ޙާފިޒުންނަށް ދޭ އެލަވަންސް އަންނަ މަހުން ފެށިގެން ދެ ގުނަ ބޮޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުީއްޒު ނިންމަވައިފިއެވެ. މިއީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅެކެވެ.
ޙާފިޒުންނަށް ދޭ އެލަވަންސް ދެގުނަ ބޮޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ވަޒީރުންގެ މަޖިލީހުގައި އެކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުއެވެ. އެލަވެންސް ބޮޑުކުރެއްވިކަން ހާމަކުރައްވާ ރައީސުލްޖުމްހޫރިއްޔާ، ވިދާޅުވީ ޙާފިޒުން ތަމްރީނު ކުރުމާއި ޙާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރު ކުރުމަކީ ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމުގައި ނުހަނު މުހިއްމު ކަމެއް ކަމަށް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި ވަޢުދު ވެފައިވާ ފަދައިން ޙާފިޒުންނަށް ދޭ އެލަވަންސް 1 ޖުލައި 2025 އިން ފެށިގެން ދެ ގުނަ އަށް ބޮޑު ކުރުމަށް މި ހަފްތާގައި އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ނިންމާފައި.
— Dr Mohamed Muizzu (@MMuizzu) June 24, 2025
ޙާފިޒުން ތަމްރީނު ކުރުމާއި ޙާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރު ކުރުމަކީ…
ޙާފިޒުންނަށް ދޭ އެލަވެންސް ދެ ގުނަ ކުރުމަށް ނިންމަވާފައިވާއިރު، ސަރުކާރުން ދަނީ މި ދާއިރާ ކުރިއަރުވުމަށް ގިނަ މަސައްކަތްކެއް ކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، އެންމެ އިސްކަމެއް ދެއްވާނެ ޤައުމީ ވާޖިބަކީ މާތްވެގެންވާ އިސްލާމްދީނަށް ނަޞްރުދިނުމެވެ.
އެކަމަށްޓަކައި ކީރިތި ޤުރްއާނުގެ ޢިލްމު ފެތުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށާއި ކީރިތި ޤުރުއާން ހިތުދަސް ހާފިޒުން އުފެއްދުމަށާއި އެ ކަމަށް ހިތްވަރުދީ މަގުކޮށައި ދިނުމަށް ސަމާލުކަން ދެއްވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މިގޮތުން ސަރުކާރުން މި ދާއިރާ ކުރިއެރުވުމަށް މާލީ ގޮތުންނާއި ވަސީލަތުގެ ގޮތުން ކުރެވޭ ހޭދަޔާއި ދެވޭ އިނާމަށް ކުރާ ހޭދަ އިތުރުކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެ، ޙާފިޒުންނަށް ސަނަދު ދިނުމަށް އޮންނަ އުޞޫލަށް ބައެއް ބަދަލުތައް ގެނެސްފައިވެއެވެ. އެގޮތުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، އައިޔޫއެމުން ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނަށް ސަނަދު ދެވޭނީ މީގެކުރިން ޤުރުއާނާބެހޭ މަރުކަޒުގެ އިމްތިޙާން ހެދުމަށްފަހުއެވެ. ނަމަވެސް މިހާރު އައިޔޫއެމުން ޤުރުއާން ހިތުދަސްކުރާ ކުދިން، ދަސްވެނިމުމުން ޤުރުއާނާބެހޭ މަރުކަޒުގެ އިމްތިޙާން ނުހަދާ ސަނަދު ދެވޭގޮތަށް އުޞޫލު ވަނީ ބަދަލުކޮށްފައެވެ.
މިކަންކަމާއެކު، ޙާފިޒުންނަށް ދޭ ސަނަދު އެމްކިޔުއޭއިން ޤަބޫލުކުރާ މިންގަނޑަށް ބަދަލުކުރުމަށް މިދިޔަ އަހަރު ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އެމްކިޔުއޭއާއެކު މަޝްވަރާކުރައްވާފައެވެ. މިމަޝްވަރާތަކަށް ފަހު މިހާރުވަނީ، ޙާފިޒުންނަށް ދޭ ސަނަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިޔުއޭއިން ޤަބޫލުކުރާ މިންގަނޑަށް ފައްތާފައެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓްއެއްގެ ގޮތުގައި ޙާފިޘުކަމުގެ ސަނަދު ބަލައިގަތުމަށް ވަނީ ނިންމާފައެވެ.