ޚަބަރު

އެމްއެމްއޭ އިން ބޭރު ފައިސާގެ ރިޒަރވް ރިކުއަރމަންޓް %5 އަށް ދަށްކޮށްފި


  • މީގެ ކުރިން މިއަދަދު 7.5 އޮކްޓޯބަރ މަހު ދައްކުރި

  • ބަދަލުގެ ސަބަބުން 45 މިލިއަން ޑޮލަރު ލޯނު ދިނުމަށް ލިބޭނެ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ޑިޕޮސިޓްތަކަށް ހަމަޖައްސާފައިވާ މިނިމަމް ރިޒަރވް ރިކުއަރމަންޓް (އެމްއާރްއާރް) %7.5 އިން %5.0 އަށް ދަށްކޮށްފިއެވެ. މި ބަދަލަށް ޢަމަލުކުރަން ފަށާފައިވަނީ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

މި ބަދަލު ގެނެސްފައި ވަނީ ބޭރު ފައިސާގެ ޑިޕޮސިޓްތަކަށް އެކަންޏެވެ. މިއީ އޮކްޓޯބަރު 2024 ގައި އެމްއެމްއޭ އިން މިފަދަ ލިކުއިޑިޓީގެ ދަތިކަމަކަށް ޙައްލު ހޯދުމަށް އެމްއާރްއާރް %10 އިން %7.5 ދަށްކުރުމަށްފަހު، ބޭރު ފައިސާގެ އެމްއާރްއާރްއަށް ގެނެވުނު ފުރަތަމަ ބަދަލެވެ. އެހެން ނަމަވެސް، އެމްއެމްއޭ އިން ވަނީ ރުފިޔާގެ ރިޒަރވް ރިކުއަރމަންޓަށް ބަދަލެއް ނުގެނެސް 10% ގައި ހިފަހައްޓާފައެވެ.

އެމްއާރްއާރް އަކީ ބޭންކިންގ ނިޒާމުގެ ތެރޭގައި ދައުރުވާ ލިކުއިޑިޓީ މެނޭޖްކުރުމަށް މަރުކަޒީ ބޭންކުތަކުގެ މަނިޓަރީ ސިޔާސަތުގެ ދަށުން ގެންގުޅޭ ވަޞީލަތެކެވެ. މިގޮތުން ހުރިހާ ވިޔަފާރި ބޭންކުތަކުން މަރުކަޒީ ބޭންކުގައި ކަނޑައެޅިފައިވާ މިންވަރެއް ރިޒަރވްގެ ގޮތުގައި ބަހައްޓަންޖެހެއެވެ. ވުމާއެކު އެމްއާރްއާރް އަކީ ވިޔަފާރި ބޭންކުތަކުން އެމްއެމްއޭގައި އެ ބޭންކެއްގެ ޖުމުލަ ދިވެހި ރުފިޔާ އަދި، ބޭރު ފައިސާގެ ޑިޕޮސިޓްތަކުގެ ތެރެއިން، ރިޒަރވްގެ ގޮތުގައި ބަހައްޓަންޖެހޭ ވަކި މިންވަރެކެވެ. އަދި އިޤްތިޞާދީ ޙާލަތަށް ރިޢާޔަތްކޮށް އެމްއާރްއާރްގެ ގޮތުގައި ބަހައްޓަން ޖެހޭ ނިސްބަތް ބަދަލުކުރެއެވެ.

އެމްއެމްއޭއިން ބޭރު ފައިސާގެ އެމްއާރްއާރް ދަށްކުރުމަށް ނިންމާފައިވަނީ ބޭރު ފައިސާގެ ލިކުއިޑިޓީގެ ދަތިތަކަށް އިތުރަށް ލުޔެއް ހޯދައިދިނުމުގެ ގޮތުންނެވެ. މީގެ ސަބަބުން ބޭންކިންގ ނިޒާމުގައި ދައުރުވާ ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުވެ، ބޭރު ފައިސާގެ ލޯނު ދޫކުރުމަށް އިތުރަށް މަގުފަހިވެގެންދާނެއެވެ. އަދި އިޤްތިޞާދީ ހަރަކާތްތައް ކުރިއެރުވުމަށް ބާރަކަށް ވެގެންދާނެއެވެ. މި ބަދަލުގެ ސަބަބުން ބޭންކުތަކަށް ވަގުތުން ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު ލޯނު ދިނުމަށް ޓަކައި ލިބިގެންދާނެއެވެ.

އެމްއެމްއޭ އިން ދައުރުވާ ފައިސާ (މަނީ ސަޕްލައި) ބެލެހެއްޓުމަށާއި އަގުތައް މައްޗަށް ދިއުން ކޮންޓްރޯލްކުރުމަށް އެހެނިހެން ވަސީލަތްތައް ވެސް ބޭނުންކުރެއެވެ. މީގެ ތެރޭގައި އޯޕަން މާކެޓް އޮޕަރޭޝަންތައް، ޕޮލިސީ ރޭޓަށް ގެންނަ ބަދަލުތައް، އަދި ވަކި އަމާޒުތަކަކަށް ބިނާކޮށް ބޭރު ފައިސާގެ މާރުކޭޓަށް އަސަރުކުރުވުން ހިމެނެއެވެ. މި ވަސީލަތްތަކަށް ގެންނަ ކުދިކުދި ބަދަލުތަކުން، އިޤްތިޞާދީ ތަރައްޤީއަށް އެހީތެރިވުމާއެކު ބޭންކިންގ ނިޒާމަށް އޮންނަ އިތުބާރު ދެމެހެއްޓުމަށް އެމްއެމްއޭ އިން މަސައްކަތްކުރެއެވެ.