މިދިޔަ ބުރާސްފަތި ދުވަހު ނިމިގެން ދިޔަ އިންޓަ ސްކޫލު ކުރިކެޓު މުބާރާތުގެ 16 އަހަރުންދަށުގެ ޗެމްޕިއަންކަން ރެހެންދި ސްކޫލަށް ލިބުމުގައި ކުރިކެޓް ބޯޑު އޮފް މޯލްޑިވްސް (ސީބީއެމް)އިން ހިންގާ ޔޫތު ޑިވެލޮޕްމެންޓު ޕްރޮގްރާމުތައް (ވައިޑީޕީ) ބޮޑު ދައުރެއް އަދާކުރިކަމަށް ރެހެންދި ސްކޫލު ކޯޗު ސުދީޝް ސުދަން ބުނެފިއެވެ.
ހިއްލާލި ތައްޓާއެކު ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ސުދީޝް ބުނީ ރެހެންދިން މުބާރާތަށް ނުކުތް ޓީމުގައި ގިނަ އަދަދަކަށް ވައިޑީޕީއިން ތަމްރީނުވަމުން އައި ކުދިން ހިމެނޭކަމަށެވެ. އަދި މުބާރާތަކީ ސީބީއެމްއިން ވަރަށް ރަނގަޅަށް އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މުބާރާތެއްކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
"މުބާރާތް ދިޔައީ ވަރަށް ރަނގަޅަށް، ކުރިކެޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިކަން އިންތިޒާމުކޮށްފައި ވަނީ ވަރަށް ރަނގަޅަށް. ދެ އުމުރުފުރާވެސް ނިމިގެން މިދިޔައީ ވަރަށް ވާދަވެރިކޮށް" ސުދީޝް ބުނެފަވެއެވެ.
ރެހެންދި ސްކޫލުން މިމުބާރާތަށް ނުކުތް ޓީމަކީ ފާއިތުވެދިޔަ ދެ އަހަރު ވައިޑީޕީ އިން ތަމްރީނުވަމުން އައި ކުދިންތަކެއްކަމަށާ، އެއީ ހިތްވަރާ އެކު މަސައްކަތްކުރަމުންދާ ޓީމެއްކަމަށް ކާމިޔާބު ކޯޗު ބުންޏެވެ. އެހެންކަމުން މުބާރާތުން ލިބުނު ކާމިޔާބީ އަކީ އެކުދިންގެ ބުރަ މަސައްކަތްކަމަށް ކޯޗު ބުންޏެވެ.
އިންޓަ ސްކޫލު ކުރިކެޓު މުބާރާތަށް އަހަރުފެށުމާއެކު ރެހެންދިން ތައްޔާރުވާން ފެށިކަމަށާ، ގާތްގަނޑަކަށް ތިން ވަރަކަށް މަހުގެ ޕްރެކްޓިސް ޓީމަށް ކުރެވިފައިވާނެކަމަށް ސުދީޝް ފާހަގަކުރިއެވެ.
"މިމުބާރާތަށް ޚާއްސަވެގެން އެކުދިން ތައްޔާރުވާން ފަށައިފި އަހަރުފެށުމާއެކު، ތިންވަރަކަށް މަހުގެ ފަރިތަކުރުންތަކަކަށްފަހު މުބާރާތާ ކުރިމަތި ލާފަމިވަނީ. މީ ވަރަށް ބުރަކޮށް މަސައްކަތްކުރި ޓީމެއް" އިންޓަ ސްކޫލު ކުރިކެޓު މުބާރާތުގެ 16 އަހަރުންދަށުގެ ޗެމްޕިއަންކަން ހޯދި ރެހެންދި ސްކޫލުގެ ކޯޗު ބުންޏެވެ.
އިންޓަ ސްކޫލު ކުރިކެޓު މުބާރާތުގެ 16 އަހަރުންދަށުގެ ޗެމްޕިއަންކަން ރެހެންދިން ހޯދާފައިވަނީ ފައިނަލުގައި ތާޖުއްދީން ސްކޫލާއި ވާދަކޮށް 122 ލަނޑު 84 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައި ވަނީ މިމެޗުގައި ދެ ވިކެޓު ނެގި ރެހެންދި ޓީމުގެ އިބްރާހިމް އަބާން އަޒްލިފްއެވެ.
ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ސްކޫލްތަކުގެ މެދުގައި ބޭއްވި ކުރިކެޓު މުބާރާތް ކުރިއަށް ގޮސްފަވަނީ މިމަހުގެ 16 އިން 19އަށް މާފަންނު ކުޅިވަރު އެކުވެނީގެ އެއްނަމްބަރު ދަނޑުގައެވެ. 14 އަހަރުންދަށާ، 16 އަހަރުންދަށުގެ އުމުރުފުރާގެ ހަތަރު ޓީމަކުން މުބާރާތުގައި ވާދަކޮށްފަވެއެވެ.
އެއީ ތާޖުއްދީނު ސްކޫލާއި، ރެހެންދި ސްކޫލާއި، މުހްޔިއްދީނު ސްކޫލުގެ އިތުރުން އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުންނެވެ.