ތަރައްްޤީ

ފޯކައިދޫ ފަޅުގެ ދަތިކަން ހައްލުވާނެކަމުގެ އުންމީދު އާވެއްޖެ


ށ. ފޯކައިދުއަކީ 1،700 އެއްހާ މީހުންގެ އާބާދީއެއް އޮންނަ މަސްވެރިކަމާއި އެހެނިހެން މަސައްކަތްތައް ކުރަމުން އަންނަ ރަށެކެވެ. މަސްވެރިކަން ކުރުމަށް އެރަށުގައި 85 ފޫޓާއި 100 ފޫޓާ ދެމެދުގެ 11 ދޯނި ބޭނުންކުރެއެވެ. އަދި މާލެދަތުރުކުރާ 3 ބޯޓް އޮންނައިރު، ކުދި އޮޑިދޯނި ފަހަރުގެ ގޮތުގައި ހަތާވީހަކަށް ދޯނި އޮވެއެވެ. އެހެންނަމަވެސް އެރަށަށް އަރާފޭބުމާއި، ލަފާފުރުމުގެ ދަތިކަން އެރަށުގެ ރައްޔިތުންނަށް ވަނީ ވަރަށް ބޮޑަށް ތަޙައްމަލުކުރަން ޖެހިފައެވެ.

ފޯކައިދޫ ފަޅުގެ ބޭނުން ހަމައެކަނި ކުރެވެނީ އިރުވައި މޫސުމުގެ އެންމެ ކަނޑުމަޑު ދުވަސްވަރުގައެވެ. މިނޫން ދުވަސްވަރު އެރަށު ރައްޔިތުންނަށް ލަފާފުރުމުގައި ބޭނުންކުރަންޖެހެނީ އެރަށުގެ އިރުމަތީ ފަރާތެވެ.

މަސްވެރިކަން ކުރަމުން އަންނަ ފޯކައިދޫ ފަޅުގެ ދަތިކަމާ ގުޅިގެން ބައެއް ދުވަސްދުވަހު މަހަށް ފުރޭގޮތް ނުވާކަން ރަށުގެ މަސްވެރިން ފާހަގަކުރެއެވެ. އަދި ރަށުގެ ރައްޔިތުން ފާހަގަކުރާގޮތުގައި އެރަށުގައި ފަޅެއް އޮތްނަމަވެސް އެކަމުން އެމީހުންނަށް އެކަށީގެންވާ ލާބައެއް މަންފާއެއް ނެތެވެ.

"ފަޅެއް ކޮނެފަ އޮތްނަމަވެސް ބޭނުމެއް ނުކުރޭ. ކަންނެލި ދޯނި ފަހަރާއި ބޯޓު ފަހަރު އޮންނަންޖެހެނީ ރަށުގެ އަނެއް ފަރާތުގައި އަޅާފަ." ފޯކައިދޫގެ މަސްވެރިއަކު ކިޔައިދިނެވެ.

"ސަރުކާރުން ބޮޑު ޚަރަދެއް ކޮށްފަ މިއޮތީ. އެކަމަކު ރައްޔިތުންނަށް އޭގެ ބެނުމެއް ނުކުރެވޭ. ވަރަށް ދަތި. އަރަން ޖެހެނީ ބޮއްކުރާ ފަހަރުގަ" ފޯކައިދޫ ރައްޔިތެއް ކިޔައިދިނެވެ.

"ބޭރުން ރާޅު ބިންދާ ހިސާބުގައި ފަޅު އޮތުމުން އަންނަ ކޮންމެ ރާޅެއް ތޮށި މަތިން ހުރިގޮތަށް އަންނަނީ. ކަނޑިންމައިން ރާޅު ވަދެގެން އަންނަގޮތަށް އެއްގަމު ތޮށީގައި ޖެހިފަ ބޭރަށް ރާޅު ދަމައިގަތީމަ، ކިތަންމެ ފަލަ ވަލެއް ލާފަ އޮތް ދޯންޏެއް އޮތްނަމަވެސް މޫޓޫ ނޫނީ އެއްގަމު ބުޅި ބިންދައިގެންދޭ. ދޯނި އޮތްތަނަށް އަޑިއަށްދާ ހިސާބަށްދޭ. މީހުންގެ ފުރާނައަށް ނުރައްކާތެރިވާނެގޮތަކަށް ފަޅު އޮތީ" ފޯކައިދޫ ރައްޔިތެއް ކިޔައިދިނެވެ.

ފޯކައިދޫ ކައުންސިލުން ވިދާޅުވީ އެރަށުގެ ފަޅުގެ މައްސަލަ ޙައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިވަޑައިގެން އަބަދުވެސް މަޝްވަރާ ކުރައްވަމުން އަންނަ ކަމަށެވެ.

"ބަނދަރަށް ނުފޭބިގެން އެހެން ދިމާލަށް ކައިރިކުރަންޖެހޭ. މިދުވަސްވަރު އެއްވެސް ވަރަކަށް ބޭނުން ނުކުރޭ. ރަށަށް ދިމާވެފައިވާ ވަރަށްބޮޑު މައްސަލައެއް މިއީ" ފޯކައިދޫ ކައުންސިލްގެ ނާއިބު ރައީސް އަޙުމަދު އާސިފް ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، މަސައްކަތް ނުފެށި ހުރި ރަށްތަކުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓްގައި ހިމެނިގެން ކުރިއަށްދާނެ ކަމަށެވެ.

"އަންނަ އަހަރަށް ބަޖެޓް އެކުލަވާލަމުންދަނީ. އެހެންކަމުން މިހާރު މަސައްކަތް ނުފެށި ހުރި ރަށްތަކުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓްގައި ހިމެނިގެން ކުރިއަށްދާނެ އިރާދަކުރެއްވިޔާ" ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ފޯކައިދޫ ރައްޔިތުން ދެކޭގޮތުގައި އެރަށުގެ ތަރައްޤީއަށްވެސް ދިމާވެފައިވާ އެންމެ ބޮޑު އެއްދައްޗަކީ އެރަށުގެ ފަޅުގެ ދަތިކަމެވެ.