ތަރައްްޤީ

ފުރަތަމަ މެކޭނިކަލް ޕާރކިންގ ސިސްޓަމް ބެހެއްޓުމަށް ތައްޔާރުވަނީ


މާލެ ސިޓީއަކީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު، އަދި ދުނިޔޭގެ ނިސްބަތުންވެސް އެންމެ ކާރުބާރު ބޮޑު ސިޓީތަކުގެ ތެރޭގައި ހިމެނޭ ސިޓީއެކެވެ. އެއްދުވަހުން އަނެއްދުވަހަށް މާލޭ ސިޓީގައި ދިރިއުޅޭ މީހުން އިތުރުވެ، ދުއްވާ ވެހިކަލްތަކުގެ ޢަދަދުވެސް ދަނީ ގިނަވަމުންނެވެ.

ވެހިކަލްތައް ގިނަވެ، ޕާރކްކުރާނެ އެކަށީގެންވާ ޖާގަ ނެތުމުގެ މައްސަލައަކީ މާލޭ ސިޓީއަށް ދިމާވެފައިވާ އެއް މައްސަލައެވެ. މި މައްސަލަ ޙައްލުކުރެއްވުމަށްޓަކައި، ސަރުކާރުން ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ޕާރކިންގ މައްސަލަ ޙައްލުކުރެއްވުމަށްޓަކައި މާލޭގައި 20 މެކޭނިކަލް ޕާރކިންގ ސިސްޓަމް ޤާއިމުކުރެއްވުމުގެ މަސައްކަތް ސަރުކާރުން ވަނީ ކޮންޓްރެކްޓް އުޞޫލުން އެސްޓިއޯއާ ހަވާލުކުރައްވާފައެވެ.

img:http://s4.psmnews.mv/images/660x400/14621076293891.jpg|ޕާރކިންގ ސިސްޓަމްއެއް

ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޕާކިންގ ޒޯންތައް އިތުރުކުރެއްވުމަށް ހިންގަވާ މި މަޝްރޫޢުގެ ދަށުން، މެކޭނިކަލް ޕާކިންގ ސިސްޓަމްތައް ބެހެއްޓެވުމަށް ހަމަޖެހިފައިވާ ސަރަޙައްދުތައް މިހާރު ކަނޑައަޅުއްވާފައިވާކަމަށެވެ. އަދި އަމާޒަކީ، 2017 ވަނަ އަހަރުގެ ފެބްރުއަރީ މަސް ނިމެންވާއިރަށް، ހުރިހާ މެކޭނިކަލް ޕާކިންގ ސިސްޓަމްތައް ޤާއިމުކުރައްވައި ނިންމެވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"2017 ވަނަ އަހަރުގެ ފެބްރުއަރީ މަސް ނިމެންވާއިރަށް 20 ޕާރކިންގ ސިސްޓަމް ކަނޑައަޅާފައި ހުރި ލޮކޭޝަންތަކުގައި ޤާއިމުކުރެވިގެންދާނެ. އެންމެ ބޮޑަށް އެފަދަ ސިސްޓަމްތައް ބެހެއްޓުމުން މީހުންނަށް ފަސޭހަވާނެ ސަރަޙައްދުގައި ބެހެއްޓުމުގެ މަސައްކަތް އިރާދަކުރެއްވިޔާ ފެނިގެންދާނެ. އެއަށް ބޭނުންވާވަރުގެ ޖާގައެއް އެކަނި އެއަށް ނަގާނީ. މިސާލަކަށް ކާރު ޕާކްކުރާ ސިސްޓަމްގައި އިންނާނީ 2 ކާރު ޕާކްކުރެވޭނެ ޖާގަ. އުސްމިނުގައި ހުންނާނީ 6 ބުރި ޢިމާރާގެ އުސްމިން" ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މާލޭގައި ބަހައްޓާ 20 ޕާރކިން ސިސްޓަމްގެ ތެރޭގައި ސައިކަލަށް ޚާއްޞަ 10 ޕާކިންގ ސިސްޓަމާއި ކާރަށް ޚާއްޞަ 10 ޕާރކިނގް ސިސްޓަމް ހިމެނެއެވެ. އަދި މީގެ ތެރެއިން ފުރަތަމަ ފަރކިންގ ސިސްޓަމް މިއަހަރުގެ އޮކްޓޫބަރ މަހުގެ ތެރޭގައި ބެހެއްޓޭނެކަމަށް ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

"އާބަން ރީ-ޑިވެލޮޕްމެންޓް މަސައްކަތުގެ ތެރޭގައި ހިމެނޭ އެއް ކަންތައް ވެހިކަލް ޕާކު ކުރާނެ ޖާގަށް ނެތް މައްސަލައަށް ކުޑަނަމަވެސް ޙައްލެ ގެނެސްދިނުން. ވެހިކަލް އިތުރުވުން އެއީ މައްސަލަ ޙައްލުކުރަން ދިމާވާ އެންމެ ބޮޑު ގޮންޖެހުން. ވެހިކަލް އިތުރުވަމުންދާވަރުން އިތުރުވަމުންދޭ. މި ބަލަނީ މާލެތެރޭގައި ޕާރކްކުރުމަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ގެނެސްދިނުމަށް. އެގޮތުން ސަރުކާރުން ރައީސްގެ ވިސްނުންފުޅުގައި ވަނީ މާލޭގައި ކޮންމެވެސް ވަރަކަށް މެކޭނިކަލް މަލްޓިލޭއަރ ޕާރކްތަކެއް ޤާއިމުކުރެއްވުން" ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މެކޭނިކަލް ޕާރކިން ނިޒާމަކީ ރާއްޖެއަށް އާނިޒާމަކަށް ވީނަމަވެސް މިއީ ދުނިޔޭގައި ކުރިއަރާފައިވާ ގިނަ ޤައުމުތަކެއްގައި ވަރަށް ކާމިޔާބު ކަމާއެކު ބޭނުން ކުރަމުންދާ ނިޒާމެކެވެ.