ފުރިހަމަ ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި، ރަނގަޅު ފެންވަރުގެ ސިއްޙީ ފަރުވާދެވޭނެ މަރުކަޒުތަކެއް ނުވަތަ ހޮސްޕިޓަލްތަކެއް ތަރައްޤީވުމަކީ ކޮންމެހެން ލާޒިމްކަމެކެވެ. އަދި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތަކީ މުޅި ޤައުމުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރެވޭ މުހިއްމު މަސައްކަތްތަކެކެވެ. މިވޭތުވެދިޔަ ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި ޞިއްޙީ ޚިދުމަތްދޭ ތަންތަން ތަރައްޤީކުރުމުގެ 166 މަޝްރޫޢުއެއްގެ މަސައްކަތްވަނީ ފަށާފައެވެ.
ތަރައްޤީގެ ދުވެލީގައި ސަރުކާރުން އެންމެ އިސްކަންދޭ އެއް ދާއިރާއަކީ ޞިއްޙީ ދާއިރާއެވެ. ސަބަބަކީ މުޅި ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް މުހިއްމު ބޮޑެތި މަސައްކަތްތަކެއް މިވޭތުވެދިޔަ ތަނުގައި ކުރިއަށްގެންދަވާފައިވަތީއެވެ. ސަރުކާރުގެ މައި ހޮސްޕިޓަލުތަކާއި، ސަރަޙައްދީ ހޮސްޕިޓަލުތަކުގެ އިތުރުން ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކުގެ ތަރައްޤީއަށްވެސް ބޮޑެތި މަސައްކަތްތަކެއް މިވޭތުވެދިޔަ ދޮޅުއަހަރުގެ ތެރޭގައިވަނީ ކޮށްފައެވެ.
ޞިއްޙަތާ ބެހޭ ވުޒާރާއިން ޕީއެސްއެމްނިއުސްއާއި ހިއްސާކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިވޭތުވެދިޔަ ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ތަރައްޤީގެ 166 މަޝްރޫޢެއްގެ މަސައްކަތްވަނީ ފަށާފައެވެ. އެކި ސަރަޙައްދުތަކުގައި 25 މުޅި އައު ހޮސްޕިޓަލުގެ މަސައްކަތް ފެށިގެން އެކި މަރުޙަލާތަކުގައި ކުރިއަށްދާއިރު، 21 ހޮސްޕިޓަލެއްވަނީ ޕްލޭނިންގ މަރުޙަލާގައެވެ.
މުޅިން އައު 17 ޞިއްޙީ މަރުކަޒުގެ ޢިމާރާތުގެ މަސައްކަތް އެކި މަރުޙަލާތަކުގައި ހުރިއިރު، 8 ޞިއްޙީ މަރުކަޒުގެ މަސައްކަތްވަނީ ޕްލޭނިންގ މަރުޙަލާގައެވެ. ޞިއްޙީ ވުޒާރާއިން ވިދާޅުވީ، އެކި މަރުޙަލާތަކުގައި 51 ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހިންގަމުންދާއިރު، 44 ޞިއްޙީ މަރުކަޒު އަޕްގެރޭޑްކުރުމުގެ މަސައްކަތް އޮތީ ޕްލޭނިންގ މަރުޙަލާގައިކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަތޮޅުތަކުގެ ރަށްތަކަށް ސިލްސިލާކޮށް ކުރައްވަމުންގެންދަވާ ދަތުރުފުޅުތަކުގައި އެންމެ ބޮޑު ކަންބޮޑުވުމެއް އާންމުންނާއި ކައުންސިލްތަކުންކުރަނީ ރަށްރަށުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރާއި ގުޅޭގޮތުންނެވެ. އެހެންކަމުން އެމަނިކުފާނުގެ މިދަތުރުފުޅުތަކުގައި އައު ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުގެ އިތުރުން ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި އިތުރު ޚިދުމަތް ފެށުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަން އިތުރަށް ތަރައްޤީވެ ރަނގަޅު ފެންވަރުގެ ޞިއްޙީ ފަރުވާ ރަށްރަށުން ލިބެން ފެށުމުން، ޞިއްޙީ ފަރުވާއަށް މާލެއަށް ބަރޯސާވުން ނިމުމަކަށް އަންނާނެއެވެ. މީގެ ސަބަބުން މާލޭގެ މައި ހޮސްޕިޓަލުތަކަށް އޮންނަ ރިފަރަލް އަދި ޑޮކްޓަރަށް ދެއްކުމަށް އޮންނަ އެޕޮއިންޓްމަންޓް ކިޔުތައް ކުޑަކުރެވިގެންދާނެކަމަށް ޞިއްޙީ ވުޒާރާއިން ފާހަގަކުރައްވައެވެ. މިއީ މުޅި ރާއްޖޭގެ ޞިއްޙީ ނިޒާމު ވަރުގަދަކުރުމަށް އަތޮޅުތަކުގެ ރަށްތަކުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ތަރައްޤީއަކީ މުހިއްމު މަސައްކަތެކެވެ.