ނ.ލަންދޫގެ ތަރައްޤީއަށް ވެވަޑައިގެންފައިވާ ވަޢުދުތަކުގެ ބޮޑު ބައެއް މިއަހަރު ކުރިއަށްދާނެކަމަށް ވިދާޅުވެ، އެރަށުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުންމީދު ދެއްވައިފިއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ލަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި ރިޔާސީ އިންތިޚާބުގައި ލަންދޫއަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށާއި، އޭގެ އަމަލީ މަސައްކަތް ވެސް ފަށްޓަވާފައިވާކަމަށް ވިދާޅުވިއެވެ. އޭގެ އެއް ވަޢުދަކީ ލަންދޫގެ ސިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރުގެ ޚިދުމަތަކަށް ބަދަލުކުރުންކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެކަމަށް ވަސީލަތާއި މުވައްޒަފުން ހަމަކުރުން ކުރިއަށްދާކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ލަންދޫގެ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު އެޅުމަށް ވެވަޑައިގެންނެވި ވަޢުދުގެ އަމަލީ މަސައްކަތް ފެށި ކުޅިވަރުގެ އިތުރު ވަސީލަތްތައްވެސް ޤާއިމުކުރަން ސަމާލުކަން ދެއްވައިގެން ރައްޔިތުން ބޭނުންވާގޮތަށް ފުރިހަމަވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
“ވަޢުދުވީން ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި މޫދަށް އަރޭ ސަރަހައްދެއް ތަރައްްީކުރުމަށް. އަދި ބަޔަކާ ހަވާލު ނުކުރެވުނަސް، ކުރިއަށް އޮތް ދުވަސްތަކުގައި، މާނައަކީ މަސައްކަތްތައް ބެޗު ބެޗަށް ހަވާލުކޮށްގެން މަސައްކަތްތައް ކުރިއަށްދާއިރު، މިހާރު 6 ބެޗެއްގެ މަސައްކަތް ހަވާލުކޮށްފިން. ދެން 7 ވަނައަށް ފެށޭ ބެޗުގައި އެ މަސައްކަތްތައް ހިމަނާނަން. އެއީ ސެޕްޓެމްބަރުގައި ސޮއިކުރުން ގެންގޮސް ނޮވެމްބަރުގައި އަމަލީ މަސައްކަތް ފެށޭނެ. އޭގެ މާނައަކީ މިއަހަރު ފެށޭނެ.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޚާއްޞަކޮށް އަންހެނުންގެ ކުޅިވަރުތަކުގެ ތެރެއިން ހޭންޑްބޯލް މަޝްރޫޢު ވަރަށް ގިނަ ރަށްރަށުގައި ގެންދާނެ މަޝްރޫޢުއެއްކަމަށާއި، ވަކި މަޝްރޫޢުއެއްގެ ގޮތުގައި ވަރަށް ގިނަ ރަށުގައި ކުރިއަށްދާނެކަމަށެވެ.
ސްކޫލަށް ބޭނުންވާ ޢިމާރާތުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކަމުގައި ސަރުކާރުން އަދާކުރަންޖެހޭ ކަންކަން ފުރިހަމަކުރަމުންދާކަމަށެވެ. އަދި ސްކޫލަށް ބޭނުންވާ އިތުރު ޖާގައާއި ވަސީލަތްތައް އިތުރުކުރުމުގެ އައު މަޝްރޫޢުއެއް ކުރިއަށް ގެންދިއުމަށް ގަސްތުކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އޭގެތޭގައި ސްޓާފްރޫމްގެ މަސައްކަތާއި އެނޫންވެސް ތަޢުލީމީ ގޮތުން ބޭނުންވާނެކަންކަން ފުރިހަމަކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އައިސްޕްލާންޓެއްގެ މަސައްކަތް ފެށިފައިވާތީ، އެކަމަށް ބޭރުގެ ފަންޑުގެ ހުއްދަތައް ލިބިފައިވުމާއެކު މިއަހަރު ނިމުމުގެ ކުރިން އެ މަސައްކަތްވެސް ނިމޭނެކަމަށް ވިދާޅުވިއެވެ. އަދި ފެނުގެ ނިޒާމު ޤާއިމްކުރުމަށް ބޭނުންވާ ވަސީލަތްތައް ރަށަށް ގެންގޮސްފައިވާތީ އެކަންވެސް ލަސްތަކެއް ނުވެ ކުރިއަށްދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ލަންދޫގެ ރައްޔިތުން ބޭނުންވާ ކަންކަމަށް ސަމާލުކަންދީގެން ވަރަށް ރަނގަޅަށް އެކަންކަން ކުރިއަށްގެންދަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އުންމީދު ކުރައްވަނީ މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުމަށް ލަންދޫއަށް ވަޑައިގަތުންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާލުވިއެވެ.