ޓުއަރިޒަމް

ފަތުރުވެރިކަމުގެ ސިނާއަތުގެ ސަލާމަތާ ގުޅޭގޮތުން މަޝްވަރާކޮށްފި


ފަތުރުވެރިކަމުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ، މަޓީގެ އިސް ބޭފުޅުންނާ މަޝްވަރާކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގައި މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މިހާރު ދުނިޔެއަށް ކުރިމަތިވަމުންދާ ޓެރަރިޒަމްގެ ނުރައްކާތަކާއި، ސަލާމަތާއި ރައްކާތެރިކަމާ ގުޅުން ހުރި ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާޢަތަކީ ރާއްޖެއަށް އެންމެ މުހިންމު އިޤްތިޞާދީ މައިނާރުކަމަށްވާތީ، ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެދާނެ ނުރައްކާތަކާއި، އެކަންކަމުން ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ޑިފެންސް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

މި ބައްދަލުވުމުގައި މަޓީގެ ޗެއަރމަން މުޙައްމަދު ޢުމަރު މަނިކާއި ވައިސް ޗެއަރމަން ޙުސައިން ޢަފީފް ބައިވެރިވެވަޑައިގަތެވެ. އަދި މި ބައްދަލުކުރެއްވުމުގައި ޑިފެންސް މިނިސްޓްރީއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.