ޚަބަރު

އެޗްއާރުސީއެމަށް ދެ މެންބަރުން އައްޔަން ކުރުމުގެ މައްސަލަ ދިރާސާކުރަން ކޮމިޓީއަށް


  • ކޮމިޝަންގެ ދެ މެންބަރުންގެ މަގާމުގެ މުއްދަތު އަންނަ މަހު ހަމަވާނެ

  • ރައީސް ނަންތައް ފޮނުއްވީ އާންމުކޮށް އިޢުލާންކުރެއްވުމަށްފަހު

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމަށް ދެ މެންބަރުން އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

އެޗްއާރުސީއެމަށް ދެ މެންބަރަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވެވީ އެކޮމިޝަންގެ ދެ މެންބަރެއްގެ މަގާމު އަންނަ ސެޕްޓެމްބަރު މަހުގެ 8ވަނަ ދުވަހާ ހަމައަށް ހަމަވާތީއެވެ. މަގާމުގެ މުއްދަތު ހަމަވަނީ ނައިބު ރައީސް މޫމިިނާ ވަހީދާއި މެންބަރު އާމިނަތު ޝިފާތު އަބްދުއްރައްޒާގުގެއެވެ.

އެޗްއާރްސީއެމުން ހުސްވާ މެންބަރުންގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވެވީ އާންމުކޮށް އިޢުލާންކުރުމުން ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ބޭފުޅުންގެ ތެރެއިން އެ މަގާމަށް އައްޔަން ކުރެއްވުމަށް އެމަނިކުފާނަށް ފެންނަ ބޭފުޅުންގެ ނަންތަކެވެ. އެގޮތުން އެމަނިކުފާނު ފޮނުއްވާފައިވަނީ ހ. ސޯސަން، މުހައްމަދު ފާރިސް ތޯހާ، އާއި މ. ޕޮޕީ، މުހައްމަދު ޝަފީގް މަހްމޫދުގެ ނަމެވެ.

މި ނަންތައް ދިރާސާކުރުމަށް ރިޔާސަތުން ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުއްވާފައެވެ.

މިނިވަން މުއައްސަސާތަކުގެ މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާނީ އާންމުކޮށް އިޢުލާންކޮށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅުއްވާ ނަންތައް މަޖިލީހުން ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާއެވެ.