ޚަބަރު

ރާއްޖޭގެފުރަތަމަ މެޑިކަލް ޑޮކްޓަރ އެންޑީ ޢަބްދު ﷲ އަވަހާރަވެއްޖެ


ރާއްޖޭގެފުރަތަމަ މެޑިކަލް ޑޮކްޓަރ ޑރ. އެންޑީ ޢަބްދު ﷲ އަވަހާރަވެއްޖެއެވެ. އޭނާއަވަހާރަވިއުރު ޢުމުރުފުޅަކީ 81 އަހަރެވެ.

ހެންވޭރު ވިލާޑިސޯސަން، އެންޑީ ޢަބްދު ﷲ އަކީ ލޮލުގެ ޚާއޞަ ޑޮކްޓަރެކެވެ. ރާއްޖޭގެ ރައްޔިތުންނަށް ޞިއްޙީފަރުވާދެއްވުމުގައި، ޚާއްޞަކޮށް ލޮލުގެ ބަލިތަކަށް ފަރުވާދެއްވުމުގައި އޭނާ ވަނީ ދިގުމުއްދަތެއްގައި ޚިދުމަތްކުރައްވާފައެވެ.

އެންޑީ ޢަބްދު ﷲ ގެ ނަމުން މަޝްހޫރުވެވަޑައިގެންފައިވާ ޑރ.ޢަބްދު ﷲ ޢަބްދުލް ޙަކީމަކީ، ދިވެހި ބޭސްވެރިކަމުގެ ރޮނގުން މުޅި ރާއްޖެއަށް މަޝްހޫރު ބޭފުޅެއްކަމަށްވާ މަރްޙޫމް ނައިފަރު ދޮންކަލޭފާނުގެ ދަރިކަލެކެވެ. ޑރ.ޢަބްދު ﷲ ޢަބްދުލްޙަކީމް، ރާއްޖެއިން ބޭރުން ކިޔަވާވިދާޅުވެގެން ވަޑައިގެން ފުރަތަމަ ދިވެހިރައްޔިތުންނަށް ޚިދުމަތް ދެއްވަންފަށްޓަވާފައިވަނީ 1964 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 18 ވަނަ ދުވަހުގައެވެ. އެއީ އޭރުގެ ގަވަރންމަންޓް ހޮސްޕިޓަލްގައި.ޚިދްމަތް ފެށްޓެވިއިރެވެ. އޭރުކުރިމަތިވެވަޑައިގެންނެވި އެންމެބޮޑު ދަތިކަމަކީ ލޮލުގެ އެއްވެސް ބާވަތެއްގެ ބޭހެއް ރާއްޖޭގައި ނެތުމުގެ ދަތިކަމެވެ. އަދި އޮޕަރޭޝަނަށް ބޭނުންވާ ސާމާނުވެސް ރާއްޖޭގައި އޭރު ނެތުމުން، އޭނާއަށް ފުރަތަމަ ޖެހިވަޑައިގަތީ ޢާންމު ބަލިތަކަށް ފަރުވާ ދެއްވަމުން ގެންދެވުމަށެވެ.

އޭގެ ދުވަސްތަކެއްފަހުން، ބަލިމީހުންނަށް ފަރުވާ ދެއްވުމަށް ކޮންމެ ތިންމަހުން އެއްމަހު ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގަތުމަށް ސަރުކާރުން އެމަނިކުފާނަށް އެންގެވުމުން އެ މަސައްކަތްވެސް ކުރައްވާފައިވެއެވެ. އެދުވަސްވަރަކީ އަތޮޅުތަކުގައި ޞިއްޙީ ޚިދުމަތްދޭނެ މަރުކޒުތައް ނުހުންނަ ދުވަސްވަރަށްވުމާއެކު، މީހުންނަށް ފަރުވާދެއްވަމުން ގެންދެވީ، ބޮޑެތި އޮޑިހަރުގެ، އެކަމަށް ތައްޔާރުކުރައްވައިގެން، އެހަރުގެތަކުގައެވެ. އަދި ލޮލުގެ އޮޕަރޭޝަނަށްބޭނުންވާ ސާމާނު ލިބި، އެކަމަށް ތައްޔާރުވުމުން، އެކަން ކުރައްވަން ފެއްޓެވިއެވެ.

ޑރ.ޢަބްދު ﷲ ގެ ފާހަގަކޮށްލެވޭ ޚިދްމަތްތަކުގެ ތެރޭގައި، ކޯރނިއަލް ގްރާފްޓް (ދިރޭ ލޯ ޖެހުން) 1981 ވަނަ އަހަރު ރާއްޖެއަށް ތަޢާރަފް ކުރެއްވުން ހިމެނެއެވެ. އަދި 1983 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ސަރުކާރުން ހިންގަވަމުން ގެންދެވި އައި ކޭމްޕް މަޝްރޫޢު ފެށުނު ދުވަސްވަރު، އެކަމުގައި އެންމެ އިސްކޮށް ހުންނެވިބޭފުޅަކީވެސް ޑރ.ޢަބްދު ﷲ، ޢަބްދުލްޙަކީމެވެ. އޭނާ 41 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރެއްވިއެވެ. އެގޮތުން ސަރުކާރު ހޮސްޕިޓަލުގެ މުހިންމު މަޤާމުތަކެއް އޭނާ ފުރުއްވާފައިވެއެވެ. މިގޮތުން، ރަޖިސްޓްރާރއިން އޮޕްތަލްމޮލޮޖީގެ މަޤާމާއި، އައި ކޮންސަލްޓަންޓްގެ މަޤާމުވެސް ފުރުއްވިއެވެ. އަދި މެޑިކަލް ސުޕްރިންޓެންޑެންޓެއްގެގޮތުންވެސް ޚިދްމަތް ކުރެއްވިއެވެ.

14 ޖަނަވަރީ 2007 ގައި ޑރ.ޢަބްދުﷲ، ޢަބްދުލްޙަކީމް ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ސީނިއަރ މެޑިކަލްސުޕަވައިޒަރ ކަމުގެ މަޤާމުގައެވެ. ޑރ.އެންޑީ ޢަބްދުﷲ އަކީ، އެމަނިކުފާނުގެ ޚިދްމަތް، ސަރުކާރުގެ ދާއިރާގެ އިތުރުން، އަމިއްލަފުޅު ގޮތުންވެސްގިނަ ޢަދަދެއްގެ ބަޔަކަށް ދެއްވާފައިވާ ބޭފުޅެކެވެ. 

ޑޮކްޓަރ ޢަބްދު ﷲ އަކީ، ރައްޔިތުންގެ މަޖިލީހުގެ ފާދިއްޕޮޅު މެންބަރުކަން، 14 އަހަރު ދުވަސް ވަންދެން ކުރެއްވި ބޭފުޅެކެވެ. އެންޑީ ޢަބްދުﷲ އަވަހާރަވިއިރު އަނބިކަނބަލަކާއި ފިރިހެން ދެބޭފުޅުންނާއި އަންހެން އެއްބޭފުޅަކާއި ކާފަވިދާޅުވާ 4 ބޭފުޅުންނާއި މުނިކާފަ ވިދާޅުވާ 1 ބޭފުޅަކު ދުނިޔޭގައި އެބަ ތިއްބެވިއެވެ.