ކޮޅުމަޑުލު ގުރައިދޫގައި ސަރުކާރުން ތަރައްޤީކުރާ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއިން ފަށައިފިއެވެ. ގުރައިދޫގައި އެއަރޕޯޓެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދެކެވެ.
ގުރައިދޫގައި އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހުއެވެ.
2,272 މީހުންގެ އާބާދީއެއް އޮންނަ ތ. ގުރައިދޫ އަކީ އަތޮޅުގެ ގިނަ ބަޔަކު ވިޔަފާރި ކުރުމަށްޓަކައި ޒިޔާރަތްކުރަމުން އަންނަ ރަށެކެވެ. މި ރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި މަސްވެރިކަމާއ،ި ދަނޑުވެރިކަމާއ،ި ފަން ވިޔުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައިވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.
ގުރައިދޫގައި ގިނަ އަދަދެއްގެ ފިހާރަތަކާއި ތަފާތު އެކި ބާވަތްތަކުގެ ވިޔަފާރިތައް ކުރާއިރު އެރަށް ވެފައިވަނީ ސަރަޙައްދުގެ ވިޔަފާރީގެ ހަބަކަށެވެ. ރަށުގައި އެއާޕޯޓެއް އޮތުމަކީ ރަށު ރައްޔިތުންގެ ދުވަސްވީ ބޮޑު ހުވަފެނެކެވެ. އެއާޕޯޓުގެ ސަބަބުން ދަތުރުފަތުރުގެ ދާއިރާއަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާއިރު، އެކަމުގެ ސަބަބުން ގެސްޓް ހައުސް ވިޔަފާރިއަށްވެސް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ރަށުގެ ރައްޔިތުން ދެކެއެވެ.
ގުރައިދޫގައި އެއާޕޯޓެއް ހުޅުވިގެންދިއުމަކ،ީ މުޅި ތ. އަތޮޅަށްވެސް އިޤްތިޞާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ގިނަގުނަ ފައިދާތަކަކާއި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެއްކަމަށާއި އެއާޕޯޓްގެ ސަބަބުން އެސަރަހައްދުގައި ފަތުރުވެރިކަން އިތުރަށް ތަރައްގީވެ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.
ތ. ގުރައިދޫގައި އެއާޕޯޓު ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ކުރަން ވަނީ ނިންމައިފައެއވެެ. މި މަޝްރޫއުގެ ދަށުން 13.80 ހެކްޓަރުގެ ބިން ހިއްކުމާއ،ި 979 މީޓަރުގެ ސަރަހައްދެއްގައި ހިލަ ރެވެޓްމެންޓެއް ޖެހުމާއ،ި 609 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމުގެ މަސައްކަތް ހިމެނެއެވ.ެ މިއީ 106.02 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.