ޚަބަރު

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މަޢުލޫމާތު ޝާއިޢުކުރުމަށް ޕީޖީ އޮފީހުން ފަންނީ އެހީތެރިކަން ދެނީ


  • ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ފުރިހަމަ މަޢުލޫމާތު ފަސޭހައިން ބެލޭނެގޮތަށް ބަހައްޓަން ޖެހޭ

  • މިހާރު މި މައުލޫމާތު ޝާއިއުކުރަނީ ޕީޖީ އޮފީހުން

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރު ޢާންމުކުރުމުގައި ފަންނީ އެހީތެރިކަން ދިނުމާބެހޭ އެއްބަސްވުމެއްގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ ދެމެދު ސޮއިކޮށްފިއެވެ.

އާއިލީ ތަރައްގީއާބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހީމް އިސްމާޢީލް ޢަލީއެވެ. އަދި ޕީޖީ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު މުޙައްމަދެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 57 ވަނަ މާއްދާގެ ދަށުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ފުރިހަމަ މަޢުލޫމާތު އިންޓަރނެޓް މެދުވެރިކޮށް ފަސޭހައިން ބެލޭނެގޮތަށް ބަހައްޓަން ޖެހޭ ކަމަށެވެ. އަދި އެކަން މަތިކޮށްފައިވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާ ކަމަށާއި އެ ކަމުގައި އެހީތެރިކަން ޕީޖީ އޮފީހުން ފޯރުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިހާރު މި މަޢުލޫމާތު ޝާއިޢުކުރަމުން އާއިލީ ތަރައްގީއާބެހޭ ވުޒާރާއާ ގުޅިގެން ޕީޖީ އޮފީހުގެ “އާމަހި” ވެބްސައިޓުގައެވެ. ނަމަވެސް މިއަދު ސޮއިކުރެވުނު ފަހުމްނާމާގެ ދަށުން އާއިލީ ތަރައްގީއާބެހޭ ވުޒާރާއިން، އަޕްޑޭޓްކުރެވޭގޮތަށް ޕޯޓަލް ތަރައްޤީކުރާނެ ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ،

މި މަސައްކަތް ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައި، ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންގެ ދަފްތަރު މިހާރަށްވުރެ ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށް ޝާއިޢުކުރެވޭނެ ކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ.