ރާއްޖޭގައި ހުރި އެންމެ މަޝްހޫރު އަދި އެންމެ ބޮޑު އިސްލާމީ ލައިބްރަރީއަކީ މަސްޖިދު އަލްސުލްޠާން މުޙައްމަދު ތަކުރުފާން އަލްއަޢުޒަމް ނުވަތަ އިސްލާމީ މަރުކަރުގައި ޤާއިމުކޮށްފައި ހުރި ލައިބްރަރީއެވެ. އެތަނަކީ މި ޤައުމަށް އެތައް ޢާލިމުންނާއި ޢިލްމުވެރިން ނެރެދިން ކިއްލާއެކެވެ. ޢިލްމު ފެތުރުމުގައި މުހިންމު ދައުރެއް އަދާކުރި ތަނެކެވެ. ނަމަވެސް 2022 ވަނަ އަހަރުގެ ތެރޭގައި އެތަން ބަންދުކުރި ފަހުން އެފަދަ އައު އިސްލާމީ ލައިބްރަރީއަކަށް އޮތީ ބޭނުންވެފައެވެ.
އެތައް ޢިލްމުވެރިއަކާއި ދަރިވަރުންގެ މި އެދުމަށް ނިމުން ގެނައީ މިމަހުގެ 12 ވަނަ ދުވަހު ސަލްމާން މިސްކިތުގައި ހުޅުވި އިސްލާމީ ކުތުބުޚާނާ ނުވަތަ ލައިބްރަރީއާއެކުއެވެ.
ރާއްޖޭގައި މިހާރު ހުރި އެންމެ ބޮޑު މިސްކިތް، ސަލްމާން މިސްކިތުގައި ޤާއިމުކޮށްފައިވާ ލައިބްރަރީ ހުންނަނީ އެ މިސްކިތުގެ ތިންވަނަ ފަންގިފިލާގައެވެ. މި ލައިބްރަރީ ހުޅުވާފައި ހުންނަނީ ހެނދުނު 9:00އިން މެންދުރުފަހު 14:00 އާ ހަމައަށެވެ. މިވަގުތު މި ލައިބްރަރީގައި 10،000 އަށްވުރެ ގިނަ ފޮތް ހުރެއެވެ. އަދި ކުރިއަށް އޮތްތަނުގައި 15،000 އަށްވުރެ ގިނަ ފޮތް މިތަނުގައި ޤާއިމުކުރެވޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި އިސްލާމީ ލައިބްރަރީގައި 4 ބަހަކުން ފޮތް ލިބެން ހުރެއެވެ. އެއީ ދިވެހިބަހާއި އިނގިރޭސިބަހާއި ޢަރަބި ބަހާއި ޢުރުދޫ ބަހުންނެވެ. މީގެ އިތުރުން ތަފާތު އެތައް މަޢުޟޫތަކެއްގެ ފޮތް މިތަނުގައި ހުރެއެވެ. އެގޮތުން މަޝްހޫރު ޙަދީޘް ޢިލްމުވެރިންގެ ފޮތްތަކާއި، ފިޤުހާއި އުސޫލް ފިޤުހާއި، އިސްލާމީ ތާރީޚާއި، ތަފްސީރު ޢިލްމާ ބެހޭ އެތައް ފޮތެއް މިތަނުން ލިބެން ހުރެއެވެ.
މި ލައިބްރަރީގެ އެންމެ ޚާއްސަ އެއް ކަމަކީ އެ ތަނުގައި އޮންލައިންކޮށްވެސް ފޮތް ކިޔެން ހުރުމެވެ. އެގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އީ-ލައިބްރަރީއަށް ވަނުމަށްފަހު އެކި މަޢުޟޫތަކުން ބޭނުން ފޮތެއް ކިިޔާލެވެއެވެ. މި އީ-ލައިބްރަރީގައިވެސް ގިނަ ދާއިރާތަކެއް ގިނަ އަދަދެއްގެ އީ-ފޮތް ކިޔެން ހުރެއެވެ.
ސަލްމާން މިސްކިތު ލައިބްރަރީގެ ތަފާތު އެއް ކަމަކީ އެތަނުގައި އިށީނދެ އިނދެ ފޮތް ކިޔޭނެ އިންތިޒާމު ޤާއިމުކޮށްފައި ހުރިގޮތުގެ ފުރިހަމަ ކަމެވެ. މޭޒެއްގެ ދޮށުގައި އިށީނދެ އިދެގެން ފޮތް ކިޔަން ބޭނުންނަމަ އެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ. އަދި ހަމަޖެހިލައިގެން އިށީނދެ އިދެވޭނެ ގޮތަށް ސޯފާތައްވެސް އެތަނުގައި އެބަހުއްޓެވެ.
އިސްލާމީ މަރުކަރުގައި ހުރި ލައިބްރަރީއެކޭވެސް އެއްގޮތަށް މި ލައިބްރަރީންވެސް ފޮތް ގެއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މިހާރު ދަނީ މަސައްކަތްކުރަމުންނެވެ. އަދި މެންބަރޝިޕަށްވެސް ވަރަށް އަވަހަށް ހުޅުވާލެވޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.
ކޮންމެއަކަސް ގިނަ ޢަދަދެއްގެ ފޮތްތަކާއި ފުރިހަމަ ވަސީލަތްތަކާއެކު އައު އިސްލާމީ ލައިބްރަރީ ހުޅުވާފައިވާއިރު، މި ލައިބްރަރީ ވާނީ ރާއްޖޭގެ ދީނީ ޢިލްމުވެރިކަން ފެތުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ތަނަކަށެވެ. މި ތަނުގެ ސަބަބުން ޢިލްމުވެރިކަމާއި އުނގެނުމަށް ދަރިވަރުންގެ މެދުގައި ޝައުޤު އުފެއްދޭނެކަމާމެދުވެސް ޝައްކެއް ނެތެވެ. އެހެންކަމުން މިއަދު ގިރާކުރެވިފައި މިވަނީ ޢިލްމުވެރިކަން ފުޅާކުރުމުގައި މުހިންމު ހަރުފަތެކެވެ.