ޚަބަރު

ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް އިންޝުރެންސް ތަޢާރަފްކުރަނީ


  • މި އިންޝުރެންސް މުޙައްރަމް 1447 އިން ފެށިގެން ދޭން ފަށާނެ

  • ޒަކާތުގެ ނިޒާމް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން

ޒަކާތު ފަންޑުގެ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމުލުކުރަމުންދާ ފަރާތްތަކުގެ ބޭސް ފަރުވާއަށް، އިންޝުރެންސް ތަޢާރަފްކުރަން ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެވުޒާރާއިން ވިދާޅުވީ، މި އިންޝުރެންސް މި ފެށުނު މުޙައްރަމް 1447 އިން ފެށިގެން ދޭން ފަށާނެކަމަށެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެލައިޑް އިންޝުރެންސާ ގުޅިގެންކަމަށެވެ. އެގޮތުން އެފަރާތްތަކަށް އިންޝުރެންސް ތަޢާރަފްކުރަނީ އާސަންދަ ކަވަރ ނުކުރާ ކަންކަމަށް އަމިއްލައަށް ހޭދަކުރުމަށާއި ބައެއް ފަހަރު ފުރާނަ ސަލާމަތްކުރުމަށްޓަކައި ރާއްޖެއިން ބޭރުން ކުރަންޖެހޭ ފަރުވާއާއި ގެންނަން ޖެހޭ ބޭސް ގެނައުމަށް މަގު ފަހިކުރުމަށްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގައި ޒަކާތަށް ޚާއްޞަ އިދާރާއެއް ޤާއިމުކޮށް ޒަކާތުގެ ނިޒާމް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެއެވެ. އެގޮތުން މިދިޔަ އަހަރަކީ މުދަލުޒަކާތަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު އަހަރެވެ. ޒަކާތު ފަންޑުން ފަޤީރުންނަށް ބޮޑު ޚަރަދެއް ދަނީ ކުރަމުންނެއެވެ.

އޭގެ ތެރޭގައި ދިރިއުޅުމުގެ ޟަރޫރީ ކަންކަމަށް އެހީވުމަށާއި ކޮންމެ އަހަރަކު ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ނަޤުދު ފައިސާގެ އެހީ ފޯރުކޮށްދިނުމާއި ފަޤީރުންގެ ބޭސް ފަރުވާއަށް ހޭދަކުރުމާއި މި ނޫންވެސް ގިނަ ކަންކަމަށް އެހީތެރިވެއެވެ. ޒަކާތު ފަންޑުގެ ފަޤީރުންގެ ދަފްތަރުގައި މިހާތަނަށް 2852 ފަޤީރުން ވަނީ ރަޖިސްޓްރީ ވެފައެވެ.

މިދިޔަ އޭޕްރީލް މަހު ޒަކާތު ފަންޑުން ފަޤީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް 1.7 މިލިޔަން ރުފިޔާގެ އެހީ ހަމަޖައްސާދީފައިވެއެވެ. އެއީ 111 މީހަކަށެވެ. އަދި އެމަހު އެހީގެ ގޮތުގައި ވަނީ 1.1 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ. އެހެން މަސްތަކެކޭވެސް އެއްގޮތަށް އޭޕްރީލްމަހު ވެސް އެންމެ ގިނައިން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނަށްކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.