ރާއްޖޭގެ ސިއްޙީ ދާއިރާއިގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާއި ތަމްރީންތައް ކުރިއަށްގެންދިއުމަށް ދިމާވެފައިވާ ގޮންޖެހުންތަކާ، އެކަންކަމަށް ޙައްލު ހޯދޭނެ ގޮތްތަކާ ގުޅޭގޮތުން މަތީ ތަޢުލީމާ މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާ ދެމެދު މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމަކީ ރާއްޖޭގެ ސިއްޙީ ނިޒާމު ކުރިއެރުވުމަށްޓަކައި އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް، ނިޒާމު ހަރުދަނާ ކުރުމުގެ މަޤުޞަދުގައި ކުރިއަށްގެންދިޔަ ބައްދަލުކުރެއްވުމެކެވެ.
މި ބައްދަލުކުރެއްވުމުގައި މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ.ޢަލީ ޙައިދަރު އަޙްމަދުއާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާޙިމް ޢަބްދުއް ރައްޒާގް ޙަލީމާއި ވުޒާރާއާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ގުޅިގެން ޙައްލު ހޯދޭނެ ކަންކަމަށް ދެ އިދާރާގެ މެދުގައި މަޝްވަރާކުރައްވާފައިވާކަމަށެވެ.
މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއަކީ އެއް ކުންފުނީގެ ދަށުން އެންމެ ފުޅާ ދާއިރާއެއްގައި ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ. އެ ކުންފުނީގެ ދަށުގައި ހިމެނޭ ދަރުމަވަންތަ ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް އަދި މޯލްޑިވްސް ބްލަޑް ސަރވިސަސް އެންޑް ތެލަސީމިއާ އެންޑް އޮތަރ ހިމޮގްލޮބިނޯޕެތީސް ސެންޓަރުގައި 3500އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެއެވެ.
މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއިން ވިދާޅުވީ ރައްޔިތުންނަށް ފެންވަރު ރަނގަޅު އަދި ފަސޭހައިން ލިބޭ ސިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ. އެގޮތުން ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމާއި، ދާއިރާއަށް ބޭނުންވާ ޤާބިލް އަދި ފަންނީ މުވައްޒަފުން ބިނާކުރުމަށް އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް ބޮޑު އިސްކަމެއްދެއްވާކަމަށް ވިދާޅުވިއެވެ.
އަދި ޤައުމީ ފެންވަރުގައި ސިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް، ދެމެހެއްޓެނިވި ޙައްލުތައް ހޯދުމަށް މަސައްކަތްކުރުމަކީވެސް އެ ކުންފުނީގެ މުހިންމު މަޤުޞަދެކެވެ.
އެގޮތުން މަތީ ތަޢުލީމާ ބެހޭ ވުޒާރާއާއެކު ކުރިއަށްގެންދިޔަ މިބައްދަލުވުމުގައި ވަނީ ރާއްޖޭގައި ސިއްޙީ ދާއިރާއަށް މީހުން ބިނާކުރުމަށް ބޭނުންވާ މުހިންމު ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖޭގެ ސިއްޙީ ދާއިރާގެ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމާއި ތަމްރީން ދިނުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ދެފަރާތުން ގުޅިގެން ޙައްލުތައް ހޯދުމަށް ވަނީ މަޝްވަރާކުރައްވާފައެވެ.