އުއްމީދުކުރަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކަންކަން ހައްލުވެގެންދާ ގޮތަށް ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ކަންތައްތައްވެސް ވަރަށް އަވަހަށް ހައްލުވެގެންދިޔުން ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ކޮމިޝަނަރ އޮފް ސްޕޯޓްސް ވިދާޅުވީ ބެޑްމިންޓަން އެސޯސިއޭޝަންގެ ކަންތައްތައް ރަނގަޅުކުރުމަށް ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އާއިއެކު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން މަޝްވަރާކުރަމުންދާ ކަމަށެވެ.
ޠަލާލް ވިދާޅުވީ ބޭނުންވަނީ ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށް ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ މަސައްކަތްތައް ކުރިޔަށްގެންދެވޭނެ ގޮތް ހަމަޖެހިގެން ދިއުން ކަމަށް ވިދާޅުވިއެވެ.
"އުންމީދު ކުރަނީ ހަމަ ބެޓްމިންޓަންސްވެސް ހުރިހާ އެއްމެން އެކައްޗެއް ކިޔައިގެން ރަނގަޅު މަގަކަށް އެޅުވިގެން ރަނގަޅު ގޮތަކަށް ބެޑްމިންޓަންގެ ހަރަކާތްތައްވެސް ކުރިޔަށް ގެންދެވޭނެ ކަމަށް. ދެން އަޅުގަނޑުމެން މީގައި ވަކިގޮތަކަށް ވަކި ކަމެއް ކުރަން ބުނަނީއެއް ނޫން އެހެންނަމަވެސް ބެސްޓް ޕްރެކްޓިސް އާއި އެއްގޮތަށް ކުރިޔަށް ގެންދަން އަޅުގަނޑުމެން ބޭނުންވަނީ" ޠަލާލް ވިދާޅުވިއެވެ.
ޠަލާލް ވިދާޅުވީ އެމްއޯސީން ބީޑަބްލިއުއެފް އާއި އެކު ކުރެވޭ މަޝްވަރާތަކުގެ ތެރެއިން ރަނގަޅު ހައްލެއް ގެނެވޭނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.
ކޮމިޝަނަރ އޮފް ސްޕޯޓްސް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އެކުލަވާލި އެޑްހޮކް ކޮމިޓީގައި ބެޑްމިންޓަން އެސޯސިއޭޝަންގެ ކުރީގެ މެމްބަރެއް ހިމެނިފައިނުވާކަމަށް ބުނެ ބެޓްމިންޓަންގެ ބައިނަލްއަގުވާމީ މައި އިދާރާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ވަނީ މެއި 16 ގައި ރާއްޖެ ސަސްޕެންޑްކޮށްފައެވެ.
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގެ ހިންގާ ޤަވާޢިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނެސް އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރެވެންދެން އެ އެސޯސިއޭޝަނަށް ދީފައިވާ ޤައުމީ ޙައިސިއްޔަތު، ކުޅިވަރު ވުޒާރާއިން 30 އޭޕްރީލްގައި ވަނީ ވަގުތީ ގޮތުން އުވާލާފައެވެ. ބެޑްމިންޓަން އެސޯސިއޭޝަނުގެ މައްސަލަ ހައްލުކުރުމަށް އެމްއޯސީން ވަނީ ބެޓްމިންޓަން ވޯލްޑް ފެޑެރޭޝަން އާއި އޭޝިއަން ފެޑެރޭޝަނާވެސް މަޝްވަރާކޮށްފައެވެ.
ބެޑްމިންޓަން އެސޯސިއޭޝަނަށް ދީފައިވާ ގައުމީ ހައިސިއްޔަތު އުވާލައި، އެ އެސޯސިއޭޝަނާއި މެދު ފިޔަވަޅު އެޅީ ބެޑްމިންޓަން ކުޅުންތެރިންނާއި އެ އެސޯސިއޭޝަންގެ ޓެކްނިކަލް އޮފިޝަލުންގެ ހައްގުގައި އެ ކުޅިވަރު ހީނަރުވެގެން ހިނގައިދާނެކަމުގެ ބިރުހީވުމުން ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.