ތަރައްްޤީ

97 އެޕާޓްމެންޓް ހިމެނޭ "އެޕޯލޯ ޓަވާސް" އިފްތިޠާޙްކޮށްފި


އެޕޯލޯ ހޯލްޑިގްސްއިން ޕްރައިވެޓް ލިމިޓެޑްގެ ފުރަތަމަ ހައުސިންގ ޕްރޮޖެކްޓްގައި އިމާރާތްކުރާ ނުވަބުރީގެ އިމާރާތަކާއި ދިހަބުރީގެ އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ، ހުޅުމާލޭގެ ހުޅަނގު އުތުރުން ހަދާ ޔޮޓްމެރީނާގެ ކުރިމަތީ ގޮނޑުދޮށް ފެންނަގޮތަށް، ހުޅުމާލޭގެ ފުރަތަމަ ފިޔަހީގެ ދަށުން ހިއްކާފައިވާ ސަރަހައްދުގައެވެ. މި ޕްރޮޖެކްޓްގެ ދަށުން އިމާރާތްކުރެވޭ ދެ އިމާރާތުގައި ޖުމްލަ ނުވަދިހަ ހަތް އެޕާޓްމެންޓް ހިމެނެއެވެ. އޭގެ ތެރޭގައި 61 ސެމީ ޑިލަކްސް އެޕާޓްމެންޓާއި، 28 ލަގްޒަރީ އެޕާޓްމެންޓާއި، 8 ޕެންޓްހައުސް އެޕާޓްމެންޓް ހިމެނެއެވެ.  

މި އެޕާޓްމެންޓްތަކުގެ ތެރޭގައި އެއްކޮޓަރީގެ އެޕާޓްމެންޓާއި، ދެކޮޓަރީގެ އެޕާޓްމެންޓާއި، ތިން ކޮޓަރީގެ އެޕާޓްމެންޓްވެސް ހިމެނޭއިރު، އެޕާޓްމެންޓް ތަކުގެ ބޮޑުމިނުގައި، 457 އަކަފޫޓާއި 2433 އަކަފޫޓާ ދެމެދުގެ ސައިޒުތަކުގެ އެޕާޓްމެންޓް ހިމެނޭނެކަމަށް އެޕޯލޯ ހޯލްޑިންގްސްއިން މަޢުލޫމާތުދެއެވެ. އެޕާޓްމެންޓްތަކުގެ އިތުރުން ކުޑަކުދިން ކުޅޭ އޭރިޔާއަކާއި، ޖިމްއަކާއި، މަލްޓިޕާޕަސް ހޯލެއްގެ އިތުރުން ޕާކިން އޭރިޔާވެސް ހިމެނޭނެކަމަށް އެކުންފުނިން މަޢުލޫމަތުދެއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮޖެކްޓް އިފްޠިޠާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަބުދުﷲ ޖިހާދާއި، އެޕޯލޯ ހޯލްޑިންގ ގެ ޗެއާމަން އަހުމަދު ނާޞިރުއެވެ. އެޕޯލޯ ހޯލްޑިންގްސްގެ ހައުސިން މަޝްރޫއު އިފްޠިތާހްކޮށްދެއްވާ ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަބުދުﷲ ޖިހާދު ވިދާޅުވީ ސަރުކާރުގެ އުންމީދަކީ ރައީސް ޔާމީނުގެ މިދައުރު ނިމެންވާއިރަށް ހުޅުމާލޭގައި އަޅުއްވަންޖެހޭ ހުރިހާ ފްލެޓްތައް އަޅުއްވާ ނިންމެވުންކަމަށެވެ. އަދި ސަރުކާރުން މިހާރު ފަށްޓަވާފައިވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖްގެ މަޝްރޫއަކީ ހުޅުމާލޭއަށް އިތުރު ފުލެޓްތައް އައުމަށް ބާރަކަށް ވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ނާއިބު ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14701173951577.jpg|ރޭގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި، އެޕޯލޯ ހޯލްޑިންގްގެ މި އެޕާޓްމެންޓްތައް ވިއްކާއިރު ފައިސާ ދެއްކުމުގައި އާންމުންނަށް ލުއިފަސޭހަ ގޮތްތަކެއް ހައްދަވައިވައި ދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.

އެޕޯލޯ ހޯލްޑިންގ ގެ މި އެޕާޓްމެންޓްތައް ވިއްކާއަގުތައް ހުންނާނީ އެކެއް ޕޮއިންޓް އެކެއް މިލިއަން ރުފިޔާއިން ފެށިގެން ކަމަށާ ޑައުންޕޭމަންޓަށް ދައްކަންޖެހޭނީ އަގުގެ ވިހި އިންސައްތައަށްވާ ފައިސާކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ. މީގެ އިތުރުން ފައިސާ ދެއްކުމުގައި އެޗްޑީއެފްސީގެ ލޯނު ސްކީމް މެދުވެރިކޮށްވެސް ފައިސާދެއްކޭނެކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ. އެޕާޓްމެންޓް ހޯދުމަށް ޕްރީބުކިން ހެދުމަށް މިހާރު ފުރުޞަތު ހުޅުވާލާފައިވާއިރު، ފަންސާސް ހާސްރުފިޔާ ދައްކައިގެން ޕްރީބުކިން ހެދުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް އެކުންފުނިން ބުނެއެވެ. ރޭ އިފްތިތާހު ކުރި އެޕޯލޯ ޓަވާސް ހައުސިން މަޝްރޫއުގެ މަސައްކަތް މުޅިން ނިންމުމަށް ހަމަޖެހިފައިވަނީ ދެހާސް އަށާރަވަނަ އަހަރުއެވެ.

"ދަ އެޕޯލޯ ޓަވާސް" ޕްރޮޖެކްޓް އިފްޠިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައިވަނީ މި ޕޮރޮޖެކްޓްގެ ވެބްސައިޓްވެސް އިފްޠިތާހްކޮށްފައެވެ. ވެބްސައިޓް އިފްޠިތާހްކޮށްދެއްވީ އިސްލާމިކް މިނިސްޓަރ އަހުމަދު ޒިޔާދުއެވެ. މީގެ އިތުރުން އެޕޯލޯ ހޯލްޑިންގްއަށް އެންމެ އެހީތެރިކަން ފޯރުކޮށްދެއްވާ ފަރާތްތަކަށް ހަނދާނީ ފިލާއެއްވެސް ރޭގެ ރަސްމިއްޔާތުގައި ވަނީ އަރުވާފައެވެ.