ޓުއަރިޒަމް

ދެ ސަރަޙައްދަކުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ


ވިލާތު ބައްރުން ރާއްޖެއަށް ޒިޔަރާތްކުރި ފަތުރުވެރިންގެ ޢަދަދު، މިދިޔަ އަހަރުގެ ޖުލައިމަހާ އަޅާބަލާއިރު، މިއަހަރުގެ ޖުލައިމަހު މިސަރަޙައްދުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވަނީ، އެގާރަ ޕޮއިންޓް ތިނެއް އިންސައްތަ އިތުރުވެފައެވެ. 

މިއަހަރުގެ ޖުލައިމަހު މިސަރަޙައްދުން ވަނީ ތިރީސް ހަތްހާސް އަށްސަތޭކަ ފަންސާސް ނުވަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި ޖުލައިމަހުގެ ނިޔަލަށް މިސަރަޙައްދުން ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދުވަނީ ތިންސަތޭކަ ހަތާވީސް ހާހަށްވުރެ މައްޗަށް އަރާފައެވެ. ޖުލައިމަހުގެ ތެރޭގައި ވިލާތު ބައްރުގެ ގިނަ ޤައުމުތަކުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު، އިނގިރޭސިވިލާތުން ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދުވަނީ، ދިހައެއް ޕޮއިންޓް އެކެއް އިންސައްތަ އިތުރުވެފައެވެ. އަދި އިޓަލީވިލާތުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދުވަނީ، އަށާވީސް ޕޮއިންޓް ތިނެއް އިންސައްތައަށް އަރާފައެވެ.

img:http://s1.psmnews.mv/images/660x400/14708324495130.jpg|ރާއްޖޭގެ ރިސޯޓެއްގައި ފަތުރުވެރިންތަކެއް ޗުއްޓީ ހޭދަކޮށްލަނީ

މެދުއިރުމަތީގެ ޤައުމުތަކަށް ބަލާލާއިރު، މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި މިޤައުމުތަކުން ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދަށް ވަނީ ފަންސާސް އެކެއް ޕޮއިންޓް ހަތަރެއް އިންސައްތައިގެ ކުރިއެރުމެއް އައިސްފައެވެ. ޖުލައިމަހުގެ ނިޔަލަށް މިސަރަޙައްދުގެ ޤައުމުތަކުން އަށާވީސް ހާސް ހަތަރުސަތޭކަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ވިލާތާއި މެދުއިރުމަތިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެފައިވަނީ މި ދެ ސަރަޙައްދުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުކުރެއްވުމަށް ކުރައްވާ މަސައްކަތާ ގުޅިގެންކަމަށެވެ. 

ޖުލައިމަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެމެރިކާ ސަރަޙައްދުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށްވެސް ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ. މިގޮތުން ޖުލައިމަހު މިސަރަޙައްދުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވަނީ ސާދަ ޕޮއިންޓް ފަހެއް އިންސައްތައަށް މައްޗަށް އަރާފައެވެ. އޭޝިޔާ ޕެސިފިކް ސަރަހައްދުން ޖުލައިމަހުގެ ތެރޭގައި ފަސްދޮޅަސް ހާސް ތިންސަތޭކަ ތޭވީސް ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު، ޖުލައިމަހުގެ ނިޔަލަށް މިސަރަޙައްދުން ވަނީ ތިންސަތޭކަ ސާޅީސް އެއްހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.