމިގްރޭޝަންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެއެވެ. އެގޮތުން ޚިދުމަތްތަކުގެ މައުލޫމާތު އާންމު ރައްޔިތުންނަށާއި ބޭރު މީހުންނަށް ފަސޭހައިން ލިބޭނެ ގޮތާއި އޮޅުން ފިލާނެ ގޮތް ހެދުން ހިމެނެއެވެ.

"އިމިގްރޭޝަން އިންސައިޓްސް" ނަމުގައި އިފްތިތާޙުކުރި ޕްރޮގްރާމްއަކީވެސް މިކަމުގެ ބައެކެވެ. މި ޕްރޮގްރާމްގެ މަޤްސަދަކީ އިމިގްރޭޝަންގެ ޚިދުމަތްތަކުގެ ތެރެއިން އެންމެ ގިނައިން އޮޅުންއަރާ ކަންތައްތައް ސާފުކޮށްދިނުމާއި، އެންމެ ފަހުގެ މަޢުލޫމާތުތައް ތަފްޞީލާއެކު އާންމުންނަށް ފޯރުކޮށްދިނުންކަމުގައި އެއިދާރާއިން ވިދާޅުވިއެވެ.

މި ޕްރޮގްރާމާއި ގުޅޭގޮތުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީހު ވިދާޅުވީ މި ޕްރޮގްރާމް މެދުވެރިކޮށް އިމިގްރޭޝަނުން ދެމުންގެންދާ ޙިދުމަތްތަކުގައި އޮޅުން އަޅާ، ހުރިހާ ކަމެއް ސާފުކޮށްދެވިގެންދާނެކަމަށެވެ. މީގެ ތެރޭގައި ޕާސްޕޯޓަށް އެދި ހުށަހަޅާއިރު ފޮޓޯ ހުންނަންވާނެ ގޮތާއި ސްޕޮންސަރޝިޕް ޑެކްލެރޭޝަން އަކީ ކޮބައިކަމާއި ޑިޕެންޑެންޓް ވިސާއަށް އެދި ހުށައަޅާނެ ގޮތް ސާފުކޮށްދިނުންފަދަ އެތައް މައުލޫމާތުތައް ދެވިގެންދާނެކަމަށް ވިދާޅުވިއެވެ.

މި ޕްރޮގްރާމްއަކީ ޕޯސްޓެއް ނުވަތަ ކުރު ވީޑިއޯއެއްގެ ގޮތުގައި ގެނައުމަށް ނިންމަފައިވާ ޕްރޮގްރާމެއްކަމަށައި މި ވީޑިއޯތައް މެދުވެރިކޮށް އިމިޤްރޭޝަން އޮފިސަރުން ތަފްސީލުކޮށް މައުލޫމާތުތައް ފޯރޮކޮށްދޭން ހަމަޖެހިފައިވާއިރު، މި މަހުން ފެށިގެން މި ޕްރޮގްރާމް ފެށިގެންދާނެކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

މޯލްޑިވްސް އިމިްގްރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް އިމިގްރޭޝަން އޮފިސަރުންނަށް އަމާޒުކޮށްގެން އައު 3 ކެމްޕޭނެއް މިހާރުވެސް ވަނީ ފަށާފައެވެ. އެއީ ކެންޕޭނަކީ، ހިނިތުންވުމާއެކު ޚިދުމަތްދިނުން، ނަޒާހާތްތެރިކަން އިސްކުރުން އަދި އިންސާނިއްޔަތުކަން ދެމެހެއްޓުމެވެ.

އިންސާނިއްޔަތުކަން ދެމެހެއްޓުން ކެމްޕޭނުގައި ބޮޑަށް އަލިއަޅުއްވާލައްވާނީ ޚިދުމަތް ހޯދާ ހުރިހާ ފަރާތްތަކާމެދު އިޚްތިރާމާއި، ހަމަހަމަކަމާއި، ޤަދަރުވެރިކަމާއެކު މުޢާމަލާތްކުރުމުގެ މުހިންމުކަމުގެ މައްޗަށްކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.