ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު، ވީއައިއޭގެ އައު ޕެސެންޖަރ ޓާމިނަލް ހުޅުވުމަށް ތައްޔާރުވަމުން އަންނައިރު ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން ޚާއްސަ ފަރިވަޅެއް ހަދިޔާކޮށްފިއެވެ. މި ފަރިވަޅު ހަދިޔާކުރުމަށް ޕީއެސްއެމްގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ވީއައިއޭގެ އައު ފެސެންޖަރ ޓާމިނަލަށް ޒިޔާރަތްކޮށްފައެވެ.
ޕީއެސްއެމްގެ ފަރާތުން މި ފަރިވަޅު އެރުވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަސްރީނެވެ. އަދި އެމްއޭސީއެލްގެ ފަރާތުން މި ފަރިވަޅާއި ހަވާލުވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދެވެ.
ޕީއެސްއެމްއިން މި ފަރިވަޅު ހަދިޔާކުރުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ވީއައިއޭގެ ތަރައްޤީއަށްޓަކައި މިހާތަނަށް ހިންގި އެންމެ ބިޔަ އެއް ޕްރޮޖެކްޓް އައު ޕެސެންޖަރ ޓާމިނަލްގެ މަސައްކަތް ނިންމުމަށްޓަކައި އެމްއޭސީއެލްގެ މުވައްޒަފުން ކުރި މަސައްކަތް ބަލައިގަނެ އެކަމުގެ އަގު ވަޒަންކުރުމެވެ.
ޕީއެސްއެމްއަކީ އަބަދުވެސް އެމްއޭސީއެލްއާއި ވަރަށް ގާތުން މަސައްކަތްކުރާ ކުންފުންޏެކެވެ. އަދި އެމްއޭސީއެލްއިން ކުރިއަށްގެންދާ މިފަދަ ތަރައްޤީގެ މަޝްރޫއުތަކުގައި އަބަދުވެސް ޕީއެސްއެމްގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން އެ ކުންފުނިން ވަނީ ދެއްވާފައެވެ.
ޕީއެސްއެމްއިން އެމްއޭސީއެލްއަށް ހަދިޔާކުރި ފަރިވަޅުގައި ހިމެނެނީ ދިވެހި ކެއުމުގެ ބާވަތްތަކެވެ. އަދި ދިވެހި ފޮނި ކާތަކެތިވެސް މި ފަރިވަޅުގައި ހިމެނެއެވެ.
ވީއައިއޭގެ އައު ޕަސެންޖަރ ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުއެވެ. އެއީ އަންނަ ހޮނިހިރު ދުވަހެވެ. އެމްއޭސީއެލްއިން މިހާރު ދަނީ އެއަރޕޯޓު ހުޅުވުމަށް ވާން ޖެހޭ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
ވީއައިއޭގައި މިހާރު ހުރި ޓަރމިނަލުން ޚިދުމަތް ދެވެނީ އަހަރަކު 1.5 މިލިޔަން މީހުންނަށެވެ. ނަމަވެސް ރާއްޖެއަށް އަހަރަކު 2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އެހެންކަމުން މިހާރު ހުރި ޓަރމިނަލުން ޚިދުމަތް ދެމުންގެންދަނީ އޯވަރ ކެޕޭސިޓީއެއްގައެވެ.
މި މައްސަލައަށް ހައްލު ގެނެސްދޭނީ މިހާރު ހުޅުވުމަށް ތައްޔާރުވަމުންދާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލެވެ. މި ޓަރމިނަލާއެކު އަހަރަކު 7 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ.