ރިޕޯޓް

ނުކުޅެދުންތެރިވިޔަސް ޕެންޝަން ފައިސާ ޖަމާކުރާނެ އުޞޫލެއް ހޯދަނީ


ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ބައިވެރިޔަކު އެމީހެއްގެ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ވަޒީފާއިން ވަކިވާން ޖެހިއްޖެނަމަ އެމީހެއްގެ ޕެންޝަން ފަންޑަށް ކޮންމެ މަހަކު ޖަމާވަމުން އައި ފައިސާ ހުއްޓުމަކަށް އާދެއެވެ. މިފަދަ ހާލަތްތަކުގައި އެމީހާގެ ޕެންޝަން ފަންޑަށް ޖަމާވަމުން އައި ފައިސާ ހުއްޓުމަކަށް އަޔަ ނުދިނުމަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އާ ސްކީމެއް ތައާރަފް ކުރައްވަން ވަނީ ނިންމަވާފައެވެ. 

ޕެންޝަން ސްކީމްގައި ބައިވެރިވެފައިވާ މީހުންގެތެރެއިން މީހަކަށް ނުކުޅެދުންތެރިކަމެއް ދިމާވެއްޖެ ޙާލަތެއްގައި، އެމީހަކު ޕެންޝަން ފަންޑަށް ދައްކަމުން އައި ފައިސާ ހުއްޓުމަކަށް ނައިސް އެމީހެއްގެ ޢުމުރުން 65 އަހަރު ވަންދެން އެ ފައިސާ އެމީހާގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓަށް ކޮންމެ މަހަކު ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއެވެ. 

ޕެންޝަން އޮފީހުގެ ޑިރެކްޓަރ ސްޓޭކް ހޯލްޑަރ އިސްމާޢީލް ޝުޖާޢު ވިދާޅުވީ، ޕެންޝަން ފަންޑެ ބައިވެރިޔަކަށް ނުކުޅެދުންތެރިކަމެއް ދިމާވެގެން ވަޒީފާއިން ވަކިވާން ޖެހިއްޖެނަމަ އެމީހެއްގެ ރިޓަޔަރމަންޓް ސޭވިން އެކައުންޓަށް ކޮންމެ މަހަކު ޖަމާވަމުން އައި ފައިސާ ހުއްޓުމަކަށް އަންނާނެކަމަށެވެ. އެހެންކަމުން އެޙާލަތުގައި އެމީހެއްގެ މުސާރައިން ކޮންމެމަހަކު ޕެންޝަން ފަންޑަށް ޖަމާވަމުން އައި ފައިސާއާ އެއްވަރަށް ފެންޝަން އޮފީހުން ޖަމާކޮށްދޭ ފަދަ ސްކީމެއް ތަޢާރަފްކުރައްވަން ހަމަޖެހިފައިވާކަމަށް ޝުޖާޢު ވިދާޅުވިއެވެ. މީގެއިތުރުން އިންޝުއަރެންސް ކުންފުންޏެއް މެދުވެރިކޮށް އެމީހަކަށް އާމްދަނީއެއް ލިބޭނެފަދަ ގޮތްތަކެއްވެސް ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ޝުޖާޢު ވިދާޅުވިއެވެ.

" އަޅުގަނޑުމެން އެބަ ބަލަން އިންޝުއަރެންސެން މެދުވެރިކޮށް އެބޭފުޅަކަށް ޢާމްދަނީއެއް ލިބޭނެ ފަދަ އިންތިޒާމްތަކެއް ހަމަޖެއްސޭތޯ. އެކަމަކު އެކަން ކުރެވޭނީ ވަޒީފާ ދޭ ފަރާތާއި އަޅުގަނޑުމެންނާ ދޭތެރޭ އެއްބަސްވުމަކަށް އައިސްގެން. އިތުރު ކޮންޓްރިބިއުޝަންއެއް ގެނެސްގެން. އެހެންނަމަވެސް ކުރިން މި ދެންނެވި މިހާރު ލިބިލައްވާ ކޮންޓްރިބިއުޝަން ހުއްޓުމަކަށް ނައިސް އަޅުގަނޑުމެންނަށް ކުރިއަށްގެންދެވޭނެ އިންތިޒާމެއް ރޭވޭތޯ މި ބަލަނީ. ބައިވެރިންގެ އަތުން އެއްވެސް އެއްޗެއް ނުނަގާ. ފަހަރެއްގައި ކަންދިމާވާގޮތަކުން ނުކުޅެދުންތެރިކަމަކީ ދިމާވާ ގޮތަކުން އިތުރަށް މަސައްކަތް ނުކުރެވޭ ފަދަ ހާލަތަކަށްވެސް ހިނގައިދާނެ. އެހެންވެއްޖެއްޔާ އެ ކޮންޓްރިބިއުޝަން ހުއްޓުމަކަށް އަންނާނެ. އެހެންވެ އެފަދަ ކަމެއް މެދުވެރިވެދާނެތީ އަޅުގަނޑުމެން މި ވިސްނަނީ އެ ކޮންޓްރިބިއުޝަން މެދު ނުކެނޑި އުމުރުން 65 އަހަރު ވަންދެން ކުރިއަށްގެންދެވޭނެ އިންތިޒާމް ހަމަޖައްސަން." ޝުޖާއު ވިދާޅުވިއެވެ.

ޝުޖާޢު ވިދާޅުވީ ޕެންޝަން ފައިސާ ދޫކުރައްވާ އުޞޫލުވެސް ބަދަލުކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. މިހާރު ޕެންޝަން ފަންޑުން ފައިސާ ދޫކުރައްވަނީ އުމުރުން ފަސްދޮޅަސް ފަސް އަހަރުވުމުން ސާދަ އަހަރަށް ބައްސަވާލައިގެނެވެ. މިގޮތަށް ބަލާނަމަ އެ ފައިސާ ދެވެނީ ޢުމުރުން ހަތް ދިހަ ނުވަ އަހަރު ވަންދެނެވެ. ޝުޖާޢު ވިދާޅުވީ، މިހާރު އޮތްގޮތުން އުމުރުން ހަތްދިހަ ނުވައަހަރަށްފަހު އެމީހާ ދުނިޔޭގައި ހުރެއްޖެ އިތުރަށް ދޭނެ ފައިސާއެއް ނެތްކަމަށާއި އެހެންކަމުން އިންސިއުރެންސް ކުންފުންޏެއް މެދުވެރިކޮށް އެމީހެއްގެ މުޅި އުމުރަށް ފެންޝަން ފައިސާ ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޝުޖާޢު ވިދާޅުވިއެވެ.