އަތޮޅުތައް

ވަންދޫގެ ކުނި މެނޭޖްކުރާ ސެންޓަރު ހިންގުން ވެމްކޯއާ ޙަވާލުކުރުން


އުތުރު ސަރަޙައްދުގެ ކުނި މެނޭޖްކުރުމުގެ މަޝްރޫޢަކީ 40 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން، އެ ސަރަޙައްދުގެ މީހުން ދިރިއުޅޭ 44 ރަށާއި، 22 ރިޒޯޓްގައި އުފެދޭ ކުނި ރައްކާތެރިގޮތުގައި ނައްތާލެވޭނެއެވެ. ރ.ވަންދޫގައި ސަރަޙައްދީ ކުނި މެނޭޖްކުރާ ސެންޓަރު ޤާއިމްކުރެވި، އެ ސެންޓަރުގައި ވަނީ އެންމެ ޒަމާނީ ފެންވަރުގެ ކުނި ނައްތާލާ ނިޒާމެއް ޤާއިމްކޮށްފައެވެ. ދުވާލަކު 40 ޓަނުގެ ކުނި ނައްތާލުމުގެ ޤާބިލްކަން ލިބިފައިވާ އިންސިނެރޭޓަރެއްވެސް ވަންދޫގައި ވަނީ ޤާއިމް ކުރެވިފައެވެ. img:http://s3.psmnews.mv/images/660x400/14701453005006.jpg|ރ.ވަންދޫގައި ޤާއިމްކޮށްފައިވާ ކުނި މެނޭޖްކުރާ ސެންޓަރުގެ ހިންގުން ވެމްކޯއާ ޙަވާލުކުރެއްވުން - ފޮޓޯ: އެންވަޔަރްމަންޓް މިނިސްޓްރީ

ރ.ވަންދޫ ކުނިމެނޭޖްކުރާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާ ޙަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤް އިބްރާހިމާއި، ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފުއާދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ތާރިޤް ވިދާޅުވީ، އެހެން އެއްވެސް ސަރުކާރަކުން ނުކުރާ މިންވަރަށް، ރައީސް ޔާމީންގެ ސަރުކާރުން ކުނި މެނޭޖްކުރުމުގެ މަސައްކަތަށް އިސްކަން ދެއްވާ ކަމަށެވެ. އުތުރު ސަރަޙައްދުގެ މަސައްކަތަށްފަހު، ރާއްޖޭގެ އެހެނިހެން ސަރަޙައްދުތަކުގައިވެސް މި ކޮންސެޕްޓަށް ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ފެއްޓެވުމަށް ތައްޔާރުވެވަޑައިގަންނަވުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

ޚާއްސަކޮށް މާލެގައި ހަދާ އިންޑަސްޓްރިއަލް ވިލެޖްގެ ކުނި މެނޭޖްކުރާ މަރުކަޒުގެ މަސައްކަތުގެ އެންމެ ފަހުގެ ތަފްސީލްތައް ޙިއްސާ ކުރެއްވިއެވެ.

"ނ، ރ، ބ އަދި ޅ އަތޮޅު ހިމެނޭ ސަރަޙައްދުގެ މަސައްކަތްތައް ފެށިގެން ގޮސްފައިވާއިރު، ސަރުކާރުން މިހާރު މަސައްކަތް ކުރަމުން މިދަނީ އެންމެ އުތުރާއި، އެންމެ ދެކުނުގައިވެސް މިފަދަ ސަރަޙައްދީ ނިޒާމެއް ހެދުމަށް. ހއ، ހދ، އަދި ށ ގައި ސަރަޙައްދީ ކުނި ނައްތާލާ މަރުކަޒު ހަދާނެ ރަށެއް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، ގއ، ގދ، ޏ އަދި ސ ގައި މަރުކަޒު ޤާއިމް ކުރާނެ ރަށަކީ ހިތަދޫ ކަމަށް ކަނޑައެޅިފައި މިވަނީ. ދާދި ފަހުން ވަނީ އައްޑޫ އަދި ފުވައްމުލަކުގެ ކުނިކޮށިތައް މެނޭޖްކުރުމަށް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލު ކުރެވިފަ. މާލެއަށް ބަލާއިރު، އިންޑަސްޓްރިއަލް ވިލެޖްގައި ކުނި މެނޭޖްކުރާނެ ސެންޓަރު ހެދުމަށްވެސް ތައްޔާރުވަމުން މިދަނީ. މާލެއަކީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސަރަޙައްދަށް ވުމާއެކު، ކުނި މެނޭޖްކުރުމުގެ އަވަސް ނިޒާމެއް މާލެއަށް ބޭނުންވޭ." މިނިސްޓަރ ވިދާޅުވިއެވެ. 

ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފުއާދު ވިދާޅުވީ، ވަންދޫގެ މަސައްކަތް ފެށުމުގެ ގޮތުން، އެންމެ ފުރަތަމަ ކުރިއަށްގެންދާނީ ރަށްތަކުގައި ޖަމާކޮށްފައި ހުރި ކުނިތައް ވަންދޫއަށް ގެނެސް ނައްތާލުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތް ކުރާނެ ތާވަލެއް ހެދުމަށްފަހު މި މަހުގެ 5 ވަނަ ދުވަހު ޢަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރުވެސް ވާނީ ނ އަތޮޅާއި ބ އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރުކޮށް އެ ރަށްތަކުގެ ކުނީގެ ޙާލަތު ބަލާފަ. މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން އެ ދެ އަތޮޅުގެ ރަށްތަކުގައި ޖަމާކޮށްފައި ހުރި ކުނިތައް ނެގުމުގެ މަސައްކަތް ފެށިގެންދާނެ." ފުއާދު ވިދާޅުވިއެވެ. 

އުތުރު ސަރަޙައްދުގެ ކުނި ނައްތާލުމުގެ ނިޒާމު ރޭވިފައިވާގޮތުން، ކޮންމެ ރަށެއްގައިވެސް ރަށު ފެންވަރުގައި އުފެދޭ ކުނި ނައްތާލެވޭނީ އެރަށެއްގައި ޤާއިމްކުރައްވާފައިވާ ކުނި މެނޭޖްކުރާ މަރުކަޒަކުންނެވެ. މިކަން ކުރުމަށް ކައުންސިލްތަކުން ގޭބިސީތަކުން ފީއެއް ނަގާނެއެވެ. ރަށު ފެންވަރުގައި ނައްތާނުލެވޭ ކުނިތައް ގެންދެވޭނީ ވަންދޫއަށެވެ. މިފަދަ ކުނި ގެންދިއުމަށް ކައުންސިލްތަކުން ވެމްކޯއަށް ފީއެއް ދައްކަންޖެހެއެވެ.

ކުނި ނައްތާލުމުގެ މިފަދަ ނިޒާމެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމުގައި ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ރައްކާތެރިގޮތުގައި ކުނި ނައްތާލުމަކީ ފަރުދީ ޒިންމާއެއް ކަމަށްވީއިރު، ކުނި ނައްތާލުމަށް ކުރެވޭ މަސައްކަތްތަކަށްވެސް އެއްބާރުލުން ދޭންޖެހެއެވެ.