އަތޮޅުތައް

ހެނބަދޫއާއި ފެރިދޫ ނަރުދަމާ ނިޒާމް ޑިޒައިންކުރުމުުގެ މަސައްކަތް


ސަރުކާރުން ރާއްޖޭގެ ރަށްރަށުގައި ނަރުދަމާގެ ނިޒާމް ޤާއިމްކޮށްދެއްވުމުގެ މަސައްކަތުގެ ދަށުން އަލަށް މަސައްކަތް ފެއްޓެވުމަށް ހަމަޖެހިފައިވާ ރަށްރަށުގައި ތެރޭގައި ހިމެނުއްވައިގެން މަސައްކަތް ފެއްޓެވުމަށް ހަމަޖެހިފައިވާ ރަށްރަށުގެ ތެރޭގައި ނ. ހެނބަދުއާއި އއ. ފެރިދޫ ހިމެނެއެވެ. މި ދެރަށުގައި މި މަސައްކަތް ކުރެއްވުމުގެ ތައްޔާރީތައް މިހާރު ވަނި ފަށްޓަވާފައެވެ. މިގޮތުން ނަރުދަމާ ނިޒާމްގެ ޑިޒައިނާއި ޓެންޑަރ ޑޮކިއުމެންޓް ތައްޔާރުކުރެއްވުމުގެ މަސައްކަތް އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ވަނީ އަމިއްލަ ކުންފުންޏަކާ ޙަވާލުކުރައްވާފައެވެ. މިކަން ޙަވާލުކުރެއްވީ ރިޔަން ޕްރައިވެޓް ލިމިޓެޑާއެވެ. 

މިއަދު އެންވަޔަރަންމަންޓްގައި ބޭއްވެވި ރަސްމިޔާތެއްގައި މި ކޮންޓްރެކްޓް ޙަވާލުކުރެއްވުމުގެ އެއްބަސްވުމުގައި އެމިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޠާރިޤް އިބްރާހީމްއެވެ. ރިޔަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ހަމީޒްއެވެ.ރިޔަން ޕްރައިވެޓް ލިމިޓެޑާ މި މަސައްކަތް ޙަވާލުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް ވަނީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި އެކިއެކި މަރުޙަލާތަކުގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ. އަދި ސަރުކާރާއި، ބޭރުގެ އެހީގައި ބޮޑެތި މަސައްކަތްތަކެއް ވޭތުވެދިޔަ ދެއަހަރާއި ބައިގެ ތެރޭގައި ފަށްޓަވައި އަދި ނިންމަވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

img:http://s2.psmnews.mv/images/660x400/14702149063579.jpg|ދެ ރަށެއްގެ ނަރުދަމާ ނިޒާމް ޑިޒައިންކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިއަހަރުގެ މެދަކާ ހިސާބަށް އައިއިރު، 10 ރަށެއްގައި ނަރުދަމާއާއި 2 ރަށެއްގެ ފެނުގެ ނިޒާމްގެ މަސައްކަތް އަލަށް ޙަވާލުކުރެވިފައިވާކަމަށެވެ. އަދި ކުރިޔަށް އޮތް އަހަރުތެރޭގައި އިތުރު ރަށްރަށުގައި ފެނާއި ނަރުދަމާގެ ޢަމަލީ މަސައްކަތް ފަށްޓަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރައީސް ޔާމިން ވެރިކަމާއި ޙަވާލުވިއިރު ފެނާއި ނަރުދަމާގެ ނިޒާމުގެ ހާލަތު އޮތީ މާލެ ލައިގެން ރާއްޖޭގެ ހުރިހާ އާބާދީއެއްގައި 37 ޕަސެންޓް  ނަރުދަމާ ނިޒާމް ޤާއިމްކޮށްފައިވަނީ. ފެނުގެ ނިޒާމް އޮތީ 25 ޕަސެންޓަށް މިއަދަދު 75 ޕަސެންޓަށް މަތިކުރުމަށް މަސައްކަތް ކުރަމުންދަނީ." މިނިސްޓަރ ވިދާޅުވިއެވެ. 

ނ. ހެނބަދުއާއި އއ. ފެރިދޫގައި ޤާއިމްކުރެއްވުމަށް ހަމަޖެހިފައިވާ ނަރުދަމާގެ ނިޒާމްގެ ޑިޒައިންއާއި ޓެންޑަރ ޑޮކިއުމެންޓް ތައްޔާރުކުރުމުގެ މަސައްކަތުގެ ޖުމްލަ އަގަކީ ފަސްސަތޭކަ ހަތްހާސް ރުފިޔާއެވެ. މި މަސައްކަތް ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތަކީ ސޮއިކުރާ ތާރީހުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައިކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރައްވައެވެ. މިމަސައްކަތަކީ ސަރުކާރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުން ޚަރަދުކުރުމަށް ހިންގެވުމަށް ހަމަޖެހިފައިވާ މަސައްކަތެއް ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރައްވައެވެ.