މާދަމާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވާނެއެވެ. މި ޓަރމިނަލް ހުޅުވުން ވެގެންދާނީ ރާއްޖޭގެ މައި ދޮރަށްޓަށް ގެނެވޭ އެންމެ ބޮޑު ބަދަލަށެވެ. އަހަރަކު 2 މިލިޔަނެއްހާ ފަތުރުވެރިންނާއި އަދި އެނޫންވެސް ކަންކަމުގައި ރާއްޖެ އަންނަ ފަރާތްތަކާއި ޤައުމުން ބޭރަށް ފުރާ ދިވެހިން ބޭނުން ކުރާ ތަނަކީ މިއީއެވެ.
ވެލާނާ އެއަރޕޯޓުގެ އައު ޓަރމިނަލް ޚިދުމަތަށް ގެނައުމަކީ، ބުރަ މަސައްކަތެކެވެ. މިމަސައްކަތައް ސަރުކާރުން ދެއްވާ އިސްކަމާއެކު، އެންމެ ބޮޑު ޝުކުރެއް ހައްޤުވަނީ އެއަރޕޯޓުގެ މުވައްޒަފުންނަށެވެ. އެމްއޭސީއެލް އަކީ ރާއްޖޭގައި އެންމެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ އެއްކުންފުންޏެވެ. އެކުންފުނީގައި 33 ޑިޕާޓްމެންޓެއް އޮވެއެވެ. އަދި ރާއްޖޭގެ މައިގަނޑު ހުރިހާ ސިނާޢަތެއް އެ މުވައްޒަފުން ތަމްސީލް ކުރެއެވެ. އެމްއޭސީއެލްގައި 5000 އެއްހައި މުވައްޒަފުން މަސައްކަތް ކުރާއިރު، އޭގެ ތެރެއިން 97 އިންސައްތަ އަކީ، ދިވެހިންނެވެ.
އެމްއޭސީއެލްއަކީ އަމިއްލަ ފައިމަތީ ހުރިހާ ޚިދުމަތެއް ދެވޭ ފެންވަރުގެ ބޮޑު ކުންފުންޏެކެވެ. އެއަރޕޯޓަށް ބޭނުންވާ ކަރަންޓު ޚިދުމަތުން ފެށިގެން ގޮސް، ފެނާއި ނަރުދަމާ، އަދި އެނޫންވެސް ޚިދުމަތެއް ދިނުމުގެ ޤާބިލްކަން ކުންފުނީގައި އެބަހުއްޓެވެ. މިހުރިހާ ޚިދުމަތަކާއިއެކުވެސް ކުރީގެ ޓަރމިނަލުން އައު ޓަރމިނަލަށް ބަދަލުވުމަކީ އެއަރޕޯޓު މުވައްޒަފުން ކޮށްފައިވާ ބުރަ މަސައްކަތެކެވެ. އެމްއޭސީއެލްއިން އިންތިޒާމުތައް ހަމަޖައްސަވާފައިވާ ގޮތުން އެއަރޕޯޓުގެ ހުރިހާ މުވައްޒަފުންވެސް ޓަރމިނަލް ހުޅުވުމުގެ މަސައްކަތުގައި ބައިވެރިވެވެއެވެ.
2023 ވަނަ އަހަރު ނޮވެމްބަރު މަހު އަދުގެ ސަރުކާރުން ހަވާލުވިއިރު 54 އިންސައްތަ ނިމިފައިވާ ޓަރމިނަލް، ދޮޅު އަހަރުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް ކޮންޓްރެކްޓަރާއި ގުޅިގެން ގިނަ މަސައްކަތް ކޮށްފައިވަނީ އެއަރޕޯޓު މުވައްޒަފުންނެވެ. ތަން ސާފު ކުރުމާއި ކަންކަން އިންތިޒާމު ކުރުމާއި އައު ޚިދުމަތުގެ މިންގަނޑުތަކަށް ފަރިތަވެ، ފުރިހަމައަށް ޓަރމިނަލް ހުޅުވުމަށް ތައްޔާރުވެފައިވަނީ އެ މުވައްޒަފުންގެ މިންނެތް ބުރަ މަސައްކަތުން ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކުރީގެ ޓަރމިނަލަކީ، 1981 ވަނަ އަހަރު ހުޅުވި ތަނެކެވެ. އެތަނަށް އެކި ބަދަލުތައް ގެނެސް ޚިދުމަތް ފުޅާކުރުމުން ދިޔަ ނަމަވެސް މި ތަނަކީ މިހާރު ޚިދުމަތް ދެމުންދާ ކެޕޭސިޓީއަށް ތައްޔާރުވެގެން ހަދާފައިވާ ތަނެއް ނޫނެވެ. އޭރު ޓަރމިނަލް ހުޅުވާފައިވަނީ ދުވާލެއްގެ މައްޗަށް 3000 އެއްހައި މީހުންނަށް ޚިދުމަތް ދިނުމަށެވެ. ނަމަވެސް އެންމެ ފަހުން އެންމެ ބާރުބޮޑުކޮށް ހިންގި ދުވަހު އެކަނިވެސް 23،000 މީހުންނަށް ޚިދުމަތް ދީފައިވެއެވެ. މިޓަރމިނަލް ހުޅުވީ އަހަރަކު މިލިޔަނެއްހާ މީހުންނަށް ޚިދުމަތް ދިނުމަށެވެ.
ސްނޭކް ކިއުތައް ހަދައި، ލިބެން އޮތް ކުޑަ ޖާގަ އެންމެ ބޮޑަށް ބޭނުންކޮށްގެން ޚިދުމަތް ދެމުން އައިސް، މިހާރު ތައްޔާރުވެފައި މިވަނީ އައު ޓަރމިނަލަށް ޚިދުމަތް ބަދަލުކޮށް ޚިދުމަތް ދިނުމަށް ތައްޔާރުވެފައިވެއެވެ. އައު ޓަރމިނަލަކީ އެވަރޭޖްކޮށް 20،000 މީހުންނަށް ޚިދުމަތް ދެވޭވަރުގެ ޓަރމިނަލެކެވެ. މީގެ މާނައަކީ މިއީ އަހަރެއްގެ މައްޗަށް 7 މިލިޔަން މީހުންނަށް ޚިދުމަތް ދެވޭނެ ޓަރމިނަލަކަށް ވާނެއެވެ.
މާދަމާ އެއަރޕޯޓު ހުޅުވާއިރު، އެމްއޭސީއެލް މުވައްޒަފުން ކޮށްފައިވާ ބުރަ މަސައްކަތަށް ޝުކުރު ހައްޤެވެ. ފުރިހަމަ ތައްޔާރީއަކާއެކު ސަރުކާރުން މަޝްރޫއު ނިންމުމަށް ދިން އިސްކަން ޤަބޫލުކޮށް އެ މުވައްޒަފުން، ކޮށްފައިވަނީ ޤައުމީ މަސައްކަތެކެވެ.