ދިވެހިރާއްޖެއާއި ޑޮމިނިކާ ދެމެދު ވިސާ ވެއިވަރ އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.
މިއެއްބަސްވުމުގެ ދަށުން ދުރާލާ ވިސާ ނެގުމަކާއި ނުލައި ދިވެހިންނަށް ޑޮމިނިކާއަށް ދަތުރުކޮށް، އެ ޤައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް އެ ޤައުމުގައި ތިބެވޭނެއެވެ. އަދި ހަމަ އެފަދައިން ޑޮމިނިކާ ރައްޔިތުނަށްވެސް ވިސާނެގުމެއްނެތި 30 ދުވަހުގެ މުއްދަތަކަށް ރާއްޖެއަށް ދަތުރުކުރެވޭނެއެވެ.
ކެރިބިއަން ސަރަހައްދުގެ ޖަޒީރާ ޤައުމެއް ކަމަށްވާ ކޮމަންވެލްތް އޮފް ޑޮމިނިކާއާއި ރާއްޖެ ދެމެދު "އެގްރީމަންޓް އޮން މިއުޗުއަލް އެގްޒެމްޝަން އޮފް ވިސާ ރިކުއަޔަރމަންޓްސް ފޯ ދެއަރ ރެސްޕެކްޓިވް ސިޓިޒެންސް" ގައި ސޮއިކޮށްފައިވަނީ އެމެރިކާގެ ނިއު ޔޯކުގައި ހުންނަ ރާއްޖެއިން އ.ދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަޞީރު މުޙައްމަދެވެ. އަދި ޑޮމިނިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އދ. އަށް ޑޮމިނިކާއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ފިލްބަރޓް އެރޮންއެވެ.
މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުން އެއް ޤައުމުން އަނެއް ޤައުމަށް ފަސޭހަކަމާކާއެކު ދަތުރުކޮށް، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.
ރާއްޖެއިން ޑޮމިނިކާއާއެކު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 21 ޖުލައި 2004 ގައެވެ.