ޚަބަރު

ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުން: 24 މީޓަރުގެ ސަރަޙައްދެއްގައި ޝީޓްޕައިލްކޮށް ނިމިއްޖެ


  • މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 144 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް

  • މިމަޝްރޫޢުގެ ދަށުން 830 މީޓަރުގެ ސަރަޙައްދެއްގައި ޒަމާނީ ފެންވަރަށް ތާރުއަޅައިގެން ހަދާނެ

  • 737 މީޓަރުގެ ސަރަޙައްދެއްގައި ޝީޓް ޕައިލް މަސައްކަތްކުރާނެ

މާލޭ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަހައްދު ތަރައްްޤީކުރުމަށް ކުރިއަށްގެންދާ މަގުހެދުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 24 މީޓަރުގެ ސަރަޙައްދެއްގައި ޝީޓް ޕައިލްކުރުމުގެ މަސައްކަތް ނިންމާ އެއްގަމު ތޮށި ތަޅާލުމުގެ މަސައްކަތް ކުރެވިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

މިއީ މާލޭ އުތުރުން ބޮޑުތަކުރުފާނު މަގުހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ބައެކެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރަނީ 4 ލޭނަކަށެވެ. މިމަގުގެ ގާތްގަނޑަކަށް 830 މީޓަރުގެ ސަރަޙައްދެއްގައި ޒަމާނީ ފެންވަރަށް ތާރުއަޅައިގެން މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެކުންފުންޏާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ 1 އަހަރާއި 3 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޢަމަލީ މަސައްކަތް ފެށި މިމަޝްރޫޢުގެ ދަށުން މިހާތަނަށް 24 މީޓަރުގެ ސަރަޙައްދެއްގެ ޝީޓް ޕައިލްކުރުމުގެ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އަދި، އެސަރަޙައްދުގެ އެއްގަމު ތޮށި ތަޅާލުމުގެ މަސައްކަތްވެސް ނިމިފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ. މިމަޝްރޫޢުގެ ދަށުން މާލޭ އުތުރު ފަރާތުން ބޮޑުތަކުރުފާނު މަގު ދެކޮޅަށް ދުއްވޭނެހެން 4 ލޭނަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. މިމަޝްރޫޢުގެ ދަށުން 830 މީޓަރުގެ ސަރަހައްދެއް ހަދާއިރު 737 މީޓަރުގެ ސަރަޙައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އެސަރަޙައްދުގެ މަގުގެ ތާރުއަޅައި ސަބްބޭސް ތައްޔާރުކުރުމާއ،ި ހިނގާ މީހުންނަށް ވަކި ލޭނެއް ޤާއިމުކުރުމާއި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުން ވިދާޅުވީ، މިމަޝްރޫޢާއެކު މާލޭގެ މަލަމަތި ރީތިވުމުގެ އިތުރުން، ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ބަޔަކު ބޭނުންކުރަމުން އަންނަ މިސަރަޙައްދުގެ ތޮއްޖެހުން ކުޑަވެގެންދާނެކަމަށެވެ. މިގޮތުން ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ގިނަ އޮފީސް އަދި ވިޔަފާރިތަކާއި މާލޭ މަސްމާރުކެޓު އަދި ދަތުރުވެރިންގެ މާރުކޭޓު ހުންނަ މިސަރަޙައްދު ތަރައްޤީވުމާއެކު ގިނަ ބަޔަކަށް އޭގެ ލުއިފަސޭހަކަން ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.