ޚަބަރު

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިއަރައި ދެވޭނެ މަގު ފަހިކުރުމަށް މަސައްކަތްކުރާނަން: ރައީސް


  • ވިޔަފާރިތަކަށް މާލީ އެހީތެރިކަމާއި އެކި ބާޒާރުތަކަށް ފަހިކޮށްދޭން މަސައްކަތްކުރާނެކަމަށް ވިދާޅުވި

  • އިޤުތިޞާދު ސިންދަފާތުކުރުމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދައުރު ބޮޑުކުރައްވާނެކަމަށް ވިދާޅުވި

އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިއަރާދެވޭނެ މަގު ފަހިކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދުވަހުގެ މުނާސަބާގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އަދި މާލީ އެހީތެރިކަމާއި އެކި ބާޒާރުތައް އެ ފަންތިތަކުގެ ވިޔަފާރިތަކަށް ފަހިކުރުމަށް ސަރުކާރުން މަސައްކަތްކުރާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މޯލްޑިވްސް އެކްސްޕޯ 2025 ގެ ކާމިޔާބީއާއެކު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިއަރައި ދެވި، ރާއްޖޭގެ އިޤުތިޞާދު ސިންދަފާތު ކުރުމުގައި މުހިންމު ދައުރެއް އަދާކުރެވޭނެ މާޙައުލެއް ޤާއިމުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި 2040 ވަނަ އަހަރުގެ ކުރިން ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށް އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މުހިންމު ދައުރެއް އަދާކުރާނެކަން ރައީސް ފާހަގަކުރެއްވިއެވެ.


ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އެ ފަންތީގެ ވިޔަފާރިތަކަށް ކުރިއެރުން ހޯދައިދިނުމަށް ސަރުކާރުން ކުރައްވާފައިވާ އެންމެ ކާމިޔާބު އެއް މަސައްކަތަކީ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު ބޭއްވުމެވެ. މި މައުރަޒުވީ އެތައް ވިޔަފާރިއަކަށް އިންވެސްޓަރުންގެ ލޯތައް ހުޅުވި، ވިޔަފާރިތަކަށް އިންވެސްޓްމެންޓް ލިބުމުގެ ފުރުޞަތުތައް ތަނަވަސްކޮށްދިން މައުރަކަށެވެ.

މީގެ އިތުރުން ކުދި ވިޔަފާރިތައް ކުރިއަރުވައި ފުޅާކުރުމަށް މިއަހަރުގެ ތެރޭގައި ފަހި ގިނަ ފުރުޞަތުތަކެއް ހުޅުވި، ޤާނޫނެއް ހަދައި ޤާނޫނީ ރައްކާތެރިކަން މިއަހަރު ފޯރުކޮށްދެވޭނެކަން ސަރުކާރުން ހާމަކުރައްވާފައިވެއެވެ.