ވިޔަފާރި

ސައިކަލް ޓެކްސީގެ ޚިދުމަތް ދިނުމުގެ ހުއްދަ ދެކުންފުއްޏަކަށް ދީފި


ސައިކަލް ޓެކްސީގެ ޚިދުމަތް މާލޭގައި ދިނުމަށް ކުރިމަތިލި 6 ކުންފުނީގެ ތެރެއިން ދެކުންފުއްޏެއް އެ ޚިދުމަތްދިނުމަށް ހޮވައިފިއެވެ.

މިޚިދުމަތް ދިނުމަށް ހޮވާފައިވަނީ ރައިޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ވީލް އެމްވީ ޕްރައިވެޓް ލިމިޓެޑެވެ. އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މި ދެކުންފުނިން ސައިކަލް ޓެކްސީ ޚިދުމަތް ދޭން ފަށާނީ ޤަވާޢިދު ގެޒެޓްކުރއްވުމަށްފަހު އެ ޤަވާޢިދުގައިވާ ގޮތުގެ މަތިން ކަމަށެވެ.

މިމަހުގެ ތެރޭގައި ނުވަތަ އަންނަ މަހުގެ ތެރޭގައި މިޚިދުމަތް ދޭން ފެށޭނެކަމަށް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ޚިދުމަތް ދިނުމަށް ލައިސަންސް ދިނުމުގައި މިނިސްޓްރީން އިސްކަން ދެއްވާފައިވަނީ ކުރިއަރާފައިވާ ޤައުމުތަކެކޭ އެއްފަދައިން ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ޢާއްމުންނަށް އެންމެ ފަސޭހަކަމާއެކު، ރައްކާތެރި ގޮތަކަށް ޚިދުމަތް ދިނުމަށް ހުށަހަޅައިފައިވާ ފަރާތްތަކަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައެވެ.

ސައިކަލަކީ މިހާރު ދިވެހިރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރަމުން އަންނަ އެއްގަމު ދަތުރުފަތުރުގެ ވަޞީލަތަށްވުމާއި، މާލެއަކީ މަގުތަކުގެ ޖާގައިގެ ދަތިކަން އޮތް ކާރުބާރުބޮޑު ތަނަކަށް ވާތީ މިޚިދުމަތަކީ މިހާރު ހުރި ސައިކަލުތަކުގެ ބޭނުން ހިފަން ލިބޭ ފުރުޞަތެއްކަމުގައި އެ މިނިސްޓްރީން ފާހަގަކުރައްވައެވެ. މިގޮތުން މި ޚިދުމަތް ތަޢާރަފުވުމުން މާލޭގެ މަގުތައްފަދަ ކާރޫބާރޫ ބޮޑު މަގުތަކުގައި ހަލުވިކަމާއި ފަސޭހަކަމާއެކު ހެޔޮ އަގެއްގައި ދަތުރުކޮށްލުމަށް ފުރުޞަތު ލިބިގެންދާނެ ކަމުގައިވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.