ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ ފަންނުވެރިކަމާއި ހުނަރުތައް ދެނެގަތުމުގެ ގޮތުން ކުރިއަށް ގެންދިޔަ "ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓްގެ ރިޕޯޓް" އިފްތިތާހްކޮށްފިއެވެ.
މިއީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއި ވާރލްޑް ބޭންކް ގުޅިގެން ކުރިއަށް ގެންދާ "ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބަރ ސަރވިސަސް" (ސެއިލްސް) މަޝްރޫޢުގެ ދަށުން އިޤްތިޞާދީ ދާއިރާތަކަށް ބޭނުންވާ ފަންނުވެރިކަމާއި މަސައްކަތުގެ ހުނަރުތައް ދެނެގަތުމަށްޓަކައި ހިންގުނު ދިރާސާގެ ހޯދުންތަކާއި ހުށަހެޅުންތައް ހިމެނޭ ރިޕޯޓެވެ.
މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ރިޕޯޓް ލޯންޗްކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަލްއުސްތާޛް ހުސައިން މުހައްމަދު ލަޠީފްއެވެ.
2024 ވަނަ އަހަރު ކުރިއަށްގެންދިޔަ މިދިރާސާގެ އަމާޒަކީ ހޯދުންތަކުގެ އަލީގައި، ތަމްރީނުދޭ މުއައްސަސާތަކުން ހިންގާ ތަމްރީނު ޕްރޮގްރާމްތަކާއި، ވަޒީފާދޭ ފަރާތްތަކުން ބޭނުންވާ ހުނަރުތަކާ ދެމެދު ހުރި ފަރަގު ދެނެގަނެ، ރާއްޖޭއަށް ބޭނުންވާ ޢިލްމާއި މަސައްކަތުގެ ހުނަރު ދަސްކޮށްނިދުމުގެ މަގުޗާޓެއް އެކުލަވާލުމެވެ. މީގެ އިތުރުން މިދިރާސާގެ ހޯދުންތަކުން އެހީގައިރާއްޖޭގެ އިޤްތިޞާދުގައި ހިމެނޭ މަސައްކަތުގެ ދާއިރާތަކުގެ މަޢުލޫމާތު އެއްކުރެވިފައިވާ ލޭބަރ މާކެޓް އިންފޮމޭޝަން ސިސްޓަމެއް ޤާއިމުކުރުމާއި ނެޝަނަލް ކެރިއާސް ސާރވިސް މެދުވެރިކޮށް ވަޒީފާ ހޯދަމުންދާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާކުރުމަކީވެސް މި ދިރާސާގެ ބޭނުމެކެވެ.
މި ދިރާސާގެ މަސައްކަތް ގުޅިފައިވަނީ ސަރުކާރުގެ އަމާޒެއްކަމުގައިވާ ހުރިހާ ދިވެހިންނަށް ވަޒީފާ ފަހިކުރުމުގެ ސިޔާސަތާއެވެ. މިގޮތުން ވަޒީފާގެ ފުރުޞަތު ފަހިކުރުމުގެ ސިޔާސަތުތައް ފުރިހަމަ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އެކަށައެޅުމަށްޓަކައި ކޮށްފައިވާ މި ދިރާސާގައި މުޅި ރާއްޖެ ހިމެނޭހެން އިޤްތިޞާދީ 7 ދާއިރާއަކުން މަޢުލޫމާތު އެއްކޮށްފައިވެއެވެ.
1. ފަތުރުވެރިކަމުގެ ދާއިރާ
2. ޢިމާރާތްކުރުމުގެ ދާއިރާ
3. އިޖްތިމާޢީ ދާއިރާތައް: ތަޢުލީމީ ދާއިރާ އަދި ސިއްޙަތާއި އިޖްތިމާޢީ ޚިދުމަތްތެރިކަމުގެ ދާއިރާ
4. ހޯލްސޭލް ރީޓެއިލް، ވިޔަފާރީގެ ދާއިރާ
5. އިންފޮމޭޝަން، ކޮމިއުނިކޭޝަން، ޓެކްނޮލޮޖީ (އައި.ސީ.ޓީ) ދާއިރާ
6. ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާ
7. ދަތުރުފަތުރުގެ ދާއިރާ
ދިރާސާގައި ހިމަނާފައިވާ ދާއިރާތަކުގައި ހިމެނޭ މަސައްކަތްތެރިންގެ ތަފާސްހިސާބު އަދި ކޮންމެ ދާއިރާއަކަށް އެންމެ ބޭނުންވާ ތަމްރީނާއި ހުނަރުތަކަށް ދިރާސާގައި އަލިއަޅުވާލާފައިވެއެވެ.
މިގޮތުން ދިވެހި އަދި ބިދޭސީ މަސައްކަތްތެރިންގެ އިންސައްތަ، އެކި ވަޒީފާތަކުގައި އަންހެނުންނާއި ފިރިހެނުން ހިމެނޭ މިންވަރު، އަދި ރާއްޖޭގެ އެކި ސަރަހައްދު ތަކަށް ވަކިން ބަލާލާ މަޢުލޫމާތު އެނަލައިޒް ކޮށްފައިވާކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި ކޮންމެ ދާއިރާއަކަށްވެސް މިހާރުން މިހާރަށް މީހުން ބޭނުންވާ މުހިއްމު ދާއިރާތައް އަދި މުސްތަގްބަލުގައި އިތުރުވެގެންދާނެ ވަޒީފާ ތަކަށާއި އެންމެ ބޭނުންވާ ތަޢުލީމާއި ހުނަރުތައް މިދިރާސާގެ ހޯދުންތަކުގައި ބަޔާން ކޮށްފައިވެއެވެ.
