ޚަބަރު

ޤަވައިދާ ޚިލާފުވެގެން ޑީޕޯޓްކޮށްލި ބިދޭސީންގެ އަދަދު 7600 އިން މައްޗަށް


  • މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 2022 މީހުން ވަނީ ޑީޕޯޓްކޮށްލާފައި

  • މީގެ ތެރޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ މީހުންނާއި ޑޮކިއުމަންޓްތައް ފުރިހަމަ ނޫން މީހުން ގިނަ

މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޤަވައިދާ ޚިލާފަށް އުޅުނު 7600 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ޤަަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ ވަށައިޖެހޭ ހައްލަކާއި ދިމާލަށް މަސައްކަތް ކުރަމުންނެވެ.

މޯލްޑިވްސް އިމިގްރޭޝަނާއި ދާޚީލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން އަންނަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް އިމިގްރޭޝަނުން ދަނީ މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގައިވެސް ޚާއްސަ ރެއިޑްތައް ހިންގަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަނެ އެ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ބިދޭސީން ހަރަކާތްތެރިވާ ތަންތަނަށް އަމާޒުކޮށްގެން ހިންގޭ ރެއިޑް އޮޕްރޭޝަންތައް އިމިގްރޭޝަނުން ވަނީ ފާހަގަކުރައްވާފައެވެ.

ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ކުރެވޭ މަސައްކަތުގެ ދަށުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 2022 މީހުން އަނބުރާ ޤައުމަށް ފޮނުވާލާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވިއެވެ. އަދި 17 ނޮވެމްބަރ 2023 އިން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 7635 މީހުން ޑީޕޯޓްކޮށްލާފައިވާކަމަށެވެ.

އިމިގްރޭޝަނުން ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ވިޔަފާރިކުރާ މީހުންނާއި ޑޮކިއުމަންޓްތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނެއެވެ.

އިމިގްރޭޝަނުން ވަނީ ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި ޚާއްސަ އޮންލައިން ޕްލެޓްފޯމެއް އިފްތިތާހުކޮށްފައެވެ. ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެއް ފާހަގަވެއްޖެނަމަ އަވަހަށް ރިޕޯޓްކުރުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.