މިދިރާސާގައި ފާހަގަ ކުރެވިފައިވާ ގޮތުގައި ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ވަޒީފާގެ ފުރުޞަތުތައް އެންމެ އިތުރުވެގެންދާނެ ކަމުގައި ފާހަގަ ކޮށްލެވޭ އެންމެ މުހިއްމު ދާއިރާތަކަކީ ޓުއަރިޒަމް، ކޮންސްޓްރަކްޝަން، ހެލްތް، ދާއިރާ އަދި އައި.ސީ.ޓީ ދާއިރާއެވެ.
މިދިރާސާއިން ތައުލީމާއި ތަމްރީނުތަކާއި ވަޒީފާގެ ބާޒާރުގެ ބޭނުންތަކާއި ހުރި ގުޅުން ހަރުދަނާކުރަން ޖެހިފައިވާ މިންވަރު ވަރަށް ބޮޑަށް ފާހަގަކޮށްފައިވެއެވެ. މިގޮތުން ވޮކޭޝަނަލް އެޑިއުކޭޝަން އަދި ޓްރޭނިން ޕްރޮގްރާމްތައް ހަރުދަނާކުރުމާއެކު، މައިކްރޯ ކްރެޑެންޝަލް ޕްރޮގްރާމްތައް ތަޢާރަފްކޮށް، ދަރިވަރުންނަށް ފަހަރަކު މަރުޙަލާއެއް ފުރިހަމަކުރެވޭނެ މޮޑިއުލަރ ކޯސްތަކެއްގެ ގޮތުގައި، ދަރިވަރުންނަށް އަމިއްލަ ސްޕީޑުގައި ހުނަރުތައް ބިނާކުރެވޭނެ ނިޒާމް ހަރުދަނާކުރުމަށާއި، މެދުނުކެނޑި ހުނަރުވެރިކަން ތަރައްޤީކުރުމުގެ ސަގާފަތެއް އާލާކުރުމަށް ބާރުއަޅާފައިވެއެވެ.
ވަޒީފާގެ މައުލޫމާތު އެގިގެން މަސައްކަތް އިހްތިޔާރުކުރުމަށްޓަކައި ހަރުދަނާ ކެރިއަރ ގައިޑެންސް އަދި ކައުންސެލިންގްގެ ޚިދުމަތްދޭ ނިޒާމެއް ތަންފީޒުކުރުމަށް ހުށަހަޅާފައިވެއެވެ.
މީގެ އިތުރުން ޓްރެއިނިންގް އަދި ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގައި ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްތަކަށް ދިއުމަށާއި، ސްކޮލަރޝިޕް، ސްޓަޑީ ލޯން، އަދި ހިލޭ ޑިގްރީ ޕްރޮގްރާމްތައް ފަދަ މަތީ ތައުލީމަށް އެހީ ފޯރުކޮށްދެވޭ ޕްރޮގްރާމްތަކުގައި ހުނަރުގެ ދަތިކަން ހުރި ދާއިރާތަކަށް އަމާޒުކޮށްގެން އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްކަންދިނުމަށް ރިކޮމެންޑްކޮށްފައިވެއެވެ. އަދި މަތީ ތަޢުލީމަށް ދެވޭ އެހީއާއި އިނާޔަތްތަކުގެ ފައިދާ ގަވާއިދުން އިވެލުއޭޓްކޮށް، ދަރިވަރުންގެ ބޭނުންތަކާއި ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތަކާއި އެހީގެ ޕްރޮގްރާމްތައް ގުޅުވާލުމަށް ރިކޮމެންޑް ކުރެވިފައިވެއެވެ.
ވަޒީފާތަކުގައި މިންތީގެ ހަމަހަމަކަން ބިނާކުރުމަށްޓަކައި އާއިލާއާއި ރައްޓެހި މަސައްކަތުގެ ސިޔާސަތުތަކާއި ސަގާފަތެއް ގެންނަން ޖެހޭކަން ހާއްސަކޮށް ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން އެކި ތަފާތު ދާއިރާތަކަށް މުހިއްމު ކްރޮސް-ކަޓީންގް ކަންތައްތަކުގެ ތެރޭގައި ކްލައިމެޓް ރެސިލިއަންސް އާއި ގުޅޭ ތަމްރީނު ޕްރޮގްރާމްތަކާއި، ކުރިއަރަމުންދާ އާ ޓެކްނޮލޮޖީގެ ތަރައްޤީއާ އަރާހަމަ ކުރެވޭނެ ޕްރޮގްރާމްތައް ތައާރަފްކޮށް ކުރިއަށް ގެންދިއުން ހިމެނެއެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ތައުލީމާއި ވަޒީފާގެ ފުރުސަތުތައް ފުޅާ ކުރުމުގެ މުހިއްމުކަމަށް އަލިއަޅުވާލާފައިވެއެވެ.